ރާއްޖޭގެ އިޤްތިޞާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ކުރިއަށްއޮތްތާގައި ކްރެޑިޓް ރޭޓިން ދަށްކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މަތިކޮށްފައެވެ. އެގޮތުން ފިޗުން އެންމެފަހުން ނެރުނު ރޭޓިންގައި ވަނީ ކުރިން ރާއްޖޭގައި އޮތް "ސީސީ" ރޭޓިންގ "ސީސީސީ -"އަށް މަތިކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު ސާއިދު މުސްޠަފާ ވިދާޅުވީ، ކްރެޑިޓް ރޭޓިންއަށް ލިބުނު މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ގެނެސްފައިވާ ރެވެނިއު ސައިޑް ރީފޯމްތައް ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބޭރު ފައިސާއާއި ގުޅޭގޮތުން ގާނޫނުގެ ދަށުން ތަންފީޒުކުރާ ކަންތައްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ސާއިދު ވިދާޅުވީ، މިއަހަރަކީ ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތަކެއް އައި އަހަރެއް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު މެދު ރާސްތާގައި "ރޯބަސްޓްލީ" ނުވަތަ ވަރުގަދަކޮށް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މާލީ ވުޒާރާގެ އެސެސްމެންޓްތަކުންވެސް އިޤްތިޞާދު ރިބައުންޑްވެ، ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެ ލަފާކުރެވޭ ކަމަށެވެ.
ސާއިދު ވިދާޅުވީ، ފިޗުގެ ރިޕޯޓުގައި ރާއްޖޭގެ ދަރަނީގެ ޒިންމާތައް އަދާނުކުރެވިދާނެ ކަމުގެ ހިރާސް ކުޑަކަން ފާހަގަކޮށްފައިވާ ކަމަށެވެ. މީގެ ސަބަބެއްގެ ގޮތުގައި ސާއިދު ފާހަގަކޮށްފައިވަނީ ދައުލަތުގެ އާމްދަނީ އުފުލިފައިވުމާއި، ޚަރަދުތައް ކޮންޓްރޯލްކުރުމުގެ ފުރުސަތު ފަހިވެފައި އޮތުމެވެ.
"މި ރޭޓިންގަ އެބޭފުޅުން މި ފާހަގަކުރައްވަނީ ކުރިއަށްއޮތްތާގައި ރޭޓިން ދަށް ކުރެވޭނީ ހަމައެކަނި ދަރަނި އަދާކުރުމުގައި ތާށިތަކެއް އަންނަ ކަމުގައިވާނަމަ، ނުވަތަ ދައުލަތުގެ ދަރަނިތައް އަދާކުރުމަށް ދައްޗެއް ވާނަމަ. އެކަމު އެފަދަ ހާލަތެއް ދެންއައުން އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ކުރު ރާސްތާގައި ފެންނަނީ ވަރަށް ނާދިރުކަމެއްގެ ގޮތުގައި. އެއީ ދަޢުލަތުގެ އާމްދަނީ ވަަނީ އުފުލިފައި." މާލީ ވުޒާރާގެ ނައިބު ރައީސް ސާއިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ރޭޓިން މަތިކުރުމަށް ބަލާނެ މިންގަނޑުތަކަށް އަލިއަޅުވާލައްވަމުން، ސާއިދު ވިދާޅުވީ ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވުމާއި، ކުރު އަދި މެދު ރާސްތާގައި ޚަރަދުތައް ހިފެހެއްޓިފައި ހުރުމަކީ ރޭޓިން މަތިވުމަށް މަގުފަހިވާނެ ކަންތައްތައް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންގޮސް، މާލީ ހަމަޖެހުން ގާއިމުކުރުން ކަމަށްވެސް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު ސާއިދު މުސްޓަފާ ވިދާޅުވިއެވެ.
ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އައު ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިޤްތިޞާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.
"އިޤްތިޞާދު ރަނގަޅު މިސްރާބެއްގައި، ރޭޓިން ދަށްވުމަކީ ނާދިރުކަމެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ