ވޯލްޑް ކަޕް 2026: އިންގްލެންޑް ކުޅުންތެރިންގެ ބޫޓުތަކާއި ބޯޅަތައް ވަގަށް؛ ޓުޗެލްއަށް ބޮލުގެ ރިހުމެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ގަދަވަމުންދަނިކޮށް، މުބާރާތަށް ތައްޔާރުވަމުންދާ އިންގްލެންޑް ގައުމީ ޓީމުގެ ސާމާނުތަކެއް ވަގަށްނެގި މައްސަލަ ހޫނުވެ ކޯޗު ޓުޗެލް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިންގްލެންޑް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެމެރިކާގެ ކެންސަސް ސިޓީއަށް ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ވާސިލްވުމުގެ ކުރިން، އެ ޓީމުން ބޭނުންކުރަން ހަމަޖެހިފައި އޮތް ޓްރޭނިން ސާމާނުތަކެއް ވަނީ ވަގަށް ނަގާފައެވެ. މި ހާދިސާ ހިނގާފައިވަނީ އިންގްލޭންޑް ޓީމުގެ ބޭސް ކަމަށްވާ "ސްވޯޕް ސޮކާ ވިލޭޖް" އަށް ސާމާނުތައް އުފުލި ވެހިކަލްތައް ފަޅާލައިގެންނެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ދަނީ ވަގަށް ނަގާފައިވަނީ ކޮން އެއްޗެހިތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި ގެއްލުނު ތަކެތީގެ ތެރޭގައި ކުޅުންތެރިންގެ ބޫޓުތަކާއި، ޕްރެކްޓިސް ބޯޅަތަކުގެ އިތުރުން ތަމްރީނުތަކަށް ބޭނުންވާ މުހިންމު ސާމާނުތައް ހިމެނެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ކެންސަސް ސިޓީގެ ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް މައްސަލައިގެ ތަހުގީގު ފަށާފައެވެ. ފުލުހުންގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، ޓީމުގެ ވެހިކަލުން ސާމާނުތަކެއް ގެއްލިފައިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ދަނީ ބަލަމުންނެވެ. އަދި މި ވައްކަމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ދަނީ އިނގިރޭސި އެފްއޭއާ ގާތުން މުއާމަލާތް ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން އިންގްލެންޑްގެ އާ ކޯޗު ތޯމަސް ޓުޗެލް، އަންނަ ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ވަމުންދާ ތައްޔާރުވުންތަކަށް ބުރޫއެރުމުގެ ބިރު ވަނީ ހީވެފައެވެ. އިންގްލެންޑް ޓީމުން އެމެރިކާގެ ފަސްގަނޑުގައި ބާއްވާ ފުރަތަމަ ފުލް ޓްރޭނިން ސެޝަން އާދިއްތަ ދުވަހު ކުރިއަށް ގެންދަން ރާވާފައިވާއިރު، ގެއްލުނު ސާމާނުތަކުގެ ބަދަލުގައި އާ ތަކެތި ހޯދުމުގެ އަވަސް މަސައްކަތްތަކެއް އެފްއޭއިން މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ