ހެންރީ ނޯވަކް މަރާލި ހާދިސާއަށް ފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކެވި ވާހަކަތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ޑިމޮކްރަސީއަށް ނުފޫޒު ފޯރުވައި ބައިބައިވުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ޑައުނިންގް ސްޓްރީޓުން ވަރުގަދަ ރައްދެއް ދީފި އެވެ.
މިދިޔަ އަހަރު ސައުތުހެމްޕްޓަންގައި ވިކްރަމް ދިގްވާ ވަޅިން ހަމަލާދީ މަރާލި އުމުރުން 18 އަހަރުގެ އިނގިރޭސި ދަރިވަރު ހެންރީ ނޯވަކްގެ މަރުގެ ޒިންމާ އެމެރިކާގެ ނައިބު ރައީސް އެޅުއްވީ "ހިޖުރާ ކުރާ މީހުންގެ ފައުޖުތައް ގައުމަށް ވަދެގަތުމުގެ" މައްޗަށެވެ. އަދި މިކަމަށް އޮތް ހަމައެކަނި ރައްދަކީ "ހައްގު ރުޅި" އިސްކުރުން ކަމަށް ވެސް ވެންސް ވިދާޅުވި އެވެ.
އެކްސްގައި ވެންސް ކުރެއްވި މި ޕޯސްޓާ ގުޅިގެން ޑައުނިންގް ސްޓްރީޓްގެ ތަރުޖަމާނު ވިދާޅުވީ، ނޯވަކްގެ މަރުގެ ހާދިސާ ބޭނުންކޮށްގެން އިތުރު ބައިބައިވުން އުފެއްދުމަށް އާއިލާއިން ބޭނުންނުވާ ކަމަށް އެ އާއިލާއިން ބުނެފައިވާ ކަމަށެވެ.
"އެންމެ ހިތާމަވެރި ދަނޑިވަޅުތަކުގައި ވެސް އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު ވާންޖެހޭނީ މީހުން އެއްބައިކުރުވާ އެއްޗަކަށް. އެއީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސިފައަކީ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ނޯވަކް މަރުވަމުން ދިޔައިރު ފުލުހުން އޭނާގެ އަތުގައި ބިޑިއެޅުވި މަންޒަރު ފެންނަ ބޮޑީކެމް ފުޓޭޖް އާންމުވުމާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު ސައުތުހެމްޕްޓަންގައި ވަނީ އިހުތިޖާޖުތަކެއް ކޮށްފަ އެވެ. ފުލުހުން ނޯވަކްގެ އަތުގައި ބިޑިއެޅުވީ، އޭނާ މަރާލި ދިގްވާ އަކީ ނަސްލީ ހަމަލާއެއްގެ ޝިކާރައަކަށްވީ މީހާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމާ ގުޅިގެންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ރަހުމަތްތެރިންނާއެކު ބޭރުގައި އުޅުމަށް ފަހު އެކަނި ގެއަށް ހިނގާފައި ދަނިކޮށް، ނޯވަކްއަށް ހަމަލާ ދިނީ އިންޑިއާ ނަސްލުގެ ސީކް ދީނަށް ނިސްބަތްވާ 21 އަހަރުގެ ދިގްވާ އެވެ. ހަމަލާ ދިނީ 21 ސެންޓިމީޓަރުގެ ވަޅިއަކުންނެވެ. ދިގްވާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިރު، އޭނާ ބުނީ ވަޅި ގެންގުޅުނީ އޭނާގެ އަގީދާގެ ދަށުން ކަމަށެވެ.
ހެންރީ ނޯވަކް މަރާލި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތުގެ ބޮޑީކެމް ފުޓޭޖް އާންމުވުމާ ގުޅިގެން، ފުލުހުންނާ މެދު ސީރިއަސް ސުވާލުތަކެއް ހުރި ކަމަށް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. މި ހާދިސާގައި އަނިޔާ ލިބުނު ނޯވަކްގެ އަތުގައި ފުލުހުން ބިޑިއެޅުވި މައްސަލައިގައި އާންމުން މުޒާހަރާކުރަމުންދާއިރު، ފުލުހުންގެ ތެރޭގައި އޮތް ނަސްލީ ތަފާތުކުރުންތަކުގެ ސިޔާސަތުތަކާ މެދު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.
ކްރައުން ޕްރޮސެކިއުޝަން ސާވިސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ނޯވަކް މަރާލި ދިގްވާ އަކީ އުފަންވީއްސުރެ އިނގިރޭސި ރައްޔިތެކެވެ.
އިންޑިޕެންޑެންޓް އޮފީސް ފޯ ޕޮލިސް ކޮންޑަކްޓުން މިހާރު ދަނީ ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރަމުންނެވެ. އަދި ފުލުހުންގެ ފަރާތުން އައި އެއްވެސް އިހުމާލެއް ނުވަތަ ފަރުވާ ދިނުން ލަސްވުމަކީ ނޯވަކްގެ މަރަށް މެދުވެރިވި ސަބަބެއްތޯ އަންނަ އަހަރު ބާއްވާ އިންކުއެސްޓް ޖޫރީއަކުން ނިންމާނެ އެވެ.
މި ހަފުތާގެ ކުރީކޮޅު ބޮޑުވަޒީރު ކިއާ ސްޓާމާ ވަނީ، ޓެކް ބިލިއަނަރު އީލޮން މަސްކް ވެސް ނޯވަކްގެ މަރުގެ ހާދިސާ ބޭނުންކޮށްގެން "ބައިބައިވުން އުފައްދަން މަސައްކަތްކުރާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްކް ލިޔުއްވާފައި ވަނީ، ނޯވަކް މަރުވަމުން ދިޔަ ވަގުތު ފުލުހުން އޭނާއާ މެދު އަމަލުކުރި އިހާނެތި ގޮތާއި، ގާތިލުގެ ކުރިމަތީގައި ފުލުހުން ކުޑަކަކޫ ޖެހި މަންޒަރު ފެންނަ ވީޑިއޯ އެންމެންނަށް ފޮނުވުމަށެވެ.
ނޯވަކްގެ މަރު: އެމެރިކާގެ ނައިބު ރައީސްގެ ވާހަކަތަކަށް އިނގިރޭސިވިލާތުން ރައްދު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ