އިސްލާމްދީނުގައި ދެމަފިރިންގެ ހައްގުތައް އޮންނަނީ ދެފަރާތުން ބައިވެރިވާ ގޮތަށެވެ. މިގޮތުން ދެފަރާތުން އެކަކުއަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކާއި ފިރިމީހާ އަނބިމީހާ އަށް އަދާކޮށްދޭން ޖެހޭ ހައްގުތަކާއި އަނބިމީހާ ފިރިމީހާ އަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެ އެވެ. މިއިން ކޮންމެ ހައްގެއް އަދާކުރުމަކީ ވާޖިބެކެވެ. މީގެ ތެރެއިން މި ލިޔުމުގައި މިބަލައިލަނީ އަނބިމީހާގެ ހާއްސަ އެއް ހައްގު ކަމުގައިވާ ހަރަދުތައް ކުރުން ނުވަތަ ނަފަޤާތު ދިނުމުގެ މައްޗަށެވެ. އަނބިންނަށް ހަރަދު ކޮށްދޭން ޖެހުން ބިނާވެފައިވާ އަސާސަކީ ރަސޫލުﷲ ﷺ ގެ ހަދީސްފުޅެއްގައި "އަދި ހަމަކަށަވަރުން ތިބާގެ އަނބިމީހާ އަށް ތިބާގެ މައްޗަށް ހައްގެއް އަދާކުރުން ވެޔޭ" ބަޔާންކޮށްފައި އޮތުމެވެ.
ފިރިމީހާ ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަދުތަކަކީ ކައިވެނި ކުރުމަށްދާ ހަރަދުތަކާއި ކައިވެނީގެ ރަން ދިނުމެވެ. ކައިވެނި ކުރުމަށްދާ ހަރަދުތަކުގެ ތެރޭގައި ކައިވެނީގެ އަގުދުކުރުމާއި އެކަން ރަޖިސްޓްރީ ކުރުމާއި އެ ނޫން ވެސް އެކަމަށްދާ އެހެން ހަރަދުތަކާއި ކައިވެނީގެ ވަލީމާ ތައްޔާރު ކުރުމަށްދާ ހަރަދުތައް ހިމެނެ އެވެ. ބައެއް މުޖުތަމައުތަކުގައި އަނބިމީހާ ނުވަތަ އޭނާގެ އާއިލާގެ ފަރާތުން މިކަމުގައި ހަރަދު ކުރިޔަސް އެކަން ކުރަންޖެހޭނީ އަނބިމީހާގެ ފުރިހަމަ ރުހުމާ އެކުގަ އެވެ. އެއްވެސް ބާވަތެއްގެ މަޖުބޫރެއް ކުރެވިގެން ނުވާނެ އެވެ. ސަބަބަކީ ޝަރުއީ އުސޫލުތަކާ ހިލާފުވާ އާދަކާދަތަކަކީ ޝަރުއީ ގޮތުން ބުރަދަނެއް ނެތް ބާތިލު ކަންކަމަށް ވާތީ އެވެ. ކީރިތި ރަސޫލާ ﷺއެކަލޭގެފާނުގެ ކައިވެނިފުޅުތަކުގެ ހަރަދުތައް އަމިއްލަފުޅަށް ކުރެއްވި ކަމާއި އަދި އެހެން މީހުންނަށް ވެސް އެގޮތަށް އަމަލު ކުރުމަށް އަންގަވާފައިވާކަން ސާބިތުތުވެ އެވެ.
މި ޒަމާނުގައި ކައިވެނީގެ ވަލީމާ ތައްޔާރު ކުރުމަށާއި އެކަމާ ގުޅުން ހުރި ކަންކަމަށް ބައެއް މީހުން ވަރަށް ބޮޑަށް ހަރަދު ކުރެ އެވެ. މިގޮތުން ތަން ޒީނަތް ކުރުމާއި ފޮޓޯނެގުމާއި ކާތަކެތި ތައްޔާރުކުރުން ފަދަ ކަންކަމަށް އިސްރާފުގެ ދަރަޖަ އަށް ހަރަދު ކުރެ އެވެ. މިއީ މުސްލިމުންނާ ގުޅޭ ސުލޫކެއް ނޫނެވެ. އިސްރާފުކުރުމާއި ކަންދެއްކުމަކީ ނަބިއްޔާ ﷺ ނަހީކުރައްވާފައިވާ ކަމެކެވެ (އަޙުމަދު، ނަސާއީ، އިބްނުމާޖާ).
ކައިވެނީގެ ރަނަކީ ކައިވެނީގެ އަގުދު ކުރުމުން ނުވަތަ ރޭކުރުމުން އަނބިމީހާ އަށް ހައްގުވާ މުދަލެކެވެ. ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ކައިވެނީގެ ރަން ދިނުމަށް ފިރިންނަށް އަންގަވާފައިވެ އެވެ (އައްނިސާއު 4 އަދި 25، އަލްމާއިދަތު 5). ނަބަވީ ސުންނަތަށް ބަލާއިރު ކައިވެނި ކުރަން ބޭނުންވި މީހަކަށް ރަނުގެ ގޮތުގައި ދޭނެ އެއްޗެއް ނުލިބުމުން، ދަގަނޑު އަނގޮޓިއެއް ނަމަވެސް ހޯދުމަށް ނަބިއްޔާ އެންގެވި އެވެ. އަދި އެ މިންވަރު ވެސް އޭނާ އަށް ނުލިބުމުން އޭނާ އަށް ދަސްވެފައިވާ ޤުރުއާނުގެ ސޫރަތްތަކެއް އަނބިމީހާ އަށް ދަސްކޮށްދިނުން އެއީ ކައިވެނީގެ ރަން ކަމުގައި ހަމަޖެއްސެވި އެވެ.
ކައިވެނީގެ ރަނަކީ އެއްވެސް ބަދަލަކާ ނުލައި އަނބިމީހާ އަށް ދޭން ފިރިމީހާގެ މައްޗަށް ލާޒިމުވާ ހަދިޔާއެކެވެ. އެހެންކަމުން ބައެއް މީހުން ހީކުރާ ގޮތަށް އެއީ އަނބިމީހާގެ ފަރާތުން އުފާ ހާސިލުކުރާތީ އޭގެ ބަދަލުގައި ދޭ އެއްޗެއް ކަމަށް ބަލައިގެން ނުވާނެ އެވެ. މީގެ ދަލީލަކީ، ކައިވެނީގެ އަގުދު ކޮށްފިއްޔާ ރޭކުރުމުގެ ކުރިން ވަރިކުރިއަސް ދެބައިކުޅަ އެއްބައި ދޭން ޖެހުމެވެ (އަލްބަޤަރާ 237).
އަދި އަނެއް ބަޔަކު ހީކުރާހެން އެއީ އަނބިމީހާގެ ވަލީވެރިޔާއަށް ދޭ އެއްޗެއް ކަމަށް ވެސް ބަލައިގެން ނުވާނެ އެވެ. އެހެނީ ކުރިން އިޝާރާތްކުރި އާޔަތްތަކުގައި އަންގަވާފައި ވަނީ އެކަނބަލުންނަށް ކައިވެނީގެ ރަން ދިނުމަށް ކަމަށް ވާތީ އެވެ. ކައިވެނީގެ ރަނުގެ މިންވަރެއް ކަނޑައެޅިފައި ނުވެ އެވެ. މުދަލެއް ކަމުގައި ބެލެވޭ ނުވަތަ އަގެއް ހުރި ކޮންމެ އެއްޗަކީ ކައިވެނީގެ ރަނުގެ ގޮތުގައި ބެލެވޭނެ އެއްޗެކެވެ. ހަމައެއާއެކު ވަރަށް ގިނަ މުދަލުން ވެސް ކައިވެނީގެ ރަން ދެވިދާނެކަން ކީރިތި ޤުރްއާނުން އެނގެ އެވެ (އައްނިސާއު 20). ނަމަވެސް، ކައިވެނީގެ ރަން ބޮޑުނުކުރުމަކީ ޝަރުއީ ގޮތުން އެދެވިގެންވާ ކަމެކެވެ.
ކައިވެނީގެ ޢަޤުދު ކުރުމުގެ ހަރަދުތަކާއި ކައިވެނީގެ ރަން ދިނުމުގެ އިތުރުން އަނބިމީހާއަށްޓަކައި ފިރިމީހާ ކުރަންޖެހޭ އަނެއް ހަރަދަކީ ޒަވާޖީ ހަޔާތުގައި އަނބިމީހާގެ ދިރިއުޅުމުގެ ހަރަދުތަކެވެ. މިގޮތުން ކުރަން ޖެހޭ ހަރަދުތައް ތިން ދަރަޖައަކަށް ބަހާލެވިދާނެ އެވެ. މީގެ ތެރެއިން ފުރަތަމަ ދަރަޖައަކީ، އަނބިމީހާ ދިރިއުޅޭނެ ތަނަކާއި އޭނާގެ ކެއިންބުއިމާއި އަންނައުނާއި ބޭސްފަރުވާގެ ހަރަދުތައް ފަދަ ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ޒަރޫރީ މިންވަރު ފުއްދުމަށް ބޭނުންވާ ހަރަދު ކުރުމެވެ. މިއީ ފިރިމީހާގެ މައްޗަށް ލާޒިމުވާނެ ހަރަދެކެވެ. ޒަރޫރީ ހަރަދަކަށް ވާނީ އެ ހަރަދެއް ނުލިބިއްޖެ ނަމަ އަނބިމީހާ އަށް އޭގެ ސަބަބުން ގެއްލުން ވާނެ ހަރަދުތަކެވެ. މިސާލަކަށް ދިރިހުރުމާއި ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ކެއިންބުއިމާއި ފިނިހޫނާއި އެ ނޫން ނުރައްކާތަކުން ސަލާމަތްކަން ލިބެނިވި ހިޔާވަހިކަމަކާއި އައުރަ ނިވާކޮށް ހަށިގަނޑު ފިނިން ރައްކާކުރެވޭ މިންވަރަށް ފޭރާމާއި ބޮޑެތި ބަލިތަކުން ރައްކާތެރިވެވޭ މިންވަރަށް ބޭސްފަރުވާގެ ހަރަދެވެ.
ހަރަދުތަކުގެ ދެވަނަ ދަރަޖައަކީ، މުޖުތަމައުގެ އުރުފަށް ބަލާއިރު އެ ދަރަޖައެއްގެ އަންހެނަކަށް ބޭނުންވާ ބޭނުންތަކުގެ ހަރަދުތަކެވެ. މިއީ ވެސް ވާޖިބު ހަރަދުތަކެވެ. ބޭނުންތަކުގެ (ނުވަތަ ހާޖަތުތަކުގެ) ހަރަދަކަށް ވާނީ އެ ހަރަދެއް ނުލިބިއްޖެ ނަމަ އަނބިމީހާ އަށް އޭގެ ސަބަބުން އުނދަގޫތަކެއް ނުވަތަ ބުރަ އުފުލުމެއް ތަހައްމަލު ކުރަންޖެހޭނެ ހަރަދުތަކެވެ. މިސާލަކަށް ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ޒަރޫރަތް ފުއްދާ މިންވަރު ފިޔަވައި މުޖުތަމައުގެ އުރުފުގައި އަނބިމީހާއާ އެއްފަދަ އަންހެނަކަށް ބޭނުންވާނެ އެކަށީގެންވާ ހަރަދުތަކެވެ. މިގޮތުން ދިރިއުޅޭނެ ތަނަކަށް ބަލާއިރު އެކަށީގެންވާ އަވަށެއްގައި ގޭގެ އެންމެންނަށް އުޅެވޭނެ ވަރުގެ ތަނަވަސް ތަނެއްގައި އެކަށޭނަ ފެންވަރުގެ ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނާ އެކު ގެއެއް ނުވަތަ ފުލެޓެއް ހަމަޖައްސައިދިނުމެވެ. ކެއިންބުއިމަށް ބަލާއިރު ސިއްހަތަށް ފައިދާހުރި ތަފާތު ވައްތަރުގެ ރަނގަޅު ކާނާ ހޯދައިދިނުމެވެ. ފޭރާމަށް ބަލާއިރު ގޭތެރޭގައި އުޅުމަށާއި ބޭރަށް ނުކުންނަން ޖެހޭއިރު ދާން ޖެހޭ ތަނަކަށް އުރުފުގައި ބަލައިގަންނަ ފެންވަރުގެ ރަނގަޅު އަންނައުނު ދިނުމެވެ. ބޭސްފަރުވާއަށް ބަލާއިރު ގަވައިދުން މެޑިކަލް ޗެކަޕް ހެދުމާއި އުނދަގޫވާ ކަންކަމުން ސަލާމަތްވާން ފަރުވާ ކޮށްދިނުމެވެ. މީގެ އިތުރުން ގޭގައި މަސައްކަތް ކުރަން ހަދިމަކު ހޯދައިދިނުމާއި ގޭތެރެ ރީތިކޮށް ބޭއްވުމަށް ނުވަތަ ބަދިގެތެރެ އިންތިޒާމު ކުރުމަށް ބޭނުންވާ (އެ ނުހޯދައިފި ނަމަ ބުރަތަކެއް ތަހައްމަލު ކުރަންޖެހޭ) ތަކެތީގެ ހަރަދުތަކާއި ކިޔަވަން ބޭނުންވެއްޖެ ނަމަ ކިޔަވައިދިނުމުގެ ހަރަދުތައް ފަދަ ހަރަދުތަކެވެ.
އަނބިމީހާގެ ހަރަދުތަކުގެ ތިންވަނަ ދަރަޖައަކީ، ފުރިހަމަކުރުން (ނުވަތަ ކަމާލިއްޔަތު) ގެ ހަރަދުތަކެވެ. މި ހަރަދުތައް ކުރުމަކީ ފިރިމީހާ އަށް ވާޖިބެއް ނޫނެވެ. ނަމަވެސް ފިރިމީހާގެ ތަނަވަސްކަން ހުރި މިންވަރަކުން މި ހަރަދުތައް ކޮށްދިނުމަކީ އެދެވިގެންވާ ކަމެކެވެ. ފުރިހަމަ ކުރުމުގެ ހަރަދަކަށް ވާނީ އެ ހަރަދެއް ނުލިބުނަސް ދިރިއުޅުމުގައި ގެއްލުމެއް ނުލިބޭނެ ނުވަތަ އެއްވެސް ކަހަލަ އުނދަނގުލެއް ބުރައެއް ތަހައްމަލުކުރަން ނުޖެހޭނެ ހަރަދުތަކެވެ. މިއީ ދިރިއުޅުން ފުރިހަމަކޮށް ހިތްހަމަޖެހިގެން އުޅުމަށްޓަކައި އިސްރާފުގެ ދަރަޖައަށް ނުދާ މިންވަރަށް ކުރާ ހަރަދުތަކެވެ.
މިގޮތުން ދިރިއުޅޭނެ ތަނަކަށް ބަލާއިރު މުއްސަނދިން އުޅޭ އަވަށެއްގައި ވިލާއެއް ނުވަތަ ގެއެއްގައި ނުވަތަ ކޮންޑޮމީނިއަމް އެޕާޓްމަންޓެއްގައި ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނުތައް ފެންވަރު ރަނގަޅު އެއްޗެއްސާ އެކު ދިރިއުޅުން ހަމަޖައްސައިދިނުމެވެ. ކެއިންބުއިމަށް ބަލާއިރު މޮޅެތި ކާތަކެތި ނުވަތަ ބޭރުން ކެފޭތަކަށް ނުވަތަ ރެސްޓޯރެންޓް ތަކަށް ގޮސްގެން ކެއުން ހަމަޖެއްސުމެވެ. އަންނައުނަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅު ނުވަތަ ބްރޭންޑްތަކުގެ ހެދުމާއި ފައިވާނާއި ދަބަސް ފަދަ ތަކެތި ގަނެދިނުމެވެ. ގެންގުޅޭ ސާމާނަށް ބަލާއިރު އެންމެ އާދައިގެ ފެންވަރަށް ވުރެ މޮޅު ފޯނާއި ހުއްދަ ޒީނަތްތެރިވާން ބޭނުން ސާމާނާއި ގަހަނާ ގަނެދިނުމެވެ. މުނިފޫހިފިލުވުމަށް ބަލާއިރު އެކަމަށް ބޭނުންވާ ހުއްދަ ވަސީލަތްތައް ހޯދައިދިނުމާއި ހުއްދަ ދަތުރުތައް ދިއުން ފަދަ ކަންކަމުގެ ހަރަދުތަކެވެ. އަދި ހައްޖު އުމްރާ އަށް ދާން ފައިސާ ދައްކައިދިނުމެވެ. މިފަދަ ހަރަދުތައް ކުރަން އަނބިމީހާ ބޭނުމިއްޔާ އަދި ފިރިމީހާގެ ތަނަވަސްކަން ހުރިއްޔާ ބުނެވިދާނެ އެވެ. އެކަމަކު ފިރިމީހާގެ މައްޗަށް މިފަދަ ހަރަދުތައް ކުރުން ލާޒިމެއް ނުވާނެ އެވެ.
މިއިން ކޮންމެ ދަރަޖައެއްގައި ހަރަދު ކުރިޔަސް މިންވަރު ކަނޑައަޅަން އެންމެ ފަސޭހަވާނީ ތަނުގެ އުރުފަށް ބަލައިގެންނެވެ. ނަމަވެސް ހަރަދު ކުރުމުގައި އިސްރާފު ކުރުމަކީ ހަރާމް ކަމެކެވެ. އަދި ޒަރޫރަތަކަށް ނުވަތަ ކޮންމެހެން ބޭނުންވާ ބޭނުމަކަށް މެނުވީ ދަރަންޏަށް ނަގައިގެން ހަރަދު ކުރުމަކީ ވެސް އިސްލާމްދީން އެދޭ ގޮތެއް ނޫނެވެ. މި ހަރަދުތަކުގެ ތެރެއިން ފުރަތަމަ ދަރަޖައިގެ ހަރަދުތައް ފިރިމީހާ ނުދީފި ނަމަ ރަސްމީ އިދާރާތައް މެދުވެރިކޮށް އެ ހަރަދު އަތުލެވޭނެ އެވެ. މިކަމުގެ ދަލީލަކީ ހިންދުބިންތު އަބީސުފްޔާން އަށް މި ހަރަދުތައް ނުލިބުމުގެ ޝަކުވާ ކުރުމުން އެ ހަރަދުތައް ނަގަން ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައި ވުމެވެ.
ދެވަނަ ދަރަޖައިގެ ހަރަދުތަކުގައި ފިރިމީހާގެ ތަނަވަސްކަން ނެތިއްޔާ ކެތްކުރާނީ އެވެ. މިވަގުތު ދަތިކަން އަޔަސް ﷲ ތަނަވަސްކަން ފަހުން ދެއްވާނެކަން ގަބޫލުކުރަން ޖެހެ އެވެ (އައްޠަލާޤު 7). ތަނަވަސްކަން ހުރެފައި ހަރަދު ނުދޭ ނަމަ ހަމަ ކުރީ ދަރަޖައެކޭ އެއްގޮތަށް އަތުލެވޭނެ އެވެ.
ތިންވަނަ ދަރަޖައިގެ ޚަރަދު ފިރިމީހާ ނުކުރިޔަސް އަނބިމީހާ ރުޅި އައިސްގެން ނުވާނެ އެވެ. ފަހަށް ރައްކާކުރުމަށާއި އިގުތިސާދަށް ވިސްނައިގެން ހަރަދު ކުރަން ސަމާލުކަން ދޭންވާނެ އެވެ.
އަނބިމީހާގެ ހާއްސަ ހައްގުތަކުގެ ތެރެއިން ހަރަދު ކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ