ގެދޮރު އެޅުމަށް އިކުއިޓީ ފައިނޭންސިން ދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެއްޖެ

ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ހުރަސް ކަމަށްވާ އިކުއިޓީ ފައިސާ ހަމަޖައްސައިދިނުމަށްޓަކައި، އިކުއިޓީ ފައިނޭންސިން ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް، މިއަހަރުގެ ތެރޭގައި އެ ފަންޑުގެ އެހީގައި އިކުއިޓީ ފައިނޭންސިން ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "އިކުއިޓީ ފައިނޭންސް ދިނީމަ ބޭންކަށް ވަދެވޭނެ ގޯތީގެ އިމާރާތް އެޅުމަށްޓަކައި. މިއީ ވަރަށް ގިނަ ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ. އާންމު ގޮތެއްގައި ބޭންކުތަކުން ގެދޮރު އެޅުމަށް ލޯނު ދޫކުރަނީ މަޝްރޫއުގެ ޖުމްލަ އަގުގެ 20 އިންސައްތަ އިކުއިޓީގެ ގޮތުގައި އަމިއްލައަށް ހަރަދުކުރުމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫއުތައް ހިންގަން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހަވާލުކޮށްފައެވެ. އަދި މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ އިރު، އެކަމަށް ބޭނުންވާ ފައިސާ ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް އަންނަ މަހު ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ދައުރުގެ ތެރޭގައި މަޝްރޫއުތައް ނިންމައި ރައްޔިތުން ފްލެޓުތަކަށް ވެއްދުން ކަމަށެވެ. "އިރާދަކުރެއްވިއްޔާ 2028ގެ މެދަކާ ހަމައަށް ދާއިރު މީގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމޭނެ،" ރައީސް ވިދާޅުވިއެވެ. ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަށް ޓަކައި އެކި ކަހަލަ ފައިނޭންސިން މޮޑިއުލްތައް ތައާރަފުކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު ވެސް އެފޯޑަބަލް ހައުސިން ލޯނުތައް ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ވެސް އެ ފުރުސަތު ހުޅުވާލައި، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ