ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް ސޯމާލިއާ ރެފްރީ އަށް އެމެރިކާ އަށް އެތެރެވާން ފުރުސަތު ނުދިން

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 9) - މި ފަަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު، ސޯމާލިއާގެ ރެފްރީ، އޮމާރް އަރްޓާން، އެމެރިކާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލައިފި އެވެ. 
އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކާފް އިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ރެފްރީގެ މަގާމު ހޯދި އަރްޓާން އަކީ، ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ލިބުނު ސޯމާލިއާގެ ފުރަތަމަ ފަރާތެވެ. އެ ތާރީހީ ޝަރަފް ހޯދުމުގެ އަޒުމުގައި ހުރި އަރްޓާން، ވޯލްޑް ކަޕަށް އެމެރިކާ އަށް ދިއުމަށް ދަތުރުފެށިއިރު، އޭނާ އަށް އެމެރިކާ އަށް އެތެރެވުމުގެ ފުުރުސަތު ނުދޭން މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑަރު އޮފިޝަލުން ނިންމުމާ އެކު، އޭނާ މި ވަގުތު ހުރީ ތުރުކީގަ އެެވެ. 
އަރްޓާން އަށް ފުރުސަތު ނުދިނީ ކީއްވެތޯ، އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ސޯމާލިއާ އަކީ އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މިދިޔަ އަހަރު އެ ގައުމަށް އެތެރެވުން މަނާކުރަން އިއުލާނުކުރި ޓްރެވަލް ބޭންގައި އޮތް ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. 
އެމެރިކާގެ ރަސްމީ އިދާރާތަކާ ވާހަކަ ދެއްކުމަށް ފަހު، ފީފާ އިން މިހާރު ބުނެފައިވަނީ، އަރްޓާން އަށް ވޯލްޑް ކަޕުން ފުރުސަތެއް ނެތް ކަމަށެވެ. އެ ގޮތުން، ފީފާ އިން ނެެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރްޓާން އަށް މި ފަަހަރުގެ ވޯލްޑް ކަޕްގައި މަސައްކަތްކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ސަބަބަކީ އޭނާ އެތެރެވުމަށް އެމެރިކާ ސަރުކާރުން ފުރުސަތު ދީފައިނުވުމެވެ. އަދި، ފީފާ އަކީ ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ އިމިގްރޭޝަން ޕްރޮސަސް ތެރެއިން ކަންކަން ކުރުމުގެ ބާރު އޮތް ބައެއް ނޫން ކަމަށާއި އަރްޓާން އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ، އޭނާ އަށް އެމެރިކާގެ ވިސާ ލިބޭނެ ގޮތެއް މި ވަގުތަށް ބަލާއިރު ނެތުމުން ކަމަށެވެ. 
އަރްޓާން އަށް އެމެރިކާ އަށް އެެތެރެވުމުގައި ފަސޭހަ ކުރުމުގެ ގޮތުން، ނައިރޯބީގައި ހުންނަ ސޯމާލިއާގެ އެމްބަސީން ވަނީ އޭނާ އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ވެސް ދީފަ އެެވެ. އަދި، އެމެރިކާ އަށް އެތެރެވުމަށްޓަކައި، ވިސާ ހޯދަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އަރްޓާން އަތުގައި ހަމަވާނެ ކަމަށް ވެސް އެމްބަސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. 
ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަރްޓާން މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް އަވަސް ފުރުސަތެއްގައި އޮޅުންފިލުވައިދިނުމަށް އެދިފަ އެވެ. އަރްޓާން އަންނަނީ، 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުަގައި އިންސާފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ