މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޠާބުގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނުލިބުމާއި، އަހަރުން އަހަރަށް ޔަޤީންކަމާއެކު ލިބޭނެ ބަޖެޓެއް ނެތުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގްރީން ފަންޑުން ކަނޑައެޅޭ މި ފައިސާއަކީ ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އިތުރުން ޚަރަދުކުރެވޭނެ ފައިސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ބެލެހެއްޓުމަށާއި، އެފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށް ކަމަށެވެ. މީގެ އިތުރުން ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކަށްވެސް މި ފައިސާ ޚަރަދުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ "އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން" އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއިން މިހާރުވެސް ތަޙައްމަލުކުރަމުންދާ ކަމަށެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް މިހާރުވެސް ތަޙައްމަލުކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ޙަޤީޤަތް ކަމަށެވެ. އަދި މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން ކަމަށާއި، އެންމެން އިސްނަގައި، ޤައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނޭ ކަންކަމާމެދު ވިސްނައި، ޢަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދާއި، ދުޅަހެޔޮކަމާއި، އަދި ޖުމްލަކޮށް މުޅި ދިރިއުޅުމުގެ ވައްޓަފާޅި ގުޅިފައި ވަނީ ޤުދުރަތީ ވެށްޓަށް ކަމަށެވެ. އަދ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ، އެންމެ މަޤުބޫލު އެއް މަންޒިލަށް ވެފައިވަނީ ރަށްތަކުގެ ފެހިކަމާއި، ވަށައިގެންވާ ހުދުކުލައިގެ ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ސާފު ނޫކުލައިގެ މޫދާއި ފަރުތައް ފަދަ ހިތްގައިމު ޤުދުރަތީ ސިފަތަކުގެ ސަބަބުންކަންވެސް އެމަނިކުފާނުގެ ޚިތާބުގައިވެއެވެ.
ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު 7 މިލިޔަން ރުފިޔާ ޚަރަދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ