މުސްލިމު ގައުމެއްގައި މުސްލިމު ރައްޔިތެއްގެ ދާއިމީ އައިޑެންޓިޓީ އުވާލުމަކީ ނުރައްކާތެރި ކަމެއް: އިބްރާހިމް މުހައްމަދު

މުސްލިމު ޤައުމެއްގެ މުސްލިމު ރައްޔިތެއްގެ ދާއިމީ އައިޑެންޓިޓީ އުވާލުމަކީ ނުރައްކާތެރި ކަމެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު އިބްރާހިމް މުހައްމަދު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހާ ގުޅޭގޮތުން މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައެވެ.
ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، މުސްލިމުންނަކީ ޝަޙްސިއްޔަތެއް އަދި އައިޑެންޓިޓީއެއް އޮތް ބައެއް ކަމަށާއި އެމީހުންގެ އައިޑެންޓިޓީ ބަދަލުކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން ގެންނަން އުޅޭ ބަދަލުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރެދާނެކަމަށާއި އެކަން މަޖިލީހުގެ ތެރެއިން ތަހުގީގުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”މުސްލިމުންނަކީ ޝަހްސިއްޔަތެއް އަދި އައިޑެންޓިޓީއެއް ތިބި ބައެއް، އައިޑެންޓިޓީ ބަދަލުކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން. އެމްޑީޕީން ގެންނަން އުޅޭ ”ބޮޑު ބަދަލު“ގެ ފަހަތުގައި ފޮރުވިފައިވަނީ ކިހާވަރެއްގެ ނުރައްކާތެރި ބަދަލުތަކެއްކަން މަޖިލީހުގެ ތެރެއިން ބަލަންޖެހޭ،“ އިބްރާހިމް މުޙައްމަދު
މެމްބަރު ވަނީ އިދިކޮޅުން އެ ބަދަލު ގެންނަން އުޅެނީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެމްޑީޕީގެ ބަޔަކު އައިޑެންޓިޓީ ބަދަލުކޮށްގެން ވޯޓުލާން ކަމަށް ތުހުމަތުކުރައްވައިފައެވެ. އޭނާ ވަނީ މިއީ ބޭކާރު ގޯސް ބަދަލެއްކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ.
”ލާދީނީ މީހުން ގިނައިން ތިބީ ބޭރުގައި، އެމީހުންނާއި ގުޅުންހުރި މީހުންވެސް ތިބީ ބޭރުގައި، އެމީހުން ވޯޓުލާން ބޭނުންވެގެން އެމީހުންގެ އައިޑެންޓިޓީ ވައްދަންވެގެން މިކުރާ މަސައްކަތައް ޖާގަ ދީގެން ނުވާނެ، މިއީ ބޭކާރު ބަދަލެއް، މިއީ ގޯސް ބަދަލެއް، މިބަދަލު ގެނެސްގެން ނުވާނެ،“ އިބްރާހިމް މުޙައްމަދު
އެ އިސްލާހުގައި ދާއިމީ އެޑްރެސް ބަދަލުކުރުމާ ބެހޭ މާއްދާއަށް ޖަނާބު ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެފަދަ ބަދަލެއް މިވަގުތު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްވެހިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ މި އިސްލާހާ މެދު މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސް ހޫނުވެ ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކުން މިކަމުގައި ގެންގުޅޭ ވިސްނުމަށް ހޫނު ރައްދުތަކެއް ދީ ނުރުހުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ