ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން: ނަޝީދު

ދައުލަތުގެ ދަރަނި އަދާކުރަން ވާނީ ރައްޔިތުން ނިކަމެތި ނުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޓެކްސް ބޭސް ބޮޑުކޮށްގެން ކަމަށް ކުރީގެ ރައިސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު، ރޭ ބޭއްވެވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދައުލަތުގެ ތަނަވަސްކަން އިތުރުކޮށްގެން ނަމަވެސް މި އުފެދިފައިވާ ބޮޑު ދަރަނި ދައްކާން އެބަޖެހޭ ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ބައެއް އަނބުރާ އަދާކުރަންޖެހޭ ދަރަނިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ނަޝީދު ވަނީ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރުމަށް ގޮވާލައިފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި އެއް ވައުދަކީ ޓެކްސް ތައާރަފްކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރުމެވެ. ނަމަވެސް އެ ވައުދުފުޅާ ޚިލާފަށް ބައެއް ޓެކުހުން ނަގާ އަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ ޓެކުހާއި ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. "އަބަދުވެސް މި އަހާ ސުވާލަކީ މަގެއްގައި ތާރުއެޅީމައި އެ މަގަކަށް ދޮރުހުޅުވޭ ގެއެއްގެ އާމްދަނީ ތަނަވަސްވެ އިތުރުވެގެންދޭހޭ؟ ހަރު މުދަލަކުން ނަތީޖާ ނެރެން އެބަ ނަގާ އާއްމުކޮށް ފަސް އަހަރު ނޫނީ 10 އަހަރު. ދަރަނި އަނބުރާ ދެއްކުމަށް ލިބިފައި މިއޮތީ އެއަށްވުރެ މަދު ދުވަސްކޮޅެއް. ފަސް އަހަރު. އެހެންވީމާ މީގަ ފަރަގެއް އެބަ އާދޭ. ނުރައްކަލެއް އެބަ އާދޭ. ކަންބޮޑުވުމެއް އެބަ އާދޭ،" ނަޝީދު ވިދާޅުވިއެވެ. ދަރަނި ދެއްކުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވިސްނާ ގޮތަކީ ޚަރަދު ކުޑަކޮށް، ދެން އެ ބާކީވާ ފައިސާކޮޅުން ދަރަނި އަދާކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. "އާއްމުކޮށް އިގްތިސޯދީ ބޭފުޅުން އެއަށް ކިޔަނީ އޮސްޓެރިޓީ މެޝާސް. ތަނަވަސްކަން އިތުރުކޮށްގެން، ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން، އެ ލިބޭ މިންވަރުން ޓެކްސް ބޭސް ބޮޑުކޮށްގެން އަޅުގަނޑުމެން އަނބުރާ ދަރަނި ދައްކާންވެއްޖެ!" ނަޝީދު ވިދާޅުވިއެވެ. މި އަހަރު ދައުލަތުން ފާސްކޮށްފައި ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14އާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. https://sun.mv/222821 ރާއްޖޭން އޭޕްރިލް މަހު ދެއްކި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް ޓަކައި ރައީސް ސާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. ހަމަ އެ މަސް ތެރޭގައި ސަރުކާރުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ޚަލާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ. ރާއްޖެއިން ބޮޑު ދަރަނި ދެއްކުމާއެކު، ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ