400 ހައުސިން ޔުނިޓު އެޗްޑީސީން ބަޔަކާ އެގްރީމަންޓު ކުރުން މި ހަފްތާގައި ނިމޭނެ: ރައީސް

ކުޅުދުއްފުށި ސިޓީގައި އިމާރާޓް ކުރާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު އެޗްޑީސީން ސަބް ކޮންޓްރެކްޓް ކުރުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތަކު ތެރޭގައި ހިނގާ އެންމެ ބޮޑު ދެ މަޝްރޫއެއް ކުރިޔަށް ދަނީ ކުޅުދުއްފުށީގައި ކަމަށެވެ.
އޭގެ ތެރެއިން ކުރީ ސަރުކާރުން ފެށުމަށް ފަހު ހުއްޓިފައި ވަނިކޮށް މި ސަރުކާރުން އަލުން ފެށި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް އެޗްޑީސީން ޕްރައިވެޓް ކޮންޓްރެކްޓަރަކާ ހަވާލު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަލުން ރީސްޓާޓް ކުރެވިގެން މިދާ 400 ޔުނިޓް އެޗްޑީސީން މިހާރު ޕްރައިވެޓް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މަސައްކަތް ފެށުމަށް އެގްރީމަންޓުގެ މަރުހަލާ މި ހަފްތާގައި ނިންމާނެ." ރައީސް ވިދާޅުވި އެވެ.
400 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ފުރަތަމަ ފެށީ 2022 ވަނަ އަހަރު އެވެ. އޭރު އެ މަސައްކަތް ހަވާލު ކުރީ 439 މިލިއަން ރުފިޔާ އަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ވެންޗާ ކުންފުނި ކަމުގައިވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.
ނަމަވެސް އޮގަސްޓު 26، 2025 ގައި ސަރުކާރުން ވަނީ އެ މަޝްރޫއު އެޗްޑީސީ އާ ހަވާލު ކޮށްފަ އެވެ.
އެ މަޝްރޫއުގެ އިތުރުން ކުޅުދުއްފުށީގައި ހަދާ 2000 ހައުސިން ޔުނިޓްގެ މަޝްރޫއު ވެސް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ