ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 62 އިންސައްތައަށްވުރެ ގިނަމީހުން ވޯޓުލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 62.19 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން ހަވީރު 16:00 ޖެހުމާ ހަމައަށް ޖުމްލަ 2563 މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 1193 ފިރިހެނުންނާއި 1370 އަންހެނުންނެވެ.
މިއިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.
ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށައި 4:00 ޖަހާއިރަށް ނިންމަން އޮތްނަމަވެސް ވޯޓުލުމުގެ ވަގުތު މިހާރުވަނީ ފަހެއް ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. ވޯޓުލުމުގެ ގަޑ އިތުރުކޮށްފައިވަނީ ވޯޓުގެ ކިއުތައް ދިގުވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ