މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ސަރުކާރުން ހިއްލާލި ސިނގިރޭޓު ޑިއުޓީ ރޭޓުތައް ކުޑަކުރަން ނިންމުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އޮތް އިމްޕޯޓް އެކްސްޕޯޓު ގާނޫނު ބަދަލުކުރުމުގެ ބިލު ފާސްވުމާއެކު ސިނގިރޭޓުން ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަވާނެ އެވެ. އަދި ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ އަށް ރުފިޔާގެ ބަދަލުގައި ނަގާނީ ހަތަރު ރުފިޔާ އެވެ. މި ބަދަލާއެކު ސިނގިރޭޓުން ނަގަމުން އައި ޖުމުލަ ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އަދަދު ނޫހަށް ފުރުސަތު ނުދީ ރައީސް އޮފީހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ އެ ބަދަލު ގެނައުމަށް ހުށަހެޅީ ކެބިނެޓުގައި ވަރަށް ގިނަ މަޝްވަރާކޮށް، ފަންނީ ދިރާސާތައް ހެދުމަށް ފަހު ކަމަށެވެ. އެފަދަ ދިރާސާއެއް މިހާތަނަށް އާންމުކޮށްފައި ނުވެ އެވެ.
"އަޅުގަނޑުމެން ވިސްނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް އާދަޔާހިލާފު ބޮޑު އަދަދަކަށް މީހުން ވަދެގެން، ކުއްލިއަކަށް ހިނގައިދާނެ ފަދަ ދޮރެއް ހުޅުވިދާނެ ކަމަށް. އެހެންވީމާ އެކަން ހުއްޓުވުމަށް އަޅުގަނޑުމެން ގެނައި ބަދަލެއް، ބަދަލެއް ގެނެސްފައި، މިހާރު މި ގެންނަ ބަދަލަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން. މި ޕްރޮސެސްގެ ތެރެއިން ހިނގާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ދުންފަތުގެ އަގުހެޔޮކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އޭގެ އަގުބޮޑުވުމުގެ ސަބަބުން އެ ބޭނުންކުރަމުންދިޔަ މީހުން ރައްކާތެރި ނޫން ތަކެއްޗަށް ބަދަލުވުން ހިމެނޭކަން މުއިއްޒު ފުރަތަމަ ފަހަރަށް މިއަދު ހާމަކުރެއްވި އެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުން އާދަވެފައި ތިބި ފަރާތްތައް އެބަ ބޭނުންކުރޭ މާ ބޮަޑަށް ސިއްހަތަށް ގެއްލުންވާ ކަހަލަ އެއްޗެހި، މާ ބޮޑަށް ލަންގްސް ހަލާކުވާ ކަހަލަ އެއްޗެހި. އެހެންވެ އެއަށް ދިޔުން ހުއްޓުވުމަށްޓަކައި ވެސް މި ސްޓެޕް އަޅުގަނޑުމެން އެބަ ނަގަން. މިއީ ހަމަ ފަހަރަކު ނަގާ މަރުހަލާއެއް،" މުއިއްޒު ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބާރު އެޅުމަށްޓަކައި ހިންގަނީ ވަށާޖެހޭ ޕްރޮގްރާމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި ދުންފަތުން ދުރުވުމަށްޓަކައި ބޭނުންކުރާ އާލާތްތައް އެތެރެކުރަން މިހާރު އޮންނަ ހުރިހާ ޑިއުޓީއެއް ވެސް ކަނޑާލަން ހުށަހަޅާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި މަރުހަލާއާ އެކީގައި މުޅި މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ވަށައި ޖެހޭ ގޮތަށް މި ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ. މި ދަނީ މި ފެށި ރާސްތާގައި ސީދަލަށް، އެއްގޮތަކަށް ވެސް އަނބުރާލީއެއް ނޫން."
އެ ބިލު ފާސްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ. އެހެންކަމުން ބިލު ފާސްވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނގިރޭޓު އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަ ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ.
ދުންފަތުން ނަގާ ޑިއުޓީ ކުޑަ ކުރުމުގެ ވާހަކަ ސަރުކާރުން ހާމަކުރީ ޖޫން 6، ގައި ބޭއްވި ބައި-އިލެކްޝަންއާ ދިމާކޮށެވެ. އެ ވާހަކަ އިއުލާނު ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެކަމަކު ސަރުކާރުން ބުނަނީ ދުންފަތުގެ އަގު ހެޔޮ ކުރަނީ ޑަބްލިއުއެޗްއޯއިން ލަފައެއް ލިބިގެން ކަމަށެވެ.
ސިނގިރޭޓުގެ އަގުހެޔޮކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ