ރައްޔިތުންގެ ޝަކުވާތައް ބަލައިގަނެ، އެކަންކަން މެނޭޖްކޮށް ޖަވާބުދާރީވުމަށް ރައީސް މުހައްމަދު މުއިއްޒު އޭޕްރީލް މަހު އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ފުރިހަމައަށް ހިނގައިގަންނަން އަދި ދެ މަސް ދުވަސް ނަގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ސީސީބީ ފުރިހަމައަށް އޮޕަރޭޓްކުރަން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހުރި ސަރުކާރުގެ އިދާރާތައް ސީސީބީއާ ގުޅާލުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެކަމަށް ދެ މަސް ދުވަސް ނަގާނެ ކަމަށެވެ.
"މިއީ ފުދޭ ވަރަކަށް އުނދަގޫ މަސައްކަތެއް،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ހިދުމަތް ފަށައިގަންނައިރު އެއްވެސް މައްސަލައެއް ދިމާނުވާނެހެން ކަންކަން ތަރުތީބުކުރުމެވެ.
އަތޮޅުތެރޭގެ އިދާރާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ސަރުކާރު އޮފީސްތަކަކުން ހުށަހަޅާ ޝަކުވާތައްވެސް، އެއް ފެންވަރެއްގެ އަވަސްމިނެއްގައި ބިއުރޯއަށް ލިބި، ކަމާގުޅޭ ދާއިރާތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސީސީބީ ފުރިހަމައަށް އޮޕަރޭޓްކުރަން ފެށުމުން މިހާރު ތަރައްގީކުރަމުންދާ ޕޯޓަލް އާއި 24 ގަޑިއިރު އޮޕަރޭޓުކުރާ ހެލްޕްލައިން މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެ އިދާރާގެ ސޯޝަލް މީޑިއަ ހޭންޑަލްތައް މެދުވެރިކޮށް، އަދި ސިޓީ ފޮނުވައިގެންވެސް ޝަކުވާހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީސީބީއަށް މިހާރު ޑިވެލޮޕްކުރަމުންދާ ޕޯޓަލްއަކީ އޭއައި ޕަވާޑް ޕޯޓަލްއެއް ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާ އޮތް މަރުހަލާ ބަލާލެވޭނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި ރައީސް އޮފީހަށް މިހާރުވެސް ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް ކުރިއަށްދެ އެވެ.
ކުރީގައި ރައީސް އޮފީހަށް އަންނަ ސިޓީތަކާއި ޝަކުވާތައް އެކި ސެކްޝަންތަކަށް ބެހިގެންދިޔަ ނަމަވެސް، މިހާރު އޮފީސް ތެރޭގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އެފަދަ ހުރިހާ ލިޔެކިޔުންތަކެއް ސީސީބީގެ ވެރިޔާއަށް ދާގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސީސީބީ ހިންގުމަށް މިނިސްޓަރުން ފެންވަރުގައި މުހައްމަދު މާހިދު ޝަރީފް މިދިޔަ މަހު ވަނީ އައްޔަންކުރައްވާފަ އެވެ. މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ރައްޔިތުން ހުށަހަޅާ ޝަކުވާ މެނޭޖްކޮށް ޖަވާބުދިނުން ކަމަށެވެ.
ސީސީބީ ފުރިހަމައަށް ހިނގައިގަންނަން ދެ މަސް ދުވަސް ނަގާނެ: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ