ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު، އެނބުރި އަންނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެމީހުންގެ ޞިއްޙީ ހާލަތު މޮނިޓަރކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ގިނަ ބަޔަކު އެއްވެ އުޅޭ ތަނެއްގައި އުޅުމަށްފަހު އަންނައިރު، ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތްނަމަވެސް 14 ދުވަހުގެ މުއްދަތަށް ޞިއްޙީ ހާލަތު މޮނިޓަރ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. "އަލާމާތެއް ނެތި މިހެން އައިސް ހުންނަ އިރުވެސް އެހާ ގިނަ ބައެއްގެ ތެރޭގައި އުޅެފަ އައީމަ ކޮންމެވެސް ވަރަކަށް ރަނގަޅު މޮނިޓަރ ކޮށްލުން، އެހެންވީމަ ގާތްގަނޑަކަށް އަންނަތާ 14 ދުވަސް ވަންދެން ބަލަންވާނެ އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް އަންނަތޯ،" ސަނާ ވިދާޅުވިއެވެ.
ޙައްޖުވެރިން އެނބުރި އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ދަތުރުމަތީގައްޔާއި އުޅޭއިރު މާސްކު އެޅުން ހިމެނެއެވެ. މީގެ އިތުރުން ރޯގާގެ އަލާމާތް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ގާތް ނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ފެމިލީ މެޑިސިން ޑރ. އިބްރާހީމް އިޔާޒް ވިދާޅުވީ، މިއަހަރު ފެށުނީންސުރެ ވައިރަލް ހުމާއި ރޯގާގެ ކޭސްތައް މަދުނުވާ ކަމަށާއި، ޑެންގީ އާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ. ޙައްޖުގެ އަޅުކަމުގައި މީހުން ވަރަށް ގާތްގާތުގައި އުޅެންޖެހުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ހައި ރިސްކު މީހުން ކަމަށްވާ މާބަނޑު މީހުންނާއި، ހަކުރު ބައްޔާއި ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް މިފަދަ ބަލިތަކުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ. ޑެންގީ އާއި އިންފްލުއެންޒާއަކީ ބަލީގެ ފުރަތަމަކޮޅު ބޮޑުވަރުނުވެ، ފަހުން ނުރައްކާތެރި އަލާމާތްތައް ފެންނަ ބަލިތަކަކަށް ވާތީ، އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އާއި ޞިއްޙީ މާހިރުން ވަނީ ނަސޭހަތްތެރިވެފައެވެ.
14 ދުވަސް ވަންދެން ޙައްޖުވެރިންގެ ޞިއްޙީ ހާލަތު މޮނިޓަރކުރުން މުހިންމު: އެޗްޕީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ