ޚާރިޖީ ސިޔާސަތުން މަސައްކަތް ކުރީ ދިވެހީންނަށް އެންމެ ފައިދާހުރި ގޮތް ހޯދަން: ރައީސް

ޚާރިޖީ ސިޔާސަތު ގާއިމުކުރުމުގައި މި ސަރުކާރުން މަސައްކަތް ކުރީ ދިވެހީންނަށް އެންމެ ފައިދާހުރި ގޮތް ހޯދަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ޚާރިޖީ ގުޅުންތަކުގެ ތެރެއިން މި ގައުމަށް އެންމެ ރަނގަޅު ސިޔާސަތު ހޯދުމަކީ ދިވެހީން އެންމެ ބޭނުންވާނެ ގޮތް ކަމަށާއި މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރީ އެ ގޮތަށް ކަމަށެވެ. އެގޮތުން، ވަރަށް ގާތް ގުޅުންތައް ހުރިހާ ގައުމަކާ އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދުރު ގައުމުތައް ކަމަށް ވިޔަސް، ކުދި ބޮޑު ހުރިހާ ގައުމަކާ އެކީގައި މި ދަނީ ދިވެހީންނަށް އެންމެ ފައިދާ ހުރި ގޮތް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރަމުން. މީގެ ތެރެއިން އެތައް ކާމިޔާބީއެއް ވެސް އެބަ ހޯދޭރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގޮތަށް މަސައްކަތް ކުރުމުން ލިބޭ ކާމިޔާބެއްގެ ގޮތުގައި، ރައީސް ފާހަގަކުރެއްވީ، ވިސާއާ ނުލާ ދިވެހީންނަށް ދަތުރުކުރެވޭ ގައުމުތައް އިތުރުވުމެވެ. އޭގެއިތުރުން، މުހިންމު ގައުމުތަކުގައި އެމްބަސީތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން އިންވެސްޓުމަންޓުތައް ރާއްޖެއަށް ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް، މިހާރު އައްޔަނުކޮށްފައި ތިބި ސަފީރުން އެހެން 27 ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އެ ކަމުގެ ބޭނުމަކީ، އެ ގައުމަށް ޚާއްސަ ސަފީރުން ލިބޭ ފައިދާ ބޮޑުވެފައި، ގުޅުން ބަދަހި ކުރުމަށް އެތައް ކުރިއެރުމެއް ލިބޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/214016 މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި، ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ފަހުގައެވެ. އޭގެ ސަބަބުން ފުރަތަމަ ވެސް ސަރުކާރުން ލޭބަލް ވެފައި އޮތީ، ރާއްޖެއަށް އެންމެ ގިނައިން އެހީ ދޭ އެއް ގައުމު ކަމަށްވާ އިންޑިއާއާ ދުރު ސަރުކާރެއްގެ ގޮތުގައެވެ. އެއަށްފަހު މި ސަރުކާރުގެ ފުރަތަމަކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި އާއި، އިންޑިއާއިން ރާއްޖެއަށް 'ބުލީ' ކުރާ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން އިންޑިއާގެ ފަތުރުވެރިން މަދުވެ، ދާއިރާއަށް ގެއްލުންވި ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައިވާއިރު، ފަހުން ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ