އިރާނުގެ އަސްކަރިއްޔާގެ މައި ކޮމާންޑް ކަމަށްވާ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްއިން ނެރުނު ބަޔާނެއްގައި، އެ ގައުމުގެ ހަތިޔާރު އެޅި ފައުޖުތަކުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް މިހާރު ހުއްޓާލާފައިވާކަން އިއުލާންކޮށްފި އެވެ.
ނަމަވެސް، އެ ބަޔާނުގައި އިރާނުން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތައް ހިމެނޭހެން އިޒްރޭލުން ދޭ ހަމަލާތައް ކުރިއަށްދާ ނަމަ، ކުރިއަށް ވުރެ ވަރުގަދަ އަދި ނުރައްކާތެރި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިރާނުން އިޒްރޭލަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަންތައް ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައި ލުބުނާނުގެ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެންނެވެ. އިޒްރޭލުން ވަނީ އިރާނުގެ މި ހަމަލާތަކަށް ރައްދުދީ އެ ގައުމަށް ހަމަލާދީފަ އެވެ.
އިރާނުގެ ސިޔާސީ އަދި އަސްކަރީ އިސް އޮފިޝަލުން އިއްޔެ އިރުއޮއްސުނު ވަގުތު ވަނީ، ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ އުސޫލުތަކާ އިޒްރޭލުން ހިލާފުވަމުންދާ ކަމަށް ބުނެ، އެކަމަށް އަސްކަރީ ގޮތުން ރައްދުދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިރާނުން ގަބޫލުކުރާ ގޮތުގައި ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަކީ އިރާނާއެކު ހަމަލާބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމެއްގެ ބައެކެވެ. ނަމަވެސް އެކަމަށް އިޒްރޭލުން އިހްތިރާމެއް ނުކުރެ އެވެ.
އިރާނުން ހަމަލާ މެދުކަނޑާލަން އަނެއްކާވެސް މި ނިންމީ އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، ރައްދު ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވާފައި ވަނިކޮށެވެ.
އިރާނުން އަނެއްކާވެސް އިޒްރޭލް ހަމަލާތައް މެދުކަނޑާލައިފި، އެކަމަކު ލުބްނާނަށް ހަމަލާ ދީފި ނަމަ ރައްދު ދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ