އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ ބޭނުންކުރެވޭ އުމުރު ކަނޑައަޅާފައިވާ ގާނޫނާ ހިލާފުވާ ކުންފުނިތަކަށް ދޭ އެންމެ ބޮޑު އަދަބު 99 މިލިއަން ޑޮލަރަށް ބޮޑުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މިއީ ކުރިން ކަނޑައަޅާފައި އޮތް އަދަބަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.
ގާނޫނުގެ ދަށުން، ސޯޝަލް މީޑިއާ ކުންފުނިތަކުން ގާނޫނު ތަންފީޒު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހެކި ހުށަހެޅުމަށް މަޖުބޫރުކުރުމުގެ ބާރު އެ ގައުމުގެ އީ-ސޭފްޓީ ކޮމިޝަނަރަށް ލިބިގެންދާނެ އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މައިގަނޑު 10 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބޭނުންކުރުން އޮސްޓްރޭލިއާގައި ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް، މަނާކޮށްފައިވާ އެޕްލިކޭޝަންތައް ގިނަ އަދަދެއްގެ ކުދިން އަދިވެސް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މި ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަސް ޕްލެޓްފޯމެއްގެ މައްސަލަ މިހާރު ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. އެއީ ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބެވެ.
އޮސްޓްރޭލިއާގެ މި ނިންމުމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑު ސަމާލުކަމަކާއެކު ތައާރަފުކުރި ގާނޫނަކަށް ވީނަމަވެސް، އެ ގައުމުގެ ސަރުކާރަށް މި ގާނޫނު ތަންފީޒުކުރުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސޯޝަލް މީޑިއާ މަނާކުރުމުގެ ކުރިން އެ ވަސީލަތްތައް ބޭނުންކުރި ގިނަ ދަރިވަރުން މިހާރު ވެސް ބުނަނީ، އެ ކުދިންނަށް އަދިވެސް އެ ޕްލެޓްފޯމްތައް ބޭނުންކުރެވޭ ކަމަށެވެ.
އޮސްޓްރޭލިއާގެ މިނިވަން ރެގިއުލޭޓަރެއް ކަމަށްވާ އީ-ސޭފްޓީ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ސޯޝަލް މީޑިއާ މަނާކުރުމުގެ ކުރިން އެކައުންޓް ގެންގުޅުނު 16 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން ހަތް ކުއްޖަކަށް އަދިވެސް އެކި މިންވަރަށް އެ ވަސީލަތްތައް ބޭނުންކުރެވެ އެވެ.
ހޮނިހިރު ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި މި ގޮންޖެހުންތައް ހުރިކަން ގަބޫލުކޮށްފައިވެ އެވެ. އަދި އަދަބުތައް ހަރުކަށިކުރުމަކީ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ޕްލެޓްފޯމްތަކާ ދެކޮޅަށް ސަރުކާރުން އަޅާ ވަރުގަދަ ފިޔަވަޅެއްގެ ހެކި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ބޭން ތަންފީޒު ނުކުރެވިގެން ކުންފުނިތަކަށް ޖޫރިމަނާ ބޮޑުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ