އައްޑޫ ރޫޅާލަން ނިންމީ ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން

އައްޑޫ ސިޓީ ރޫޅާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި މި ވޯޓު ނެގުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ރޫޅާލަން ރައީސް މުއިއްޒު ނިންމަނީ އެއްވެސް އިލްމީ ދިރާސާއެއް ކުރުމެއް ނެތި ހަސަދަވެރި މަދުބައެއްގެ ވިސްނުމަށް ކަމަށެވެ. އަދި ރައީސް މުއިއްޒު އައްޑޫ ސިޓީ ރޫޅާލަނީ ހުމުހުތާރު ޑީއާރްޕީގެ ފިކުރަށް ހަޖަމުނުވި އައްޑޫގެ އެއްބައިވަންތަކަމާއި ތަރައްގީއަށް ކުރާ ޑިމާންޑް ނެތިކޮށްލަން ދެކެމުންއައި ހުވަފެނުގައި ކުލަޖެއްސުމަށް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންނަށް ވީ ވައުދު ނުފުއްދޭނެކަން ޔަގީންވުމުން އަޅުގަނޑުމެންތެރޭ ހަމަނުޖެހުން އުފައްދައި ވައުދުން ރެކެންޖަހާ މަޅިއަކަށެވެ. އައްޑޫ ބްރިޖްގެ ދޮގު ވައުދުން މިންޖުވާނެ މަގެއް ކޮށާލުމެއް،" ނިޒާރު ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.
މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީޚީ ވޯޓެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ