އޭސީސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ ފުރަތަމަ މެޗް ސިންގަޕޫރާ ދެކޮޅަށް

މިމަހުގެ 08 އިން 22 އަށް ސިންގަޕޫރުގައި އޮންނަ ފިރިހެނުންގެ 50 އޯވަރު އޭސީސީ ޗެލެންޖް ކަޕްގައި ރާއްޖެއިން ފުރަތަމަ މެޗަށް ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މިމެޗުގެ ކުޅުން ތާވަލުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހަށެވެ.
މިމުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މިހާރު ސިންގަޕޫރަށް ގޮސްފައިވާއިރު، މެޗުތައް ތާވަލުވެފައިވާގޮތުން ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 14 ވަނަ ދުވަހު މިޔަންމާއާ ދެކޮޅަށެވެ. މުބާރާތް ހަމަޖެހިފައިވާގޮތުން 15 ވަނަދުވަހާ ހަމައަށް ގްރޫޕް ސްޓޭޖްގެ ކުޅުން ނިމޭނެއެވެ.
އަދި ކުއާޓާގެ މެޗުތައް އޮންނާނީ 17 އަދި 18 ވަނަ ދުވަހުއެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމާ ގްރޫޕް ޑީ ގެ ދެވަނަ ޓީމެވެ. އަދި ދެވަނަ ކުއާޓާގައި ގްރޫޕް ސީގެ އެއްވަނައާއި ގްރޫޕް ބީގެ ދެވަނަ ވާދަކުރާނެއެވެ.
ތިންވަނަ ކުއާޓާގައި ގްރޫޕް ޑީގެ އެއްވަނަ އަދި ގްރޫޕް އޭ ގެ ދެވަނަ ވާދަކުރާއިރު، ފަހު ކުއާޓާގައި ވާދަކުރާނީ ގްރޫޕް ބީ ގެ އެއްވަނަ އަދި ގްރޫޕް ސީ ގެ ދެވަނަ ޓީމެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ 20 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ހޮވާ މެޗު 22 ވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު، ފައިނަލް މެޗްވެސް އޮންނާނީ ހަމަ އެދުވަހުއެވެ.
ފިރިހެނުންގެ 50 އޯވަރު އޭސީސީ ޗެލެންޖް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ 14 ކުޅުންތެރިންނާއި 3 އޮފިޝަލުންނެވެ. އޭގެ ތެރޭގައި ވަރަށް ޒުވާން ކުޅުންތެރިންވެސް ހިމެނޭއިރު، ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަސަން ހާޒިގް ރަޝީދުއެވެ. އޭނާގެ ދަށުން ޓީމު ލީޑްކުރާނީ އަހްމަދު އަމީލް މައުރޫފެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުން ހަރަކާތްތެރިވާނީ އަހުމަދު ނީޝަމް ނާސިރުއެވެ.
50 އޯވަރު އޭސީސީ ޗެލެންޖް ކަޕް ތިން ގްރޫޕަކަށް ބަހާލާފައިވާއިރު ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ހިމެނޭ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި މިޔަންމާއެވެ. ގްރޫޕް އޭ ގައި ވާދަކުރަނީ ޗައިނާ، މޮންގޯލިއާ އަދި މެލޭޝިއާއެވެ. ގްރޫޕް ސީ ގައި ތައިލޭންޑް، ބޫޓާން އަދި ތަޖިކިސްތާނު ވާދަކުރާއިރު، ގްރޫޕް ޑީ ގައި ހިމެނެނީ ކެމްބޯޑިއާ، އިންޑޮނޭޝިއާ އަދި ކަޒަކިސްތާނެވެ.
ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުވަނީ 2010 ވަނަ މިމުބާރާތުގައި ވާދަކޮށް ޗެންޕިއަންކަން ހޯދާފައެވެ. އެހެންކަމުން މިއަހަރުގެ މުބާރާތުންވެސް ރަނގަޅު ވަނައެއް ލިބޭނެކަމަށް އުންމީދުކުރާކަމަށް ޓީމުގެ ކޯޗް އިސްމާއީލް ނިހާދުވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައެވެ.
މުބާރާތުގެ ކުޅުން ކުރިއަށްދާ ސިންގާ އޯވަލް އަދި އެސްއެންސީޖީ އޯވަލް ދަނޑަކީ ސިންގަޕޫރުގެ އެންމެ މަޝްހޫރު ކުރިކެޓް ދަނޑުތަކެވެ. މިމުބާރާތުގެ އެންމެ މޮޅު ދެ ޓީމު އޭސީސީ މެންސް ޕްރިމިއަރ ކަޕަށް ކޮލިފައިވާއިރު، މިމުބާރާތް އިންތިޒާމްކުރަނީ އޭޝިއަން ކުރިކެޓް ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ