އީރާނާއި އެމެރިކާއިން ހަމަލާތަކާއި ތުހުމަތުތައް އިތުރުކޮށްފި

އެމެރިކާ އާއި އީރާނުން ރޭ ވެސް އަލުން އަސްކަރީ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
މިއާ އެކު ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ހަތަރު މަސްވީ ކުރިމަތިލުންތައް ނިންމުމަކަށް ގެނައުމަށްޓަކައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސޮއިކުރި ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އީރާނުން ކުރިއަށްގެންދާ އެއްބަސްވުމާ ހިލާފު އަމަލުތައް ހުއްޓާނުލައިފި ނަމަ ވޮޝިންޓަނުން "އަސްކަރީ ގޮތުން އެ މަސައްކަތް މުޅިން ނިންމާލަފާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވިތާ މާ ގިނައިރެއް ނުވެ، ރޭގެ ވަގުތެއްގައި އީރާނުން ވަނީ ކުވައިތާއި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
"އަޅުގަނޑުމެންނަށް ދެން މަޑުމައިތިރިކަމާ އެކު ވިސްނައިދެވެން ނެތް ހާލަތެއް އަތުވެދާނެ. އަދި އަޅުގަނޑުމެން ވަރަށް ކާމިޔާބުކަމާ އެކު ފެށި މަސައްކަތް އަސްކަރީ ބާރުގެ ބޭނުންކޮށްގެން މުޅިން ނިންމާލަން މަޖުބޫރުވެދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
"އެހެން ވެއްޖެ ނަމަ، އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ނަމެއް ދެން ނޯންނާނެ!"
މި ހަމަލާތައް ދީފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޕެނަމާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކަށް އީރާނުގެ ޑްރޯނަކުން ހަމަލާދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން، އެމެރިކާއިން އީރާނުގެ އަސްކަރީ އަމާޒުތަކަށް އިއްޔެ އާ ހަމަލާތަކެއް ދީފައިވަނިކޮށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ ވިޔަފާރި އުޅަނދުތަކާ ދެކޮޅަށް އީރާނުން ދެމުންދާ އުދުވާންތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ ފާރަލާ ނިޒާމުތަކަށާއި މުވާސަލާތީ ވަސީލަތްތަކަށާއި ވައިގެ ދިފާއީ ނިޒާމުތަކަށާއި ޑްރޯން ރައްކާކުރާ ތަންތަނުގެ އިތުރުން ކަނޑުއަޑީގެ މައިން އަތުރާ މަރުކަޒުތަކަށް އަމާޒުކޮށްގެން ދިން ހަމަލާތަކެކެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން ބުނީ، އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތަކަކީ އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބިނާތަކަށް "ނަރަކައިގެ އަޒާބު" ލިބޭނެ ކަމަށް ބުނެ އިންޒާރު ދިނެވެ. މީގެ އިތުރުން، އެމެރިކާއިން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، މި ފަހުގެ ހަމަލާތަކުގެ ސަބަބުން ޑިޕްލޮމެޓިކް ހުރިހާ މަޝްވަރާތަކެއް މުޅިން ހުއްޓުމަކަށް އަތުވެދާނެ ކަމަށް އީރާނުން ބުންޏެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކުވައިތާއި ބަހްރޭންގައި ހުރި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ބޮޑު ގެއްލުމެއް ވެސް ނުލިބެ އެވެ.
އަލުން ފެށުނު މި ކުރިމަތިލުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިއަށެވެ. ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް މަސްތަކެއް ވަންދެން ބުރޫއަރާފައި އޮތުމަށް ފަހު، މިހާރު އީރާނުން ދަނީ އެ ކަނޑުއޮޅީގެ ދަތުރުފަތުރުގެ މަގުތަކުގެ މައްޗަށް ބޮޑު ކޮންޓްރޯލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން ތެޔޮ އެކްސްޕޯޓްކުރަން އަލުން ފަށައި ތެލުގެ އަގުތައް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވި ނަމަވެސް، މި މުހިންމު ކަނޑުއޮޅިން ދަތުރުފަތުރުކުރުމާ ބެހޭ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.
މީގެ އިތުރުން، ލުބުނާނުގެ މަސްރަހު ވެސް އަދިވެސް އޮތީ ނުތަނަވަސްކޮށެވެ. އެގޮތުން އިޒްރޭލާއި ހިޒްބުއްލޯއާ ދެމެދު ތަކުރާރުކޮށް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުންތައް އެކުލަވާލި ނަމަވެސް ހަނގުރާމަ ހުއްޓުވުމުގައި ވަނީ ނާކާމިޔާބުވެފަ އެވެ. މީގެ ސަބަބުން އެމެރިކާ އާއި އީރާނުގެ މެދުގައި ކުރިއަށްދާ ފުޅާ ސުލްހައިގެ މަރުހަލާއަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ