އަށް މަސްދުވަހުގެ ތެރޭގައި ހިއްކައި ނިންމާނެ ކަމަށް ވައުދުވެގެން މީގެ ދެ އަހަރާއި ހަ މަސްދުވަސް ކުރިން ފެށި ރަސްމާލެ މަޝްރޫއު ނިންމަން ފަސްވަނަ ތާރީހެއް ދީފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ކަނޑައެޅި ތާރީހަށް ރަސްމާލެ ހިއްކައި ނުނިންމުނު އެންމެ ބޮޑު މައްސަލައަކީ ތެޔޮ އަގުބޮޑުވުން ކަމަށެވެ.
"އަޅުގަނޑުމެން އަމާޒަކީ އިރާދުކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އެންމެ ލަސްވެގެން ނިންމާލުން. އަދިވެސް ހައެއްކަ މަސްތެރޭ ނިންމާލެވިދާނެ ކަމަށް މި ބަލަނީ." މުއިއްޒު ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، މިއީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އަދި މާލީ ގޮތުން ދެފުށް ނުފެންނަ ބިޔަ މަޝްރޫއެއް. މި ޕްރޮޖެކްޓުގެ އަމާޒު ހުރިގޮތުން މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ބޮޑު މާސިންގާ ހުސް ވެލިގަނޑެއް.
އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގެ 60 ޕަސެންޓު ހިއްކައި ނިމިފައިވާ ކަމަށާއި ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ކުޑަ މަޑުޖެހުމަކަށްފަހު އަލުން އެ މަޝްރޫއު ހިނގައިގަނެފައިވާ ކަމަށެވެ. ނަމަވެސް، ކުރިން ތިން ޑްރެޖަރު ބޭނުންކޮށްގެން ހިންގަމުން އައި އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ ދެ ޑްރެޖަރު ބޭނުން ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިހާރު އަނެއްކާ ވެސް ރީސްޓާޓް ވަނީ. ދެން ކުޑަ މަޑުޖެހުމެއް މި އައީ ކުރީގައި ތިން ޑްރެޖަރު ލައިގެން މަސައްކަތް ކުރަމުން ދިޔައީ. ދެން މަސައްކަތް ކުރާނީ ދޭތި. ދޭތިން މަސައްކަތް ކުރަނީ ހަރަދު މެނޭޖުކުރަން ޖެހޭތީވެ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ލޯ ލާރިއެއް ވެސް ހަރަދުނުކޮށް އަށް މަސްދުވަހުން ހިއްކައިން ނިންމާނެ ކަމަށް ވައުދުވެގެން ރަސްމާލެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. ސަރުކާރުން އޭރު ބުނީ ބިން ހިއްކުމުގެ ހުރިހާ ހަރަދެއް ކުރާނީ އޭރުގެ ކޮންޓްރެކްޓަރު، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން ކަމަށެވެ. ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭގޮތަށް އޮތީ ރަސްމާލޭގެ ބިމުން ބޮޑު ސަރަހައްދެކެވެ.
ނަމަވެސް، އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތް މަޑުޖެހުނެވެ. އެއާއެކު ރަސްމާލޭގެ ވާހަކަދެއްކުން ވެސް ސަރުކާރުން ހުއްޓައިލި އެވެ. އޭގެ ފަހުން އެ މަޝްރޫއު ނިންމަން ސަރުކާރުން ދިން ދެ ތާރީހަށް ވެސް އެ މަސައްކަތް ނުނިމި އޮއްވައި
މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ފަސް މަސް ތެރޭގައި ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ތާރީހު ހަމަވީ މިދިޔަ އޭޕްރިލް 17، އަށެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އިހަށް ދުވަހު މިއައީ ރަސްމާލެ ހިއްކާތަން ބަލާލަން ގޮސްފަ. ވަރަށް ބާރަށް އެކަން އެ ދަނީ. މި އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެވި، ތިންގުނައަށް ސްޕީޑު ބާރުވީމަ، އިރާދަކުރެއްވިއްޔާ ފަސް ވަރަކަށް މަސް ތެރޭގަ އެތަން އެއްކޮށް ހިއްކާ މި ނިމެނީ،" މުއިއްޒު ވިދާޅުވި އެވެ.
އަށް މަސްދުވަހުން ހިއްކާ ނިންމަން ވައުދުވެގެން ފެށި ރަސްމާލެ ނިންމަން ފަސްވަނަ ތާރީހެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ