އޭއައިއާއެކު "ސިރީ" އަށް ގެންނަ ބޮޑު ބަދަލު ދައްކާލައިފި

އެޕަލް ކުންފުނީގެ އަހަރީ ޑިވެލޮޕާސް ކޮންފަރެންސްގައި އެ ކުންފުނީގެ މަޝްހޫރު ޑިޖިޓަލް އެސިސްޓަންޓް "ސިރީ" އަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ބޮޑެތި ބަދަލުތަކެއް ގެނެސްފިކަން އިއުލާންކޮށްފި އެވެ.
މިއީ އެޕަލްގެ ސީއީއޯގެ މަގާމުގައި 15 އަހަރު ހޭދަކުރެއްވުމަށްފަހު، އަންނަ ސެޕްޓެމްބަރު މަހު މަގާމުން ވަކިވެވަޑައިގަންނަވާ ޓިމް ކުކް ބައިވެރިވެވަޑައިގަންނަވާ ފަހު ކޮންފަރެންސެވެ.
ސިރީ އަށް ގެނައި މި ބަދަލުތަކަކީ އެހެން ޓެކްނޮލޮޖީ ކުންފުނިތަކާ އަޅާބަލާއިރު އެޕަލް އޭއައިގެ ދާއިރާއިން ފަހަތުގައި އޮތް ކަމަށް ބުނެ ކުރިމަތިވަމުންދިޔަ ފާޑުކިޔުންތަކަށް ދިން ޖަވާބެކެވެ. އާ ސިރީ ފަރުމާކޮށްފައިވަނީ ބޭނުންކުރާ މީހާގެ ކުރީގެ މުއާމަލާތްތަކާއި، ފޮޓޯތަކާއި، އަދި ދުނިޔޭގެ އާންމު މައުލޫމާތުތައް ދެނެގަނެވޭ ފަދަ ގޮތަކަށެވެ. މީގެ އިތުރުން އޯޕަން އޭއައި ފަދަ ކުންފުނިތަކުން ނެރެފައިވާ އެޕްލިކޭޝަންތަކާ އެއްފަދަ އާ އެޕެއްވެސް ސިރީއާއެކު ތައާރަފުކުރާނެ އެވެ.
މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެޕަލްގެ ސޮފްޓްވެއާ އިންޖިނިއަރިންގެ ވައިސް ޕްރެޒިޑެންޓު ކްރެއިގް ފެޑެރިގީ ވިދާޅުވީ، އެޕަލްއިން ގަބޫލުކުރަނީ އޭއައި އަކީ ހަމައެކަނި އޭއައިއަކަށް ވުމުގެ ބަދަލުގައި، އެއީ ބޭނުންކުރާ މީހާގެ ބޭނުންތަކަށް އަމާޒުކޮށްފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި ހުރިހާ ބަދަލެއްގައިވެސް ކަސްޓަމަރުންގެ އަމިއްލަ މިނިވަންކަމާއި ސިއްރުތައް ހިމާޔަތްކުރުމަށް އިސްކަންދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރީގެ އާ ބަދަލުތަކުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އައިއޯއެސް 27 ގައި ހިމެނޭ އާ ފީޗާތަކެއްވެސް ވަނީ ދައްކާލާފަ އެވެ. މީގެ ތެރޭގައި ކުދިންނާ ވާހަކަ ދައްކަނީ ކޮން ބައެއްކަން ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކާއި، ބަދުއަހުލާގީ ނުވަތަ އަނިޔާވެރި މަންޒަރުތައް ހިމެނޭ ފޮޓޯތައް އޮޓޮމެޓިކުން ސެންސަރުކުރާ ނިޒާމެއް ހިމެނެއެވެ. ނަމަވެސް، ކުޑަކުދިންގެ ރައްކާތެރިކަމަށް އެޕަލްއިން ކުރާ މަސައްކަތް މަދުކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން ވަނީ ކޮންފަރެންސް ކުރިއަށްދިޔަ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ.
ޓިމް ކުކްގެ ވަދާއީ ތަގުރީރުގައި އޭނާ ވަނީ ފާއިތުވި 15 އަހަރު އެޕަލްގެ މުވައްޒަފުންނާއި ޑިވެލޮޕަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެޕަލްގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. ކުކްގެ މަގާމާ ހަވާލުވާނީ ޖޯން ޓާނަސްއެވެ. ޓާނަސް މި ކޮންފަރެންސްގެ މައި ސްޓޭޖުގައި ވާހަކަ ނުދެއްކެވި ނަމަވެސް، އޭނާ ވަނީ މީޑިއާ ބްރީފިންތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ސިރީ އޭއައިގެ ބީޓާ ވާޝަން މިއަހަރުގެ ފަހުކޮޅު އިނގިރޭސި ބަހުން ލިބެން ފަށާނެ އެވެ. ނަމަވެސް، ޔޫރަޕިއަން ޔޫނިއަންގެ ރެގިއުލޭޓަރުންނާއެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، ޔޫރަޕްގެ ގައުމުތަކަށް މި ވަގުތު މި ހިދުމަތް ނުލިބޭނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ. މީގެ އިތުރުން، އެޕަލްއިން ވަނީ ގޫގުލްއާއެކު ގުޅިގެން އެ ކުންފުނީގެ ޖެމިނައި މޮޑެލްތައް ބޭނުންކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަންވެސް ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ