ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުންމީދަކަށް ވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރި އާއި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް އާ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މި އެއްބަސްވުމުގެ މަޝްވަރާތައް ފަށަން ދެ ގައުމުން ނިންމިކަން އިއުލާނުކުރައްވާފައި ވާއިރު މިހާރު އަންނަނީ މިކަމާ ގުޅޭ ގޮތުން ދިވެހި ވިޔަފާރިވެރިންގެ ހިޔާލު ވެސް ހޯދަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އިގްތިސާދު ޑައިވާސިފައިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެއް ކަންތަކެވެ.
"އިންޑިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ބައިވެރިޔާ. ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސިއުމާ މާކެޓް. މިއަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ދުނިޔޭގެ އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް މާކެޓަށް ދިވެހި އުފެއްދުންތަކަށް ފަސޭހަކަމާއެކު ވަނުމުގެ ފުރުސަތު ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.
"ހާއްސަކޮށް މަސްވެރިކަމުގެ އުފެއްދުންތަކާއި، ކަނޑުގެ އެހެނިހެން ބާވަތްތަކުގެ އިތުރުން ރާއްޖޭގެ އަމިއްލަ އުފެއްދުންތަކަށް އިންޑިއާގެ މާކެޓުން ހާއްސަ އިނާޔަތްތަކެއް ލިބޭނެ. ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ އެތައް ހާސް ދިވެހި ޒުވާނުންނަށް އަދި ކުރިމަގުގައި އީކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލެވޭ ފަހި ފުރުސަތަކަށް ވާނެ."
ޓޫރިޒަމްގެ ސިނާއަތަށް ސީދާކޮށް އަދި ނުސީދާކޮށް ގިނަ ކުރިއެރުންތަކެއް، މިނިވަން ވިޔަފާރީގެ ކޮރިޑޯ ތެރެއިން ހާސިލްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކީ ސައީދު ވިދާޅުވި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކެވެ. މީގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންނާއި، އަންހެނުން އިސްވެ ތިބެ ހިންގާ ވިޔަފާރިތަކުގެ އިތުރުން، ގޭގައި ތިބެގެން ކުރާ ކުދި ވިޔަފާރިތަކަށް ވެސް އިންޑިއާގެ ބޮޑު މާކެޓާ ގުޅިލާމެހުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
"މި އެއްބަސްވުމަކީ ހަމައެކަނި ކަސްޓަމްސް ޑިއުޓީ ކުޑަކުރުމެއް ނޫން. މީގެ ސަބަބުން ވިޔަފާރީގެ އިދާރީ ހުރަސްތައް ނެތިގޮސް، ލިޔެކިޔުންތައް ޑިޖިޓަލްވެ، މުދާ އުފުލުމާއި ކަސްޓަމްސް މަރުހަލާތައް އަވަސްވެގެންދާނެ. މިއީ ދިވެހި ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެ، ހަރަދުތައް ކުޑަކުރުމަށް ލިބޭނެ ބޮޑު ލުޔެއް. އަދި ޓެކްނިކަލް އެހީތެރިކަމާއި ޓެކްނޮލޮޖީ ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ،"
މި އެއްބަސްވުމާ އެކު ދެ ގައުމުގެ ދެމެދުގައި އިންވެސްޓް ކުރެވޭނެ ބައެއް ދާއިރާތަކުގެ ތެރޭގައި:
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުން އެކުލަވާލުމުގައި ރާއްޖޭގެ މަސްވެރިކަން، ޓޫރިޒަމް، އިމާރާތްކުރުން، އޭވިއޭޝަން، އަދި ސިއްހީ ދާއިރާ ފަދަ ގިނަ ސެކްޓާތަކެއްގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
މި އެއްބަސްވުން މިއަހަރު ތަންފީޒުވާން ފެށުމުން، ރާއްޖޭގެ އިގްތިސާދީ ވިލުންވެރިކަން (ރެޒިލިއެންސް) އިތުރުވެ، ދުނިޔޭގެ އިގްތިސާދީ ލޮޅުންތަކުން ސަލާމަތްވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
ސާކް ގައުމުތަކުގެ މެދުގައި މިހާރު ވެސް ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމަންޓް (ސަފްޓާ) ގެ ނަމުގައި އެއްބަސްވުމެއް އޮވެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއީ އެކަށީގެންވާ ވަރާ ގާތަށް ވެސް ތަންފީޒުކުރެވޭ އެއްބަސްވުމެއް ނޫނެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައި ވާއިރު އިންޑިއާއާ އެކު ހަދާ އެއްބަސްވުމާ އެކު ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންސިއުމާ ބޭސްއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުވާނެ އެވެ.
ކުދި ވިޔަފާރިތަކަށް އިސްކަންދީ، ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިއަހަރު ފަށަން މަސައްކަތްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ