ބުހުތާން ދޮގުހެދުމަކީ މަސްތެއް - މަސްތަކީ ބުއްދިފިލުން

ދޮގު ހަދާހަދާ ގޮސް ދޮގުހުސްވެ، ދޮގު ކޮސްވާ ވަރަށް ދޮގުހެދޭނީ ވަރަށް ކުޅަދާނަ ވެގެންނެވެ. އެފަދަ ދޮގުތަކަކީ އިންސާނީ ހަމަތަކާއި ހިލާފު ނަފްސާނީ ބަލިމަޑުކަމެކެވެ. ދެވިހިފުމެކެވެ. މަސްތެކެވެ. 
މަސްތުވުމުގައި ދެވިހިފާފައިވާ ވާހަކަ އަޑު އިވޭ ހިސާބުން ވަގުތުން މީހުން  ގުޅުވާލަނީ ރަލާއި ޑްރަގާއި ނިކޮޓިން ނުވަތަ ޖުވާ ކުޅުމާއި އެވެ. ފަހުގެ ސެންޗަރީ ތަކުގައި ސައިކޮލޮޖިސްޓުން ވަނީ މަސްތުގައި ދެވިހިފާފައިވުން އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް ދިރިއުޅުމުގެ ބައެއްކަހަލަ އާދަކާދަ ތަކާއިވެސް ގުޅޭކަމަށް ބަލައިގެންފައެވެ. އޭގެ ތެރޭގައި ޖުވާކުޅުން، ގޭމްކުޅުން، އާދަޔާއި ހިލާފަށް އިންޓަރނެޓް ބޭނުން ކުރުމާއި އޭގެ އިތުރުން އިންސާނީ ސިކުނޑި އާދަޔާއި ހިލާފަށް ހަރަކާތް އިތުރުކުރާ ކަންކަން މަސްތުވެ ދެވިހިފުމާއި ގުޅުވާލާފައިވެއެވެ. އެ ފަދަ ކަންކަން މާހިރުން މާނަކުރަނީ ސިކުނޑިއަށް ވަނައެއް ދިނުން ފަދަ ކަންކަމާއެވެ. އަދި އެ ކަންކަމުގެ ސަބަބުން ސިކުނޑިއަށް ގެންލުން ލިބޭކަމަށްވެސް ދިރާސާތަކުން ދައްކާ ކަމަށް މާހިރުން ހާމަ ކުރެއެވެ.
އިސްލާމް ދީނުގައި މަސްތުވާ އެއްޗެތި މާނަކޮށްފައިވާ ގޮތް ދިވެހި ފޮތްތަކުގައި ވަނީ ހަމަ ބުއްދި ފިލާދާ ކޮންމެ އެއްޗަކީ ރާކަމަށެވެ. އަދި ރަލަކީ ހަރާމް އެއްޗެއް ކަމެވެ. ވި ތަރުޖަމާގެ އިތުރު ތަފުސީލެއް ޕްރީޕެއިޑް ޝެއިހުން ކިބައިން ސާފުކުރަން އުޅުމަކީ ތަރުޖަމާ އިތުރަށް އޮޅިގެންދިޔުމަށް މަގުފަހިވާނެ ކަމެއް ކަމަށް ނޫނީ ނުވާނެއެވެ.  
މިހާ ހިސާބުން މުހިންމު ސުވާލުތަކެއް މާހިރުން ކުރިމަތި ކުރުވައެވެ. ޖުވާ ކުޅުމުގެ ސަބަބުން އިންސާނީ ބުއްދިއަށާއި ދިރިއުޅުމުގެ އާދަތަކަށާއި ނަފުސަށާއި ތިމާއާއި ގުޅިފައިވާ ގިނަ ފަރާތްތަކަކަށް ބަދަލުތަކެއް އަންނަ ނަމަ، ހިފެހެއްޓުމެއްނެތި ދޮގުހެދުން މަތީ ދެމިހުރި ހުރުން ނުވަތަ ދެވިހިފުމަކީ ވެސް އިންސާނީ އަހުލާގަށް ނުރަގަޅު ބަދަލު ތަކެއް އަންނަ ކަމެކެވެ. އަދި ހިފެހެއްޓުމެއްނެތި ދޮގުހެދުމަކީ އާދައިގެ ވަބާއަކަށް ވުރެ ބޮޑަށް މަސްތެއް ކަމަށް މާހިރުން ގަބޫލު ކުރާ ކުރުން އިތުރު ވެއެވެ. 
އަދުގެ ދުނިޔޭގައި ޖުވާކުޅުމަށް ދެވިހިފާފައިވުމަށް އިޝާރާތްކޮށް މާހިރުން ފާހަގަކުރަނީ ޖުވާއަކީ ދިރިއުޅުމުގެ އަހުލާގީ ދެވިހިފުމެއް ކަމުގައެވެ. ސަބަބެއްކަމަށް އެބޭބޭފުޅުން ފާހަގަ ކުރަނީ ޖުވާގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް އެނގިހުރެ އެކަންކަން ހުއްޓާލަން އިންސާނީ ހަމަ ބުއްދި ނުކުޅެދޭތީއެވެ. ޖުވާ ކުޅުމުން މާލީ، އިޖްތިމާއީ އަދި ނަފްސާނީ ގެއްލުންތަކާއި ކުރިމަތި ލާން ޖެހޭކަމަށް ސައިކޮލޮޖިސްޓުންގެ ދިރާސާ ތަކުން ފެންނަން ހުރި ކަމަށް އެފަރާތްތައް ފާހަގަ ކުރެއެވެ.
ދިރާސާ އިލްމުވެރިން ވަނީ އިންޓަރނެޓް މެދުވެރިކޮށް ކުޅޭ ބައެއްކަހަލަ ގޭމްތަކާއި ބައެއް ކަހަލަ ޖިންސީ އެދުންތަކާއި އާދަޔާއި ހިލާފަށް ގިނައިން އިންޓަރނެޓުގެ ބޭނުންކުރާ ކުރުން އެކަމަކީ ނުކޮށް ދޫކޮށްލުމުން ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިވާނަމަ އެކަމަކީވެސް ދެވިހިފާ މަސްތެއް ކަމަށް ގަބޫލު ކުރަން ފަށާފައެވެ. 
އަލަށް އުފެދޭ ތަރުޖަމާ އަކީ މަސްތުގެ ބަސް ރަލާއި ޑްރަގާއި ޖުވާއަށް ކުރުވެފައި އޮތްއޮތުމުގެ ނިމުމުގެ ފެށުމެވެ. މަސްތާއި ދެވިހިފުމުގެ ފަހުގެ ތަރުޖަމާ އަކީ ވަށާޖެހޭ ފަދަ ގޮތަކަށް ތަޖުރިބާ ކާރުން މާނަ ކުރާ އިސްތިލާހުތަކެކެވެ.
މި އިސްތިލާހު ގިނަ ތަޖުރިބާ ކާރުން ބަލައިގަންނަނީ 
1- ކަމަކަށް އިންތިހާއަށް ބޭނުންވެ އެއާއި ވަކި ނުވެވޭ ވަރު ވުމާއި
2- މަޖުބޫރީ ހާލަތަކަށް އިންސާނާ ވައްޓާލުމާއި
3- ވަގުތީގޮތުން އަމިއްލަ ނަފުސަށް އެކަމެއް ހާސިލް
ވުމުން އެރުވޭ ޝަރަފު ނުވަތަ ހަދިޔާއާއި 
4- 1،2 އަދި 3 ތަކުރާރު ވުމާއި 
5- ތަކުރާރު ވުމުގެ މަރުހަލާއިގައި އެ އެއްޗެއް ބޭނުންވާ މިންވަރު މަދުވާން ފެށި، އެއެއްޗެއްގެ މިންވަރު އިތުރުވުމާއި 
6- ހަށިގަނޑާއި ނަފުސަށް ލިބޭ ގެއްލުން އެނގިހުރެ އެ އެއްޗަކާއި ވަކި ނުވެވުން. 
ހިފެހެއްޓުމެއް، ވިސްނުމެއް ނެތި ކަށީގައި ހިފާފައިވާ ބީދައިން ދޮގުހެދުމަށް ނަފުސާނީ އިލްމުވެރިން ދީފައިވާ ނަމަކީ ސޫޑޮލޮޖިއާ ފެންޓާސްޓިކާއެވެ. މި ކަމުގައި ހިމެނެނީ އުފަލަކަށް ދޮގުހެދުމާއި އޮޅުވާލުމެވެ. އާންމުކޮށް މީހުން ބުނެލާ ދޮގުބަހަކާއި މި ފަދަ މީހުންނާއި ހުރި ތަފާތަކީ ކަންކަމުން ބޯދަމައިގަތުމަށް ފަސޭހަކަމާއި އެކު ބުނެލާބުނުންތަކަކަށް ވުމެވެ. މިފަދަ މީހުން ބުނެލާ ގިނަ ބުނުންތައް ގުޅުވަން މަސައްކަތް ކުރަނީ އަމިއްލަ ނަފުސުގެ ދިފާއުގައި ބުނާ ބުނުން ތަކެއްގެ ގޮތުގައެވެ.
ހައްދުފަހަނަ އަޅާ ފައިވާ މިންވަރަށް ދޮގު ހަދާ މީހުން އާދައިގެ ކުދި ކަންކަމުގައިވެސް ދޮގުހެދެއެވެ. މިކަން ގިނަ ފަހަރު ވަނީ އިހުތިޔާރުން ބޭރު ކަމަކަށެވެ. އެއްވެސް މަންފާއެއް ނެތް ކުދި ކުދި ކަންކަމުގައިވެސް މި މީހުން އިސް ކުރާނީ ދޮގެވެ. ދޮގެއް ބުނުމުން ލިބޭ ގެއްލުމަށްވުރެ ތެދަކުން ލިބޭނެ މަންފާ ނުވަތަ ފަސޭހަކަން އިތުރު ނަމަވެސް އެ މީހުން އިހުތިޔާރު ކުރާނީ ދޮގެވެ. 
މަސްތުވުމަށް ދެވިހިފުމާއި ދޮގުހެދުމުގެ އާދަތަކާއި ހުރި އެއްގޮތް ގިނަގުނަ ސިފަތަކެއް ދިރާސީ އިލްމު ވެރީން ފާހަގަ ކުރެއެވެ. ކޮންމެ ކަހަލަ މަސްތަކީ ވެސް ނަފުސު ބަލައިގަންނަ ފަދަ ވަޒަންކުރުމެއް ނުވަތަ ހަދިޔާއެއް ލިބޭ ކަމެއް ކަމަށް ވުމަކީ ދޮގުހެދުން މަސްތަކާއި އެއްގޮތްވާ އެންމެ އަސާސީ ސިފައެވެ. ނަފުސަށް ލިބޭ ހިތްހަމަޖެހުމެވެ.  
ދިވެހީންގެ ތެރޭގައި އާންމުކޮށް ދޮށީ ބޭބޭފުޅުންނާއި ކާފަ މާމައިން، ބައްޕަ އާއި މަންމަމެންގެ އެންމެ އާންމު ބައެއް އަމުރަކީ:-
“ކުދިންނޭ ދޮގު ނުހަދާތި، ދޮގަކީ ހުރިހާ ނުބައި ކަމެއްގެ ފެށުން”.
“އެއް ދޮގު ހަދައިފިނަމަ އެ ދޮގު ފޮރުވަން ހާސް ދޮގު ހަދަން ޖެހޭނެ”.
“ދޮގަކީ ވައްކަމުގެ ތަޅުދަނޑި”
މި އަމުރުތަކުގެ ފިލާވަޅުތަކާއި އެންގުންތަކަކީ ދިވެހިން ވަރަށް ސަމާލު ކަމެއް ދީފައިވާ ކަމެކެވެ. އަދި ދޮގުހެދުމުގެ ނުބައިކަން އިސްލާމް ދީނުގެ އަސްލުތަކުންވެސް ފެންނާން އެބަހުއްޓެވެ. ފާސިގުންނާއި ކައްޒާބުގެ ނަން ދެވިފައިވާ ނުބައި ވަބާއަކަށް ވާތީއެވެ. އަދި ދޮގާމަކަރުގެ ތެރޭގައިވާ މީހުންނަށް ހުރި ޖަޒާ ތަކުގެ ވާހަކަ އިސްލާމް ދީނުގައި ހާމަ ކުރައްވާފައިވާ ގޮތުން އިސްލާމް ދީން ދޮގާ މަކަރާއި އޮޅުވާލުން ބަލައިނުގަންނަކަން ހާމަވެއެވެ. 
ދޮގު ހެދުން އާންމު އިޖްތިމާއީ ނަފްސާނީ އަދި މާލީ ތަފާތު ގެއްލުންތަކަށް ހުށަހެޅެއެވެ. ހާއްސަކޮށް ވަކި ދަރަޖައަކުން ފެށިގެން އިސް މަގާމުތަކުގައި ތިބޭ މީހުން ވަކިވަކި މަގުސަދުތައް ހާސިލު ކުރުމަށް ހިފެހެއްޓުމެއް ނެތި ދޮގުތަކެއްގެ ތޫފާން ތަކެއް ރައްޔިތުންގެ ބޯމައްޗަށް ދޫކޮށްލައެވެ. އެ ދޮގު އަސްލަކަށް ދެކި ވަކި ފަންތިތަކެއްގެ މީހުންގެ ސިޔާސީ ޕްރޮޕެގަންޑާވެސް ހާސިލު ކުރެއެވެ. ނަމަވެސް އެ ދޮގުތަކުން އުފަން ކުރި ނަތީޖާގެ ތަކުލީފު ރައްޔިތުން ދުވަސްތަކެއް ވަންދެން އުފުލާން ވެސް ޖެހެއެވެ.
ހަގީގަތަށް ރިޔާއަތްކޮށް ލިބޭ ވަގުތީ މަންފާއަށްވުރެ ދާއިމަށް ލިބޭ ގެއްލުން ބޮޑު ވުމަކީ ދޮގުވެރިންގެ ކިބައިން މުޖުތަމައުތަކަށް ލިބޭނެ ގެއްލުމެވެ. ޑޮކްޓަރަށް ދައްކަންދާ ޕޭޝަންޓު ނުބައި މައުލޫމާތު ދީފިނަމަ އެ ބައްޔަކަށް ދުވަހްކުވެސް ޝިފާއެއް ނުލިބޭނެއެވެ. ޑޮކްޓަރަށް ދޮގު ހަދާ އޮޅުވާލައިފި ނަމަ ޑޮކްޓަރ ލިޔެދޭނީ ވުޖޫދުގައިވެސް ނެތް ބައްޔަކަށް އަމާޒުކޮށް ދޭ ބެހެކެވެ. އަދި އެ ބޭހުގެ ސަބަބުން އިތުރު އުނދަގޫތަކަށް ހުށަހެޅެއެވެ. 
ދޮގުގެ މާނަ ކޮންމެ ސިފައަކުން ދިރާސާ ކުރިނަމަވެސް ގާތްގަނޑަކަށް  ކޮންމެ ދޮގަކުންވެސް ނިކުންނަ ނަތީޖާތައް ގޯހެވެ. އެހެން ނަމަވެސް މަދު ހާލަތްތަކެއްގައި ދޮގު ދޮގެއްގެ ގޮތަށްވުރެ ހެޔޮކޮން ބަލައިގަންނަންޖެހޭ ސަބަބުތަކާއި އިންސާނާ ކުރިމަތި ކުރުވައެވެ. އެހެންނަމަވެސް އެ ހިސާބަށްވެސް ދަތުރު ކުރަން ޖެހެނީ ދޮގެއް ނުވަތަ އޮޅުވާލުމެއް ކަމުގެ ފެށުން ކަމަށް ވާތީއެވެ. 
ދައުލަތްތައް ހިންގަނީ މަތީން ތިރިއަށް އުފެދޭ ތަރުތީބަކުންނެވެ. އެންމެ އިސް މަގާމުގައި ހުންނަ ބޭފުޅަކީ ދޮގާއި މަކަރަށް ދެވިހިފާ މަސްތުވެފައިވާ ހާލަތުގައި ހުރި މީހަކަށް ވެއްޖެނަމަ، އެ އިސްމީހާގެ ދަށުން މަސައްކަތް ކުރަން އޮތް ތަރުތީބުގައި ހިމެނޭ އެންމެންވެސް ސީދާ ކަމާއި ތެދަށް ވުރެ އެންމެ އިސްމީހާ މަސްތުވެފައިވާ ދޮގާއި އޮޅުވާލުމަށް ތާއީދުކޮށް އެ ދޮގުތައް ތެދުކޮށް ފޮރުވަން އިތުރު ދޮގުތަކެއް ހަދަން މަޖޫބުރު ކުރުވައެވެ. 
ދޮގަކުން ވަގުތީ މަންފާއެއް ހާސިލު ކުރެވިދާނެއެވެ. އެހެންނަމަވެސް ދާއިމީ ނުބަޔަކަށް އެ މުޖުތަމައު ހުށަހެޅިގެން ދެއެވެ. މިކަމާއި ވިދިގެން ދިރާސީ އިލްމުވެރިން ވިދާޅުވަނީ ކޮންމެ މަސްތަކީ ނުވަތަ ދެވިހިފުމަކީ ނަފުސަށް ސަނާ ކިޔުމަކާއި އިތުރު ހިތްވަރެއް ބޭނުންވާ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން މަސްތުވެ ދެވިހިފާފައިވާ މީހުންގެ ކިބައިން ފެންނަ ބައެއް ކަންކަން ނަފްސާނީ އިލްމު ވެރިން ފާހަގަ ކުރެއެވެ.
ޖުވާ ކުޅޭ މީހާ އިތުރު ޖޯޝްއެއް ލިބިގަނެއެވެ. މޮޅުވާ ކޮންމެ ފަހަރަކު ނަފުސަށް ތައުރީފު ކޮށްލާ ހިތްވަރު ދެއެވެ. ރަލަށް މަސްތުވެ ދެވިހިފާފައިވާ މީހާ ރާ ފޮދަކުން އެމީހާގެ ނަފުސަށް އިތުރު އާރޯކަމެއް ގެނެސްދެއެވެ. އާދަޔާއި ހިލާފަށް ސޯޝަލް މީޑިއާ އާއި އިންޓަރނެޓުގައި އުޅޭ ފަރާތްތަކަށް ހިތްހަމަޖެހުން ލިބި މުޖުތަމައު ތެރޭގައި ވާކަމުގެ އިހުސާސް އައު ކޮށްލައެވެ. ދޮގު ހެދުމުގައި ދެމި ހުންނަ ދޮގުގެ މަސްތުގައި ޖެހިފައިވާ މީހާ ވެސް ބާރުވެރިކަމާއި ނަފުސުގެ ކޮންޓްރޯލް އޮތް ކަމަށް ގަބޫލު ކުރެއެވެ. ހަމަ އެގޮތަށް ދޮގު ހެދުމުގެ މަސްތުގައި ޖެހިފައިވާ މީހާއަށް އަނެކާގެ އަބުރެއް އިއްޒަތެއް ނުވެއެވެ. އެހެން މީހަކާއި ދޭތެރޭ ވިސްނާނެ ފުރުސަތެއް ނުލިބެއެވެ. އަމިއްލަ ދިފާއަށް ފަހު އެހެން ކަމަކަށް ފުރުސަތު ނުދެވޭ ތީއެވެ. ގާތުގައި ތިބޭ އެންމެންވެސް އެނބުރެން މަޖުބޫރު ކުރުވަނީ އެ ދޮގުތައް ދިފާއު ކުރުމަށެވެ. 
ދޮގު ތަކަކުން ވަގުތީ ގޮތުން ކުރު މުއްދަތަކަށް އަމިއްލަ ނަފުސުގެ އަގު ހިފެހެއްޓެއެވެ. ޖަވާބުދާރީ ވާންޖެހޭ ހާލަތު އެކަހެރި ކުރުވައެވެ. ހަމްދަރުދީ ހޯދެއެވެ. ބާރުވެރިވެރިކަމާއި އަމުރުވެރިކަން ދަމަހައްޓައެވެ. ނުވަތަ ޖަމާއަތަކަށް އޮޅުވާލުމާއި މަގު އޮޅުވާލުމުގައި މެޑަލް ޖަހާލައެވެ. މީގެން ކޮންމެ ކާމިޔާބީއެއް، އެފަދަ ދޮގަކަށް ކަމިޔާބީގެ މަތިވެރި ދަރަޖަ ދެއެވެ. އަދި ކުރިމަގުގައި އެފަދަ ދޮގުތަކުން ލިބޭ ހިތްހަމަޖެހުން ތަކުރާރު ކޮށްލަން ލިބޭ ހިތްވަރަކަށްވެ ދޮގުގެ އަޅުވެރިއަކަށް ތިމާ ވެދެއެވެ. 
ސިޔާސީ މައިދާނުގައިވެސް ދޮގުގެ މަސްތުގައި ޖެހިފައިވާ މީހުން އަމަލު ކުރާނެ ކަމަށް ދިރާސީ އިލްމުވެރިން ގަބޫލު ކުރަނީ އާންމު މަސްތުތަކުގެ ތަރުތީބު ތަކާއި އެއްފަދަ ގޮތަކަށެވެ. ގައުމެއްގެ ވެރިކަމަށް އަންނަންވެސް ދޮގު ހަދާ އޮޅުވާލައިގެން ކާމިޔާބީތަކެއް ހާސިލު ކުރެވިދާނެއެވެ. ނަމަވެސް އެ ދޮގުތަކުގެ މަތީ ދެމި ހުރުމަށް އިތުރު ދޮގުތައް ހަދަން މަޖުބޫރު ކުރުވައެވެ. އަދި އެ ދޮގުގެ ޝިކާރައަކަށް އިންސާނާ ހަދައެވެ. 
އެހެނިހެން މަސްތާއި ދެވިހިފުން ފަދައިން ދޮގުހެދުން ވެސް ކުރިއަރާދެއެވެ. މަސްތެކޭ އެއްފަދައިން މި ދެވައްތަރުގެ ގެ މަސްތުގައިވެސް އެއްގޮތް ނިޒާމްތަކެއް ވެއެވެ. މި މަންޒަރު މިއަދު ސަރުކާރުގެ ތެރެއިންވެސް ފެންނަކަމީ ހިތާމައެކެވެ. މި މަންޒަރުތައް ވިޔަފާރި ކުންފުނި ތަކާއި ސިޔާސީ ހަރަކާތްތަކުގައި ވެސް ވެއެވެ.
މަތިން ތިރިއަށް އުފެދިފައިވާ ނިޒާމްތަކުގައި އިސްވެރިން ނުވަތަ އެންމެ އިސް ވެރިޔާ ދޮގެއްގެ މަތީ ބިނާއެއް އަޅަން އުޅޭނަމަ އަދި ތެދުގެ ސަބަބުން އުންމީދު ނުކުރާ ފަދަ ނަތީޖާ ތަކަކަށް ވާސިލު ވެދާނެ ކަމުގެ ބިރު އޮތްނަމަ އެ ނިޒާމު ދޮގު ޝިކާރަ ކުރާނެއެވެ. އަދި އިތުރު ތަފުސީލީ ދޮގުތަކަކުން ކުރީން ބުނި ދޮގުތަކުގެ ހަކަތަ ވަރުގަދަވެ އެ ދޮގުތައް އައު ނިޒާމަކަށް ބަދަލު ވެގެން ދެއެވެ. އެ ނިޒާމުގެ ސަބަބުން ފުރަތަމަ ހެދި ދޮގަށް ވުރެ މޮޅު ކުޅަދާނަ އީޖާދީ ދޮގުތަކަކަށް މުޅި ނިޒާމު އަނބުރާލައެވެ.
ބަހުސެއްގެ ގޮތުގައި ދޮގުހެދުމުގެ މަސްތުގެ އަވާގައި ޖެހިފައިވާ ފަރާތްތަކަކީ އެ މީހެއްގެ ޒާތީ މަސްލަހަތެއް ކަމަށް ބަޔަކު ބަލައިގަތް ނަމަވެސް އެ މަސްތަކީ ދެވި ހިފުމެއް ކަމަށް ދިރާސީ އިލްމުވެރިން ގަބޫލު ކުރެއެވެ. ޖުވާ ކުޅުމަކީ މަސްތެއް ކަމަށާއި ދެވިހިފާ ކަމެއް ކަމުގެ ދިރާސާތަކާއި ބެހޭ ގޮތުންވެސް މި ދިރާސާތަކުގެ ޅަފަތުގައި ދިރާސީ އިލްމުވެރިން ބަހުސް ކުރެވިފައިވެއެވެ. އަދި ޖުވާ ކުޅުމަކީ އިންސާނުން އަޅުވެތި ކުރާ މަސްތީ ދެވިހިފުމެއް ކަމަށް ސިއްކަ ޖެހުނެވެ. 
މަސްތުވުމާއި ދެވިހިފުމަކީ 21 ވަނަ ގަރުނުގައި ފަރުވާ ބޭނުންވާ ކަމެކެވެ. އަދި ނަފުސުގެ ކޮންޓްރޯލް ތިމާއަށް މުޅިން ގެއްލޭ ކަމެކެވެ. ދޮގުވެސް އެ މިންގަނޑު ތެރޭގައި ހިމެނިގެން ދާއިރު ބައެއް ކަހަލަ މަގާމު ތަކަކީ ހަމަ ބުއްދީގައި މީހާ ދެމިހުރުން ލާޒިމު ކުރެއެވެ. އަދި އަމިއްލަ ނަފުސު ދޮގުގެ އަޅުވެތި މަސްތެއްގައިވާ ނަމަ ޒިންމާދާރު މަގާމުތަކުގެ ޝަރުތުތަކުން މީހާ އުނިވެގެން ދެއެވެ. އެ މަސްތުގައި ވާ ވެރިޔާގެ ސަބަބުން އޭނާއާއި އެކު އުޅޭ މީހުންނަށް ލިބިދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުން ތަކުން ސަލާމަތް ކުރުމަށެވެ. 
މަސްތުގައިވާ މީހާ އަކީ ބުއްދި ހަމަޖެހޭ މީހެއްގެ ގިންތީގައި ގުނިދާނެ ބައެއް ނޫނެވެ. ހަމަ އެފަދައިން މީހާގެ ވިސްނުމާއި ހިޔާލާތު ޑްރަގުގެ މަސްތުގައި ނުވަތަ ޖުވާ ކުޅުމާއި ދޮގުގެ މަސްތުގައި ޖެހިފައިވާ މީހެއްގެ ބުއްދީގެ ސީދާކަން ގެއްލޭނެ ކަމަށް ދިރާސާތައް ދައްކައެވެ. އެ ފަދަ މަސްތުތަކުގެ ސަބަބުން އިންސާނާ ނަފުސާނީ ގޮތުން ޒިންމާއެއް އަދާ ކުރުމަކަށް ނުކުޅެދޭނެ ކަމަށް ދިރާސީ އިލްމުވެރިން އިއްތިފާގުވާން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ