އިރާން ޓީމަށް ވިސާ ހަމަޖައްސައިދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 6) - އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިރާން ޓީމަށް، އެމެރިކާ އަށް އެތެރެވުމަށް ބޭނުންވާ ވިސާ ހަމަޖައްސައިދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އެމެރިކާ ސަރުކާރުންގެ އޮފިޝަލުން ބުނެފި އެެވެ. 
ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އިރާން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެން ވެސް ނިންމި އެވެ. އެކަމަކު، ފީފާ އިން ތަކުރާރުކޮށް ކުރި މަސައްކަތުން އިރާނުން ހާއްސަ ސަބަބުތަކަކާ އެކު، ވޯލްޑް ކަޕްގައި ކުޅެން އެއްބަސްވީ އެެވެ. 
ކެނަޑާ އާއި މެކްސިކޯއާ ގުޅިގެން، މި މަހު 11 އިން އަންނަ މަހު 19 އަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރަނީ އެެމެރިކާ އިންނެވެ.  އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. އެކަމަކު، އެ ޓީމުން ކޭމްޕްކޮށްފައިވަނީ މެކްސިކޯގަ އެވެ. ފީފާ ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް ދިއުމަށް އިރާންގެ ގައުމީ ފުޓްބޯޅަ ޓީމަށް ބޭނުންވާ ވިސާ އަދިވެސް ހަމަޖެހިފައިނުވާ ކަމަށް މެކްސިކޯ އަށް އިރާނުން ކަނޑައަޅާފައިވާ ސަފީރު، އަބޯލްފަޒަލް ޕަސަންދީދޭ ވިދާޅުވީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. 
އެ ވާހަކަތަކަށް ރައްދުދެއްވައި، އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ދިން މީޑިއާ އިންޓަވިއުއެއްގައި ބުނެފައިވަނީ، އިރާން ޓީމަށް އެމެރިކާގެ ވިސާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި، ގްރޫޕްކޮށް ފަހަރަކު ބަޔަކަށް ވިސާ ދެމުން އަންނައިރު، މިއަދުގެ ނިޔަލަށް މުޅި ޓީމުގެ ވިސާ އެއްކޮށް ހަަމަަޖެހިގެންދާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. 
އިރާނަށް ވޯލްޑް ކަޕް ވިސާ ހަމަޖެހިގެން މި ދަނީ، އެ ޓީމުން ވޯލްޑް ކަޕްގައި ކުޅެން ހަމަޖެހިފައިވާ ފުރަތަމަ މެޗުގެ 10 ދުވަސް ކުރިންނެވެ. އިރާންގެ ފުރަތަމަ މެޗު އޮތީ މި މަހު 15 ވަނަ ދުވަހު ނިއު ޒީލެންޑާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ލޮސް އެންޖެލްސްގަ އެވެ. 
"މި ވިސާ މި ދެނީ ހަމައެކަނި އިރާނުން ވޯލްޑް ކަޕްގައި ކުޅެން، މިއީ ނާޖާއިޒު ފައިދާއެއް ނެގޭނެ ގޮތަށް ދެވޭ ފުރުސަތެއް ނޫން. ޓީމުގެ އެތުލީޓުންނާއި ސަޕޯޓް ސްޓާފުންނަށް ވިސާ ދޫކުރެވިގެންދާނެ،" އެމެރިކާ ސަރުކާރުގެ އޮފިޝަލް ބުނެފައިވެ އެވެ. 
އިރާން ފުޓްބޯޅަ ފެޑެރޭޝަނުން ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށް އަދި މީޑިއާގައި ބުނެފައިނުވެ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކުގެ ތެރެއިން، އެ ޓީމުގެ މެޗުތައް ކުޅޭ ގައުމު ނޫން އެހެން ގައުމެއްގައި ކޭމްޕްކޮށްފައިވަނީ އިރާނުން އެކަންޏެެވެ. އިރާނުން ފުރަތަމަ އެމެރިކާގައި ކޭމްޕް ކުރާ ގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، އެ ޓީމުން އެމެރިކާގައި ކޭމްޕްކުރަން ކަނޑައެޅި ބައެއް ޝަރުތުތަކާ މެދު އެމެރިކާ އިން ހިތްހަމަނުޖެހުނީ އެެވެ. 
އެ ގޮތުން މައިގަނޑު ފުރަތަމަ ޝަރުތަކީ، އިރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ޓީމުގެ ސްޓާފުން ހިމެނޭހެން އެންމެނަށް ވިސާ ހަމަޖައްސައިދޭއިރު، އޭގެ ތެރޭގައި އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއް ހިމެނުނަސް އެކަން ފުރިހަމަކޮށްދޭން ޖެހޭނެ އެވެ.
ދެން، ކަނޑައަޅާފައިވާ ޝަރުތުތަކަކީ، އިރާނުގެ ޑެލިގޭޝަނަށް ފުރިހަމަ އިހުތިރާމް އަދާކުރުމާއި އިރާނަށް މަލާމަތް ރައްދުވާނެ ފަދަ ކަމެއް ނުކުރުމާއި އިރާންގެ ގައުމީ ސަލާމް މެޗުތަކުގައި ރަނގަޅަށް ޖެހުމާއި ހުރިހާ ވަގުތެއްގައި ފުރިހަމަ ސެކިއުރިޓީގެ އިންތިޒާމް ހަމަޖައްސައިދިނުމާއި އިރާނުގެ ސަރުކާރުން ގަބޫލުކުރާ އެ ގައުމުގެ ދިދަ ދަނޑަށް ވެއްދުމަށް އިންތިޒާމް ހަމަޖެއްސުމާއި ސިޔާސީ ހަމަނުޖެހުމުގެ ޝުއޫރުތައް މަނާކުރުމާއި އިރާނުގެ މިލިޓަރީގެ އިހުތިރާމް ގެއްލޭ ކަންކަމަށް ފުރުސަތު ނުދިނުމާއި ނޫސްވެރިން ސުވާލުކުރާއިރު ފުޓްބޯޅައިން ބޭރުގެ ކަންކަމަށް ފުރުސަތު ނުދިނުމާއި އިރާނު ރަމްޒުކޮށްދިނުމުގައި ރަސްމީ އުސޫލުތަކުގެ ތެރެއިން ކަންކަން ހަމަޖެއްސުން ހިމެނެ އެވެ. 
ދާދި ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ ވިދާޅުވީ، އިރާނުން ވޯލްޑް ކަޕްގައި ކުޅޭއިރު އެ ޓީމުގެ ޓީމާއި ޑެލިގޭޝަނުގައި، އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސްއާ ގުޅުން އޮންނަ ފަރާތެއް ހިމެނިގެން ނުވާނެ ކަމަށެވެ. އެކަމަކު، އިރާންގެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނަކީ ވެސް އެ ގައުމުގެ މެންޑޭޓަރީ މިލިޓަރީ ސާވިސް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ. 
ކެނަޑާގެ ވެންކޫވާގައި ދާދި ފަހުން ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްގައި، އެ ފެޑެރޭޝަންގެ 211 ގައުމުގެ ތެރެއިން ބައިވެރިނުވެވުނީ އިރާންގެ އޮފިޝަލުންނަށް އެކަންޏެވެ.
އިރާންގެ މީޑިއާއެއް ކަމަށްވާ ތަސްނީމް އިން ރިޕޯޓްކުރި ގޮތުގައި، އިރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، މެހެދީ ތާޖު ހިމެނޭހެން އިރާންގެ އޮފިޝަލުންނަށް ކެނަޑާ އަށް އެރުމުގެ ހުއްދަ ކެނަޑާ އިމިގްރޭޝަނުން ދީފައިނުވެ އެވެ. ކެނަޑާގެ ފޮރިން އެފެއާޒް މިނިސްޓަރު، އަނިޓާ އަނަންދު ވިދާޅުވީ، އިރާންގެ އޮފިޝަލުން ކެނަޑާ އަށް އެތެރެވުމަަށް ހުއްދަ ދެވޭނެ ހާލަތެއް ނެތް ކަމަށެެވެ.
ރިޕޯޓްތައް ބުނާގޮތުން، އިރާންގެ ފުޓްބޯޅަ ރައީސް ތާޖު އަކީ، އެ ގައުމުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑާ ގުޅުން އޮންނަ ފަރާތެއް ކަމަށް ބުނެ، ކެނަޑާ އަށް އައުމަށް އޭނާ އަށް ފުރުސަތު ނުދިނީ، އައިއާރްޖީސީ އަކީ ކެނަޑާ އިން ލިސްޓު ކޮށްފައިވާގޮތުގައި، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ