ބައި-އިލެކްޝަނުގެ ވޯޓުލުން 5:00 ޖެހުމާއި ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު، ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމީ ވޯޓުލާ މަރުކަޒުތަކުގައި ކިއުތައް ދިގުވުމުގެ ސަބަބުން ކަމަށެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2073 އަންހެނުންނާއި 2048 ފިރިހެނުންނެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ