ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ހަތަރު ގަޑިއިރު ތެރޭ ވޯޓުލީ 26 ޕަސެންޓް މީހުން
މިއަދު ކުރިއަށްދާ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހަތަރު ގަޑިއިރު ތެރޭ 26 މީހުން ވޯޓުލައިފިއެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފައި ވަނީ 8:00ގައެވެ. އަދި ވޯޓުލުން 16:00ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121އަށް އަރައެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، 12:00އާ ހަމައަށް ވޯޓުލައިފައި ވަނީ 1080 މީހުން ނުވަތަ 26.21 ޕަސެންޓް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 529 އަންހެނުންނާއި 551 ފިރިހެނުންނެވެ. އަދި ވޯޓުނުލާ މީހުންގެ އަދަދު 3041އަށް އަރައެވެ. https://sun.mv/222928 އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދެއެވެ. އަދި މައްސަލައެއް ދިމާނުވެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީސީން ވަނީ ވޯޓުލާން ދާއިރު މުއްދަތު ހަމަނުވާ، ކާކުކަން އަންގައިދޭ ލިއުމެއް ގެންދިޔުމަށް ހަނދާންކޮށްދީފައެވެ. އެގޮތުން އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓު ކާޑާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގެންދެވޭނެއެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަން ކުރާ ޕީއެންސީން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ. މި ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އެއީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހު ހުކުމް ކުރުމާ ގުޅިގެންނެވެ. މި ބައި އިލެކްޝަނަށް ޕީއެންސީން ބޭއްވި ޕްރައިމަރީގައި އަޙްމަދު ސަޢީދާ ވާދަކުރައްވައި، ޓިކެޓް ހޯއްދެވީ ސިނާނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ބައި-އިލެކްޝަނަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ވިދާޅުވެ ޓިކެޓު ދޫކޮށްލައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވަނީ 12 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ