އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ފޯނުތަކާއި އެހެން ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ފެންނަ ފޮޓޯ އާއި ވީޑިއޯ ނުފެންނާނެ ގޮތް ހެދުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އެޕަލް އާއި ގޫގުލް ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުގައި އެދިއްޖެ އެވެ.
ބޮޑުވަޒީރު ސާ ކިއާ ސްޓާމާ ވަނީ، ކުޑަކުދިން އެކުދިންގެ ފޯނުތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯ ނެގުމާއި، ފޮނުވުމާއި އަދި ބެލުން ހުއްޓުވުމަށްޓަކައި، އެފަދަ ވަސީލަތްތަކުގައި ހުންނަ ސަލާމަތީ ފީޗާތައް އެކްޓިވޭޓް ކުރުމަށް ނުވަތަ އޮޕަރޭޓިން ސިސްޓަމްތައް އަޕްޑޭޓް ކުރުމަށް ކުންފުނިތަކަށް އަންގަވާފަ އެވެ.
ލަންޑަން ޓެކް ވީކްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، މިއީ ހައްލު ނުކުރެވޭނެ ފަދަ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދުނިޔޭގައި ހުރި އެންމެ އީޖާދީ ކުންފުނިތައް ކަމަށް ވާތީ، މި މައްސަލައަށް އެ ކުންފުނިތަކަށް ހައްލެއް ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކުންފުނިތަކުން އަމިއްލައަށް އިސްނަގައިގެން މި ބަދަލުތައް ނުގެނެސްފި ނަމަ، އެ ފީޗާތައް އެކްޓިވޭޓް ކުރުމަށް މަޖުބޫރުކުރާ ގާނޫނެއް ވުޖޫދު ކުރާނެ އެވެ.
މި ގާނޫނަށް އަމަލުނުކުރާ ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމާއި، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނިތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން ފަދަ ކަންކަން މި ގާނޫނުގެ ދަށުން ކުރެވިދާނެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެންނަން ޖެހޭނީ އިނގިރޭސިވިލާތުގައި މިހާރު ބޭނުންކުރަމުންދާ ސްމާޓްފޯނުތަކާއި ޓެބްލެޓްތަކުގެ އިތުރުން އަލަށް ވިއްކާ ވަސީލަތްތަކަށް ވެސް ހިމެނޭ ގޮތަށެވެ.
އަލަށް އެކުލަވާލާ ގާނޫނުގެ ދަށުން އޮޕަރޭޓިން ސިސްޓަމް ފޯރުކޮށްދޭ ކުންފުނިތަކާއި، ފޯނު ވިއްކާ ފިހާރަތައް ފަދަ ސަޕްލައި ޗެއިންގައި ހިމެނޭ ފަރާތްތަކަށް ވެސް ޒިންމާތަކެއް އަންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. ނަމަވެސް، އުމުރު ކަށަވަރުކޮށްގެން ފޯނު ބޭނުންކުރާ ބޮޑެތި މީހުންނަށް މީގެ ސަބަބުން އެއްވެސް އުނދަގުލެއް ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިކަމާ ގުޅިގެން ގޫގުލްގެ ތަރުޖަމާނަކު ބުނީ، އިންޓަނެޓްގެ މާހައުލުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.
އަދި ޒުވާނުންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ކަށަވަރުކޮށްދިނުމާއެކު، މީހުންގެ އަމިއްލަ މިނިވަންކަން ނުގެއްލޭ ފަދަ ގޮތަކަށް ގެއްލުންދެނިވި މަންޒަރުތައް ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ގޫގުލް އިން ބުންޏެވެ.
އެޕަލް ކުންފުނިން މިހާރު ވެސް ވަނީ އިނގިރޭސިވިލާތުގައި އެ ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކޮށް، އައިމެސެޖް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންނުކުރެވޭ ގޮތަށް ބްލޮކް ކުރުމުގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.
އިންޓަނެޓްގެ މާހައުލުގައި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އިނގިރޭސިވިލާތުން މީގެ ކުރިން ވެސް ވަނީ ބައެއް ގާނޫނުތައް ތައާރަފްކޮށްފަ އެވެ.
މީގެ ތެރެއިން އެންމެ މުހިންމު އެއް ގާނޫނަކީ "އޮންލައިން ސޭފްޓީ އެކްޓް" އެވެ. މިއީ އޮންލައިން ޕްލެޓްފޯމްތަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި ޒިންމާތައް ކަނޑައަޅާފައިވާ ގާނޫނެކެވެ. މި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރަނީ މީޑިއާ ރެގިއުލޭޓަރެއް ކަމަށްވާ "އޮފްކޮމް" އިންނެވެ.
އެހެންނަމަވެސް، އޮންލައިންކޮށް ކުޑަކުދިން ގްރޫމްކުރުމާއި ބްލެކްމެއިލް ކުރުން ފަދަ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ކުޑަކުދިންނަށް ބަރަހަނާ މަންޒަރުތައް ފެނުމާއި އެފަދަ ތަކެތި ހިއްސާކުރުން ހުއްޓުވުމަށް މިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.
ސަރުކާރުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ 91 އިންސައްތަ އަކީ ކުދިން އަމިއްލައަށް އުފައްދާފައިވާ މަންޒަރުތަކާ ގުޅުން ހުރި މައްސަލަތަކެވެ. އަދި މިހާރު އެވްރެޖްކޮށް ކުޑަކުދިންނަށް އުމުރުން 13 އަހަރުގައި ބަރަހަނާ މަންޒަރުތައް ފެންނަ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އާ ފިޔަވަޅުތައް އިއުލާންކޮށްފައި މިވަނީ، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށް ބޮޑުވަޒީރު ސްޓާމާ ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅޭ ސިޔާސަތުތައް އަންނަ ހަފުތާގައި އިއުލާން ކުރައްވާނެ ކަމަށް ބެލެވެ އެވެ.
ކުދިންނަށް ބަރަހަނާ މަންޒަރު ނުފެންނާނެ ގޮތަށް ޑިވައިސްތައް ފަރުމާކުރަން އިނގިރޭސިވިލާތުން ޓެކް ކުންފުނިތަކަށް މަޖުބޫރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ