އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން އެދިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު އިތުރުކޮށްދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ. ވޯޓުލާ ގަޑި 5:00 އާ ހަމައަށް އިތުރު ކުރީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ވެސް ވާހަކަ ދެއްކުމަށްފަހު ކަމަށް އިލެކްޝަންސްގެ އޮފިޝަލަކު ބުންޏެވެ.
ކުރިން ވޯޓު ފޮށިތައް ބަންދު ކުރަން ހަމަޖެހިފައި އޮތީ 4:00 ޖަހަންދެކަށެވެ. އެ ވަގުތާ ހަމައަށް ވޯޓު ލާފައި ވަނީ 62.19 ޕަސެންޓު މީހުންނެވެ. މި އިންތިހާބުގައި 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
މިއަދުގެ އިންތިހާބުގައި ވާދަ ކުރައްވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަބްދުﷲ ސޯދިގު (ސޯބެ) އާއި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުގައި އިލެކްޝަންސް އިން ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓި އެވެ. އޭގެ ތެރެއިން ދެ ފޮށި ބެހެއްޓީ ވެރި ރަށް މާލޭގަ އެވެ. ބާކީ ފޮށިތައް ބަހައްޓާފައި ވަނީ ހިތަދޫގަ އެވެ. މާލޭގައި ބެހެއްޓި ދެ ފޮށި ހުރީ ދަރުމަވަންތަ ސްކޫލްގަ އެވެ. ހިތަދޫގެ ފޮށިތައް ބެހެއްޓީ ހިތަދޫ ސްކޫލްގަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި ކުރިން އިންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުނީ އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް އޭޕްރީލް 12، ގައި ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. މެންބަރު ކަމުގެ ޝަރުތު ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިޔުމުންނެވެ.
ހުކުމާ އެއްގޮތަށް ސިނާނު ނުދެއްކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައި އޮތް ފަސް މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނު އޭނާ އަދާ ކުރީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުނެވެ. އެހެންކަމުން، އޭނާއަށް ވެސް އަލުން މަޖިލިސް މެންބަރުކަމަށް ކުރިމަތިލެވޭނެ އެވެ.
2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓު ވޯޓާއެކު އެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް 838 ވޯޓު ލިބިވަޑައިގަތެވެ.
އެމްޑީޕީން އެދިގެން ވޯޓުލުން އެއް ގަޑިއިރަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ