ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސްވުމުން ގދ. ތިނަދޫގެ ވެމްކޯ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މިއަދު އިހުތިޖާޖުކޮށްފި އެވެ.
އިހުތިޖާޖުގައި ބައިވެރިވި ވެމްކޯ މުވައްޒަފަކު އަދަދު އަށް ބުނީ އިހުތިޖާޖުކުރީ ޕެންޝަން ފައިސާ ޖަމާނުކޮށް ދިގުލައިގެންގޮސް އެކަމަށް އެދެވޭ ހައްލެއް ނުލިބޭތީ ކަމަށެވެ.
އޭނާ ބުނީ ޕެންޝަން ފައިސާ ޖަމާކޮށްދޭން ވެމްކޯގެ ހެޑް އޮފީހުގައި އެދުމުން ކޮންމެ ފަހަރަކު ދޭ ޖަވާބަކީ މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ލިބުމުން ޕެންޝަން ފައިސާ ޖަމާކުރާނެ ކަމަށެވެ.
"ޕެންޝަން ފައިސާ ޖަމާކުރަން ވެމްކޯގެ ހެޑް އޮފީހަށް ގުޅުމުން ކޮންމެ ފަހަރަކު ދޭ ޖަވާބަކީ މާލެ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ލިބެންޖެހޭ 60 މިލިއަން ރުފިޔާ ދިނުމުން ޕެންޝަން ފައިސާ ޖަމާކުރާނެ ކަމަށް،" އޭނާ ބުންޏެވެ.
ސަރުކާރު ކުންފުނިތަކުން އެންމެފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާރުޓީއައި އެކްޓިވިސްޓު، އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލުގެ ޖަވާބުގައި ޕެންޝަން އޮފީހުން ދިން މައުލޫމާތުން ވެމްކޯއިން މުވައްޒަފުންނަށް ދޭންޖެހޭ ޕެންޝަން ފައިސާ ޖަމާނުކުރާކަން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހާމަވި އެވެ.
ޕެންޝަން އޮފީހުން ދިން މައުލޫމާތު އެނގޭ ގޮތުގައި ވެމްކޯއިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. ބީސީސީން އެންމެފަހުން ޕެންޝަން އޮފީހަށް ފައިސާ ދައްކާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 18، ގަ އެވެ.
ޕެންޝަން އޮފީހުން ބުނާ ގޮތުގައި ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024، ގަ އެވެ. އޭގެ ފަހުން ޕެންޝަން ފައިސާ އެ ކުންފުނިން މުވައްޒަފުންނަށް ޖަމައެއްނުކުރެ އެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހު ވެމްކޯއިން ވަނީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށް އެއްބަސްވެ، އެ ފައިސާ ޖަމާނުކުރެވެނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެފަ އެވެ.
ވެމްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ދޭ ކުނި އުކުމުގެ ހިދުމަތަށް ގޭބިސީތަކުން ފައިސާ ނުދައްކާތީ، 2023 ގައި މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލައިފަ އެވެ.
ކޮންމެ މުވައްޒަފެއްގެ ވެސް އަސާސީ މުސާރައިގެ ހަތް ޕަސެންޓު މުވައްޒަފުގެ މުސާރައިން ޕެންޝަނަށް އުނި ކުރެ އެވެ. އަދި ހަމަ އެ އަދަދަށްވާ ފައިސާ ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ދައްކަން ޖެހެ އެވެ. އެއީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކުރަން ލާޒިމު ވެސް ކަމެކެވެ.
ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސްވުމުން މުވައްޒަފުން އިހުތިޖާޖުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ