ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖޫން 6) - ނޭމާ އަށް އަނިޔާގެ މައްސަލަ ކުރިމަތިވާނެކަން އެނގޭނަމަ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރެޒިލް ސްކޮޑުން އޭނާ އަށް ޖާގަ ދޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ، އޭނާގެ ކާފައާ ގުޅުވާފައި ވަނީ ޖަވާބުދީފައި.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ބްރެޒިލްގެ ތަރި، ނޭމާގެ ފަޔަށް އަނިޔާވެ އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ނޭމާ އަށް ތިން އަހަރަށް ފަހު ބްރެޒިލް ސްކޮޑުން ޖާގަ ލިބުނީ މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ނެގި ސްކޮޑުންނެވެ. ނޭމާ އަށް ބްރެޒިލްގެ މެޗުތައް މިދިޔަ އަހަރުތަކުގައި ގެއްލުނީ ވެސް އަނިޔާއާ ހެދި ފޯމަށް އަސަރުކޮށްގެންނެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުގައި ނޭމާ ހިމެނި ފަހުން އޭނާ އަށް އަނިޔާވުމާ އެކު، ބްރެޒިލްގެ މީޑިއާ އިން ވެސް އަންނަނީ އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފައްދަމުންނެވެ.
ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އަންޗެލޮޓީއާ ސުވާލުކުރީ، މިހާރު ނޭމާ އަށް ކުރިމަތިވެފައި އެ އޮތް މައްސަލަ ސްކޮޑު އިއުލާނު ކުރުމުގެ ކުރިން ދިމާވިނަމަ، ނޭމާ ސްކޮޑަށް ނަގާނެތޯ އެވެ.
އެ ސުވާލަށް އަންޗެލޮޓީ ދިނީ މަޖާޒީ ޖަވާބެކެވެެ.
"އަހަރެންގެ ކާފަ ފައިގައި ފުރޮޅުހުރިނަމަ އޭނާ ވާނީ ކާރަކަށް." ހިނި އައިސްފައި ހުރެ އަންޗެލޮޓީ ބުންޏެވެ.
ނޭމާއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުވިއިރު، އަންޗެލޮޓީ ވަނީ އުންމީދީ ޖަވާބުތަކެއް ވެސް ދީފަ އެވެ. އެ ގޮތުން، ވޯލްޑް ކަޕްގައި ބްރެޒިލުން ކުޅޭ ފުރަތަމަ މެޗުގައި ނޭމާ ފެނުމުގެ ފުރުސަތު އޮތް ކަމަށް ދޭހަވާ ގޮތަށް ވެސް އަންޗެލޮޓީ ވަނީ ވާހަކަ ދައްކައިފަ އެވެ.
"އަހަންނަށް އެބައޮތް ޔަގީންކަން. ނޭމާ އެ ދަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. އިންޑިވިޖުއަލް ޓްރެއިނިންތައް އެ ހަދަމުންދަނީ. ދެން ވަރަށް އަވަހަށް އެމްއާރްއައިއެއް ހަދާނެ. އޭގައި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ، ފެށޭ ހަފްތާ ތެރޭގައި އޭނާ ޓީމު ޓްރެއިނިން ތަކުގައި ވެސް ބައިވެރިވާން ފަށާނެ،" އަންޗެލޮޓީ ބުންޏެވެ.
މިދިޔަ އަހަރު އަންޗެލޮޓީ، ބްރެޒިލް ޓީމާ ހަވާލުވި ފަހުން، ނޭމާ އަށް އަދި ބްރެޒިލަށް މެޗެއް ކުޅެދެވިފައިނުވެ އެވެ. އަންޗެލޮޓީ ބުނީ އެންމެ މޮޅެތި ކުޅުންތެރިންނާ އެކު މަސައްކަތްކުރުމަކީ، އޭނާގެ ކެރިއަރުގައި ވަރަށް ޝައުގުވެރިކަމާ އެކު އަބަދުވެސް ކުރަމުން އައި ކަމެއް ކަމަށެވެ.
ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ 2023 ވަނަ އަހަރު އެވެ. އަނިޔާ އާއި ފިޓްނަސްގެ އެކި މައްސަލަތަކުގެ ސަބަބުން ބްރެޒިލް ޓީމަށް ނޭމާ އަށް އެރޭ ގޮތެއްނުވި އެވެ. މިދިޔަ މާޗް މަހު ބްރެޒިލުން ކުޅުނު އެކުވެރިކަމުގެ ދެ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑު ލިސްޓުގައި ނޭމާގެ ނަން އޮތެވެ. އެކަމަކު، އަނިޔާއާ ހެދި ނޭމާ ވަކިވާން ޖެހުނީ އެވެ.
ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު ބައްދަލުކުރާނީ އެފްރިކާގެ ޗެމްޕިއަން، މޮރޮކޯއާ އެވެ.
ނޭމާގެ އިންޖަރީގެ ސުވާލަށް އަންޗެލޮޓީ މިސާލު ޖެހީ ކާފައާ ގުޅުވާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ