ކުށްކުރުން ހަތް ޕަސެންޓު އިތުރުވެއްޖެ

މި އަހަރުގެ  ފުރަތަމަ ހަ މަސް ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ހަތް ޕަސެންޓު އިތުރުވެއްޖެ އެވެ. 
މިދިޔަ އަހަރާއި މި އަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. 
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 6210 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރީ 5757 މައްސަލަ އެވެ. މިއީ 7.87 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރު ހުށަހަޅާފައިވާ މައްސަލަތައް
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމިފައިވާ އިރު، މިހާތަނަށް ވައްކަމުގެ 1783 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރިޕޯޓުކުރީ ވައްކަމުގެ 1713 މައްސަލަ އެވެ. 
މި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކްސިޑެންޓުތަކެވެ. އެއީ 1517 މައްސަލަ އެވެ. ތިންވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 1117 މައްސަލަ އެވެ.
އޭގެ އިތުރުން ހަމަލާދިނުމުގެ 340 މައްސަލަ އާއި، ތަންތަނަށް ގެއްލުން ދިނުމުގެ 328 މައްސަލަ އާއި، ގެވެށި އަނިޔާގެ 174 މައްސަލަ މި އަހަރު ރިޕޯޓުކޮށްފައިވެ އެވެ.
މި އަހަރު އެންމެ ގިނައިން މައްސަލަ ރިޕޯޓުކޮށްފައި ވަނީ ޖެނުއަރީ މަހު އެވެ. އެއީ 1108 މައްސަލަ އެވެ. މިދިޔަ އަހަރު ޖުމްލަ 12،107 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ