މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކުރަން ޕްރޮގްރާމްތަކެއް ފަށަނީ

މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، މަހުގެ އުފެއްދުންތަކަށް އަގުއެއްކޮށް (ވެލިއު އެޑްކޮށް) އައު މާކެޓްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ރާއްޖެއަށް އައު މަސްވެރިކަމުގެ ބާވަތްތައް ތައާރަފްކޮށް، އެކަންކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ ހުނަރު ދަސްކޮށްދިނުމަކީ ވެސް މި މަސައްކަތުގެ ބައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުން ނުވަތަ ކަނބަލުންގެ ހިއްސާ މިހާރަށްވުރެ އިތުރުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ. އެގޮތުން ރަށު ފެންވަރުގައި ތައްޔާރުކުރާ މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރާނެ ގޮތުގެ ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭގައި، ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމަކާއި އަދި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ