ގޭންގުތަކުގައި އުޅުނު ޒުވާނުން އެކަން ދޫކޮށްލައިފި، ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު ނެތް: ރައީސް

ގޭންގުތައް މެދުވެރިވެ ކުރިން ކުށްކުރުމުގައި ޝާމިލުވި ޒުވާނުން ގޭންގުތައް ދޫކޮށް އާއްމު ދިރިއުޅުމަށް ރުޖޫއަވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ކާމިޔާބީތައް ހިއްސާކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޭންގުތައް ހުއްޓުވުމަށް އެފަދަ ޖަމާއަތްތައް ކަނޑައެޅުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަން އޮތީ ޕީޖީން ކޯޓްތައް މެދުވެރިކޮށެވެ.
ނަމަވެސް މިވަގުތު ގާނޫނުގައި ބުނާ ޝަރުތުޔައް ހަމަވާ ބަޔަކު ނެތްކަމުގައި ޕީޖީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ގޭންގުތައް މެދުވެރިވެ ކުރިން ކުށްކުރުމުގައި ޝާމިލުވި ޒުވާނުން ގޭންގުތައް ދޫކޮށް އާއްމު ދިރިއުޅުމަށް ރުޖޫއަވެއްޖެ ކަމުގައި ވިދާޅުވި އެވެ.
ރައީސް މިރޭވެސް ވިދާޅުވީ އެމަނިކުފާނުގެ ބޭނުންފުޅަކީ ބަޔަކަށް އަދަބު ދިނުމެއް ނޫނެވެ. އަދި ހަރުކަށި ގާނޫނުތައް ގެންނަނީ ވެސް އެ ވިސްނުންފުޅުގައި ނޫން ކަމުގައި ވިދާޅުވި އެވެ. ވިދާޅުވީ އުންމީދަކީ ގޭންގު ހަރަކާތްތައް މުޅީން ހުއްޓި ކުށުގެ ވެށީގައި އުޅުން ޒުވާނުން ދޫކޮށްލުމެވެ.
އަދި ގައުމު ބިނާކުުރުމުގެ މަސައްކަތުގައި ހުރިހާ ޒުވާނުންވެސް ބައިވެރިވުމަށް އިލްތިމާސް ކުރެއްވި އެވެ. ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުސަތު މިއަދު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. ނުބައި މަގު އިހްތިޔާރު ކުރުމުގެ ބަދަލުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ