ތަރުޖަމާނަށް ޔާމީންގެ ރައްދު: ޑޮލަރުގެ ކަޅުބާޒާރެއް އުފެދޭނީ ސަރުކާރު ފެއިލްވީމަ

ގައުމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިގެންދާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއް ފެއިލްވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ ރޭޓު ދިވެހި ރުފިޔާގެ ރޭޓުގައި ނުހިފެހެއްޓޭނަމަ ކަޅުބާޒާރެއް އުފެދޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ޑޮލަރުގެ ކަޅުބާޒާރަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި ވާހަކައަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. https://sun.mv/223877 "ތަރުޖަމާން އެހެން ވިދާޅުވިކަމަށް ވަންޏާ އެއީ އެކަން އެނގިވަޑައިނުގަންނަވާތީ. ހަގީގަތުގައި ވެސް ޑޮލަރުގެ ކަޅުބާޒާރެއް އުފެދޭނީ ނުވަތަ އުފެދިގެންދާނީ ސަރުކާރު ފެއިލްވީމަ،" ޔާމީން ވިދާޅުވިއެވެ. ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލުކޮށްފައިވާ އެންމެ މުހިންމު އެއް ޒިންމާއަކީ ދިވެހި ރުފިޔާއާއި ޑޮލަރުގެ ރޭޓް ހިފެހެއްޓުމެވެ. ނަމަވެސް މިހާރުގެ ސަރުކާރަށް އެކަން ނުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އެމްއެމްއޭއިން ދިވެހި ރުފިޔާއާއި ޑޮލަރު އަގު ހިފަހައްޓަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތާއި ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާކަށް ނުޖެހޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. https://sun.mv/223867 ޔާމީން އެފަދައިން ވިދާޅުވިއިރު، މިއަދު ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 21 ރުފިޔާއަށްވުރެ މަަތީގައިއެވެ. މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރު ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ކުރަމުންނެވެ. މީގެ އިތުރުން އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ