ޒިއުރިކް (ޖޫން 6) - އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްލަބް ބެނިފިޓް ޕްރޮގްރާމް އަށް ފީފާ ކައުންސިލުން 335 މިލިއަން ޑޮލަރުގެ ރެކޯޑް ބަޖެޓެއް ހަމަޖައްސައިފި އެވެ.
މީގެ ކުރިން ފީފާ ވޯލްޑް ކަޕްގެ ކްލަބް ބެނިފިޓް ޕްރޮގްރާމްގައި ފައިސާ ދެނީ ވޯލްޑް ކަޕަށް ކުޅުންތެރިން ރިލީސްކުރުމަށް އެކަންޏެވެ. އެހެން ނަމަވެސް، މި ފަހަރު ގެނެވުނު ބަދަލާ އެކު، ފީފާ އިން ވަނީ ވޯލްޑް ކަޕް ކޮލިފައިން އަށް ކުޅުންތެރިން ރިލީސްކޮށްފައިވާތީވެ، އެ ކަމަށް ވެސް މާލީ ބަދަލެއް ދޭން ނިންމައިފަ އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ކަނޑައެޅި ކްލަބް ބެނިފިޓް ޕްރޮގްރާމްގެ ފަންޑަށް ވުރެން މި ފަހަރުގެ ބަޖެޓް މި ވަނީ 70 ޕަސެންޓް އިތުރުވެފަ އެެވެ. މި ފަހަރުގެ ކްލަބް ބެނިފިޓް ޕްރޮގްރާމްގައި މައިގަނޑު އޮތީ ދެ ބަޔެކެވެ. އެ ގޮތުން، 250 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ، މި މަހުގެ 11 އިން އަންނަ މަހުގެ 19 އަށް އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިންގެ ރިލީސް އަށް ދޭން ޖެހޭ ފައިސާގެ ބަޔަށެވެ. އެއީ، ކޮންމެ ކުޅުންތެރިއަކަށް ދުވާލަކަށް 5000 ޑޮލަރުގެ މަގުންނެވެ.
މީގެ އިތުރުން، ވޯލްޑް ކަޕް ކޮލިފައިން އަށް ވަނީ 100 މިލިއަން ޑޮލަރުގެ ބައެއް ހިމަނައިފަ އެވެ. އެއީ، ޖުމްލަ އެކު، 905 ކޮލިފައިން މެޗު ކުޅެފައިވާއިރު، ކޮންމެ މެޗަކަށް ކުޅުންތެރިއަކަށް 2360 ޑޮލަރުގެ މަގުންނެވެ.
ފީފާ އިން ވަނީ ފަސް މިލިއަން ޑޮލަރު ރިޒާވް ބަޖެޓެއްގެ ގޮތުގައި ބަހައްޓަން ކަނޑައަޅައިފަ އެވެ. އެއީ، އެޑްމިނިސްޓްރޭޝަން އާއި އިމްޕްލިމެންޓޭޝަންގެ އިތުރުން މިކަމާ ގުޅިގެން ކުރިމަތިވެދާނެ އިންސިޑެންޝިއަލް ހާލަތަކަށް ބަލައި ކަނޑައަޅާފައިވާ ބަޖެޓެކެވެ. ފީފާ އިން ކްލަބް ބެނިފިޓް ޕްރޮގްރާމްގެ ކަންކަން ކުރިއަށްގެންދާނީ، ޔޫރަޕްގެ ފުޓްބޯޅައިގެ ޖަމިއްޔާ، ޔޫރަޕިއަން ފުޓްބޯލް ކްލަބް (އީއެފްސީ)ގެ ބެލުމުގެ ދަށުންނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ކްލަބް ބެނިފިޓް ޕްރޮގްރާމަކީ އަބަދުވެސް ފީފާ އިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އެ ގޮތުން، މި ފަހަރުގެ ވޯލްޑް ކަޕަށް ރެކޯޑް މިންވަރެއްގެ ބަޖެޓެއް ކްލަބް ބެނިފިޓް ޕްރޮގްރާމަށް ހަމަޖެހިގެންދިއުމަކީ، ފުޓްބޯޅައިގެ ކަންކަމަށް އަންނަ ބަދަލުތަކާއި ފީފާގެ އާމްދަނީ އަށް ވެސް ބެލުމަށް ފަހު ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
"ކޮލިފައިން އާއި ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިމެނޭހެން 1000 މެޗަށް ވުރެން އިތުރު އެބަވޭ. އެހެންވީމަ، އެ އަދަދަށް ކުޅޭ މެޗުތަކަކަށް މިހާރު މި އޮތީ އެކަށޭނެ ބަޖެޓެއް ކަމަށް ބެލެވެނީ،" އިންފަންޓީނޯ ވިދާޅުވި އެެވެ.
އީއެފްސީގެ ޗެއާމަން އަދި ޕީއެސްޖީގެ ރައީސް، ނާސިލް އަލް ހެލައީފީ ވިދާޅުވީ، ކްލަބް ބެނިފިޓް ޕްރޮގްރާމަކީ ކްލަބްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި، ފީފާ އާއި އީއެފްސީން އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ފުޓްބޯޅައިގެ ދެމެހެއްޓެނިވި ތަރައްގީ އަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ފީފާ ވޯލްޑް ކަޕްގެ ކްލަބް ބެނިފިޓް ޕްރޮގްރާމްގެ އަގު 335 މިލިއަން ޑޮލަަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ