ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް ނިންމުމަށް އިނގިރޭސި ގާނޫނު ހަދާ މެންބަރުންނަށް ޗާގޯސްގެ ވަފުދަކުން ގޮވާލައިފި އެވެ.
އިނގިރޭސިވިލާތަށް ކުރި ދަތުރެއްގައި އެ ވަފުދުން ބުނީ މިއީ އިނގިރޭސި ސިޔާސީ މަސްރަހުގެ ތެރޭގައި "ތަޅުއެޅުވިފައިވާ" މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. 
ޗާގޯސް ރެފިއުޖީ ގްރޫޕުގެ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދުން ވަނީ، މި އެއްބަސްވުމަށް އެމެރިކާއިން ދެމުންދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އިނގިރޭސި ސަރުކާރަށް ގާނޫނީ މަސައްކަތްތައް މަޑުޖައްސާލަން ޖެހުނު ނަމަވެސް، އެއްބަސްވުން ނިންމުމަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
"އަހަރެމެންނަށް މިއީ ހަމައެކަނި ސިޔާދަތީ ބާރުގެ މައްސަލައެއް ނޫން، އެންމެ މުހިންމީ އަހަރެމެންގެ ހައްގުތައް،" ވެސްޓް ސަސެކްސްގައި ހުކުރު ދުވަހު އެއްވި ޗާގޯސްގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އެ ވަފުދުގެ ވެރިޔާ ލުއީ އޮލިވިއޭ ބެންކޯލްޓް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޗާގޯސް ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ހަގީގީ ނިޔަތެއް އިނގިރޭސި ސަރުކާރުގެ ކިބައިގައި ނެތް ކަމަށާއި އުފަން ބިމުގައި ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށެވެ.
ބެންކޯލްޓްގެ އާއިލާއިން 1965 ވަނަ އަހަރު ޗާގޯސް ދޫކޮށް މޮރިޝަސްއަށް ދިޔައީ އޭނާގެ އަންހެން ކޮއްކޮގެ ބޭސްފަރުވާއަށެވެ. ނަމަވެސް އޭގެ ފަހުން އެނބުރި ޗާގޯސްއަށް ދިޔުމަށް ހުއްދައެއް ނުދިނެވެ. އެއާއެކު 1996 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ އިނގިރޭސި ސަރުކާރާ ދެކޮޅަށް ގާނޫނީ ގޮތުން ވަކާލާތު ކުރަމުންނެވެ.
ޗާގޯސްގެ ރައްޔިތުންނަކީ މޮރިޝަސްއާ އެއްވެސް ގުޅުމެއް ނެތް، އެކަހެރިވެފައިވާ ބައެއް ކަމަށް ބުނެ އިނގިރޭސިވިލާތުގެ ބައެއް ސިޔާސީ ލީޑަރުންނާއި މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަށް ވެސް އެ ވަފުދުން ވަނީ ފާޑުކިޔާފަ އެވެ.
"އަހަރެމެންގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަ އިނގިރޭސި ސިޔާސީ މަސްރަހުގެ ތެރޭގައި ހައިޖެކްކޮށްފައިވާ މަންޒަރު އަހަރެމެން މި ބަލަނީ ނުހަނު ކަންބޮޑުވުމާއެކު،" ބެންކޯލްޓް ވިދާޅުވި އެވެ.
ވަފުދުގެ މެންބަރެއް ކަމަށްވާ ރޯޒްމަންޑް ބާޓިން ވިދާޅުވި ގޮތުގައި އޭނާ 1972 ވަނަ އަހަރު މޮރިޝަސްއަށް ޑީޕޯޓްކޮށްލިއިރު، އޭނާއަކީ ޗާގޯސްގެ ބިމުގައި އެންމެ ފަހުން އުފަންވި ކުއްޖާގެ މަންމަ އެވެ. ހާއްސަ ހުއްދައެއްގެ ދަށުން ރަށަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އުފަން ބިމުގައި އެންމެ ދުވަހަކަށް ވުރެ ގިނަ ދުވަހު މަޑުނުކުރެވުމަކީ އޭނާގެ ވަރަށް ބޮޑު ހިތާމައެކެވެ.
ކުޑަކުދިންގެ ގޮތުގައި ޗާގޯސް ދޫކޮށް ދާންޖެހުނު މީހުން ވެސް ވަނީ އެނބުރި ރަށަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އިނގިރޭސި ސަރުކާރުން ބަދަލު ހޯދުމަށް ވެސް އެމީހުން ގޮވާލި އެވެ. މީގެ އިތުރުން 1973 ވަނަ އަހަރު މަޖުބޫރުން ރަށުން ބޭރުކޮށްލުމުގެ ތެރޭގައި، ބަނޑަށް ހަތަރު މަހުގައި ދަރިފުޅު ބައިގެންދިޔަ ލިޒްބީ އެލީސޭ ވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ.
"މިހާ ގިނަ އަހަރުތަކެއް ވަންދެން އަހަރެމެން އުފުލި ތަކުލީފުތަކަށް އިންސާފު ނޫން އެހެން ކަމަކަށް އަހަރެމެން އުންމީދެއް ނުކުރަން،" އުމުރުން 12 އަހަރުގައި މަޖުބޫރުން މޮރިޝަސްއަށް ބަދަލުކުރުމުން މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ 71 އަހަރުގެ ޖޯސެފް ބާޓްރަންޑް ބުންޏެވެ.
މި ވަފުދުން ވަނީ ޖެރެމީ ކޯބިން އާއި އިންސާނީ ހައްގުތަކާ ބެހޭ ޖޮއިންޓް ކޮމިޓީގެ މުގައްރިރު ޑޭވިޑް އެލްޓަން ފަދަ ޕާލަމަންޓް މެންބަރުންނާ ބައްދަލުކޮށްފަ އެވެ. ލޯޑް އެލްޓަން އަކީ ޗާގޯސްގެ ރައްޔިތުން އެނބުރި ވަޒަނަށް ދިއުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
"އެމީހުންގެ އަމިއްލަ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި، ދާއިމީކޮށް އެނބުރި ވަޒަނަށް ދިއުމުގެ ހައްގަށް އަހަރެން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އެމީހުންނަށް ދިނިން،" ލޯޑް އެލްޓަން ވިދާޅުވި އެވެ.
ކޯބިން ވިދާޅުވީ، ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމާ އެއްގޮތަށް، އެ ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއްކަން ބައިނަލްއަގުވާމީ ގާނޫނުތަކުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފާގައި ވެސް ވަނީ، އެ ޖަޒީރާތަކުގެ މިލްކުވެރިކަމަށް އިނގިރޭސިވިލާތުން ކުރާ ދައުވާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ