ޕާކިސްތާނުން އާދީއްތަ ދުވަހު އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހިމެނޭ ޕްރޮވިންސްތަކަށް ވައިގެ މަގުން ހަމަލާދީ، އެއްގަމު ސިފައިން ފޮނުވައިގެން ހިންގި އޮޕަރޭޝަންތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ ޕާކިސްތާނުގެ މި އަމަލަކީ "ފިނޑި އަމަލެއް" ކަމަށް ސިފަކޮށް، އެއީ ހިންގި "ޖަރީމާއެއް އަދި އަނިޔާވެރިކަމެއް" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ، ހަނގުރާމަވެރިން ފިލައިގެން ތިބި ތަންތަނަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި 29 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކަކީ "ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ފަހަކަށް އައިސް ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް" ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ފަސްގަނޑުގައި ޓެރަރިސްޓް ހަމަލާތައް ދޭ މީހުންނަށް އަފްގާނިސްތާނުން ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ތާލިބާން ސަރުކާރުން އެ ތުހުމަތުތައް އަބަދުވެސް ދޮގުކުރެ އެވެ.
މީގެ ކުރިން އަފްގާނިސްތާނުން ބުނެފައި ވަނީ ޕާކިސްތާނުން ދޭ ހަމަލާތަކުގައި އާންމުން މަރުވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ އެ ގައުމުން ހަމަލާދެނީ ހަމައެކަނި ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހު، ހަފުތާތަކަކަށް ދެމިގެންދިޔަ ނުރައްކާތެރި ކުރިމަތިލުންތަކަށް ފަހު ދެ ގައުމުން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އެހެން ނަމަވެސް، މީގެ ކުރިން ވެސް ވެފައިވާ އެއްބަސްވުންތަކެކޭ އެއްފަދައިން، އެ ފަހަރުގެ އެއްބަސްވުން ވެސް މިހާރު ވަނީ އުވިފަ އެވެ.
ޕާކިސްތާނުން އަފްގާނިސްތާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ