އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ ’ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް‘ (އާރުއައިސީ) ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިންޑިއާ ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ގައުމުގެ ގެޒެޓުގައި މި ނިންމުން ޝާއިއުކޮށްފައެވެ.
އިންޑިއާގެ ގެޒެޓުގައިވާ ގޮތުން، އާރުއައިސީ އުނިކުރަން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ. މި ބަދަލާ އެކު، ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް ވަނީ މި ލުއި ދޭން ނިންމާފައެވެ. މީގެ ކުރިން އިންޑިއާއިން މި ލުއި ދެމުން އައީ އަވަށްޓެރި ސްރީ ލަންކާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.
މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ އިންޑިއާގެ ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެންނެވެ. މި ބަދަލާ އެކު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ރާއްޖެއަށް މިހާރު މައިގަނޑު ގޮތެއްގައި ޕެޓްރޯލާއި ޑީސެލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ނުހިމެނޭކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާން، މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ފަދަ ގައުމުތަކުންނެވެ.
ރާއްޖެއިން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެ ކުރިން މަޝްވަރާކޮށްފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ. އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު، ކުރިމަގުގައި އިންޑިއާ މެދުވެރިކޮށް ތެޔޮ އެތެރެކުރުމަށް ރާއްޖެއަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.
މެދުއިރުމަތީގައި ފެބްރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އެޅި ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. އެގޮތުން، ރާއްޖޭގެ ބާޒާރުގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ފާއިތުވި މަސްތަކުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ