ބެލްޖިއަމަށް އެއް ވަނަ، އިރާން އަތުން ޕޮއިންޓެއް ހޯދައި މިސްރު ދެ ވަނަ ބުރަށް

ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 5-1 އިން ނިއު ޒީލެންޑް ބަލިކޮށް ބެލްޖިއަމުން ގްރޫޕް އެއް ވަނަ ހޯދިއިރު، އިރާން އަތުން 1-1 އިން އެއްވަރުވެ، މިސްރު ވެސް ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، މިސްރަށް ވޯލްޑް ކަޕްގައި މޮޅެއް ވެސް ލިބިފައިނުވެ އެވެ. އެކަމަކު، އެ ޓީމުން މި ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުން ޖާގަ ހޯދައިފަ އެވެ. 
ބެލްޖިއަމަށް ފަސް ޕޮއިންޓް ލިބުނުއިރު، މިސްރުން ވެސް ފަސް ޕޮއިންޓް ހޯދި އެވެ. ބެލްޖިއަމަށް ކުރި ލިބުނީ ފައިދާ ލަނޑުންނެވެ. ތިން ވަނަ އަށް ދިޔަ އިރާނަށް ތިން ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ބުރުގެ ޖާގަ އެ ޓީމަށް ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިއްޖެނަމަ އެވެ. ނިއު ޒީލެންޑް ނިންމާލީ ޕޮއިންޓަކާ އެކު އެވެ. 
އިރާން ކޮޅަށް މިސްރުން ވަނީ ފަސް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، އޭރިއާތެރެއިން މިސްރުގެ މުހައްމަަދު ސަލާހު ކުރި އެޓޭކެއްގައި، ތަނަވަސްވި ފުުރުސަތެއްގައި، މުހައްމަދު ސަބޭރު ޖެހި ގޯލެކެެވެ. ސަބޭރު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިރާންގެ ގޯލްކީޕަރު، އަލީ ރެޒާ ބީރަންދުވާންދު ފައިދަށުންނެވެ. 
މެޗުގެ 11 ވަނަ މިނިޓްގައި އިރާނަށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ އަށް ކުރި ފައުލަކަށް ހޯދި ޕެނަލްޓީއެއްގައި އޭނާ ފޮނުވާލި ބޯޅަ މިސްރުގެ ކީޕަރު، މުސްތަފާ ޝުބޭރު ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން، ޝުބޭރު އަތުގައި ޖެހިފައި ނުކުތް ރީބައުންސެއްގައި ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ރަމީ ރެޒައީން ވަނީ އިރާނަށް އެއްވަރުކޮށްދީފަ އެވެ. 
މިސްރުން ދެ ވަނަ ހާފުގައި ލަނޑެއް ޖެހުމަށް އަވަސް ކުޅުންތަކަކާ އެކު އޭރިއާތެރެއިން މަހުމޫދު ޓްރެޒެގޭ ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ. އަދި، އޭގެ ފަހުން ވެސް އެ ޓީމުން ތަނަވަސްކުރި ގިނަ ފުރުސަތުތަކެއް ވަނީ ނާކާމިޔާބުވެފަ އެވެ. 
މެޗުގެ އިތުރު ވަގުުތުގައި އިރާންގެ ޝޯޖޭ  ހަލީޒާދޭ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 
ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމަށް ފުރަތަމަ ދޭން ނިންމި ޕެނަލްޓީ ވަނީ ވީއޭއާރުން ބަލައިފައި ނުދޭ ގޮތަށް ބަދަލުކޮށްފަ އެވެ. އެއީ، އަތުގައި ޖެހުނު ބޯޅައެއް ކަމަށް ނުބެލެވޭތީ އެވެ.
ބެލްޖިއަމުން މުޅިން ކޮންޓްރޯލް ނަގައިގެން ކުޅުނު ފުރަތަމަ ހާފުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ، 28 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް އެވެ. މިއީ، ކޯނަރެއްގައި ލިބުނު ބޯޅައަކުން ޓްރޮސާޑް ޖެހި ގޯލެކެެވެ.  ދެ ވަނަ ހާފު ފަށައިގެން އިރާނަށް ލީޑުފުޅާކޮށްދިނީ ވެސް ޓްރޮސާޑް އެވެ. މިއީ، 2022 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅުނު ފަހު މެޗުގައި މިޝީ ބަޓްޝުއާޔީ، ކެނަޑާ ކޮޅަށް ލަނޑު ޖެހި ފަހުން ބެލްޖިއަމް ކުޅުންތެރިއަކު ވޯލްްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމުން ފުރަތަމަ ކުޅުނު ދެ މެޗުގައި ޖެހި ގޯލަކީ، މިސްރުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 
ފުރަތަމަ ހާފާ ހިލާފަށް އެޓޭކުގައި ބެލްޖިއަމުން ހަމަޖެހިލައިގެން ކުޅެ ތަނަވަސްކުރި ފުރުސަތުތަކުގެ ބޭނުންހިފި އެވެ. އެ ގޮތުން، މެޗުގެ 66 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ޑި ބްރޭނާ ލަނޑު ޖެހި ހަތަރު ވަނަ ވޯލްޑް ކަަޕް އެވެ. 
އޭގެ ފަހުން، ބެންޗުން އަރައި ރޮމެލޫ ލުކާކޫ ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، އިތުރު ވަގުތުގެ ތެރޭގައި އަލެކްސިސް ސަލަމޭކާ ވަނީ ބެލްޖިއަމްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ