އެވަރެސްޓަށް ގެއްލުނު މީހާ ސަލާމަތްވީ ގަނޑުފެނާއި ޗޮކުލެޓް ކައިގެން

އެވަރެސްޓް ފަރުބަދައަށް ގެއްލުނުތާ ހަ ދުވަސް ފަހު ދިރިހުއްޓާ ފެނުނު ނޭޕާލްގެ ގައިޑް، އޭނާ ސަލާމަތްވީ ގަނޑުފެނާއި ޖީބުގައި އޮތް ޗޮކުލެޓެއް ކައިގެން ކަމަށް ބީބީސީއަށް ދިން އިންޓަވިއުގައި ބުނެފި އެވެ. 
ދާވާ ޝެރްޕާ ބުނި ގޮތުގައި އޭނާ ފަރުބަދައިން ތިރިއަށް ފޭބި ވަގުތު "ގެއްލުނީ" އެއް ނޫނެވެ. ނަމަވެސް، އޭނާ ބޭނުންކުރަމުންދިޔަ އޮކްސިޖަން ހުސްވުމާ ގުޅިގެން، މަޑުކުރަން މަޖުބޫރުވީ އެވެ.
ދާވާ ޝެރްޕާ ފަރުބަދަމަތީގައި މަރުވީ ކަމަށް ބަލައި، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ތިބި އޭނާގެ އާއިލާއިން ވަނީ ކަށުކަމާކެމީގެ އެންމެ ފަހުގެ ކަންކަން ވެސް ފަށާފަ އެވެ. ނަމަވެސް، ފަރުބަދަ ސާފުކުރާ ޓީމަކަށް އޭނާ ފެނުނީ ބޭސް ކޭމްޕާ ދިމާލަށް ފަރުބަދައިން ތިރިއަށް މަޑުމަޑުން ފައިބަމުން ދަނިކޮށެވެ.
ހެލިކޮޕްޓަރުގައި އޭނާ ކަތަމަންޑޫގެ ހޮސްޕިޓަލަކަށް ގެންގޮސްފައއިވާ އިރު، ހަށިގަނޑުން ފެންމަދުވުމާއި، މާ ބޮޑަށް ފިނިވެ، ގަނޑުވުމުގެ ސަބަބުން ލިބޭ އަނިޔާ ނުވަތަ ފްރޮސްޓްބައިޓް އަދި ކަށިގަނޑެއް ބިނދުމާ ގުޅިގެން ފަރުވާ ހޯދަމުގެ ކަންކަން ދަނީ ކުރިއަށެވެ. 
"އަހަރެން ދިރިހުންނާނެ ކަމަކަށް ހިއެއް ނުކުރަން،" ހުކުރު ދުވަހު ބީބީސީ ނޭޕާލީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "އަހަރެން ހީކުރީ މިގޮތަށް މަރުވާނީ ކަމަށް."
މި އަހަރުގެ ފަރުބަދައަށް އެރުމުގެ މޫސުމުގައި މިހާތަނަށް ފަސް މީހުން މަރުވެފައިވާ އިރު، 1920 ގެ އަހަރުތަކުން ފެށިގެން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން 300 އަށް ވުރެ ގިނަ މީހުން ވަނީ އެވަރެސްޓްގައި މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ