އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހިރާއްޖޭގެ ޤައުމީ ސިއްޙީ ސްކީމް ކަމަށްވާ އާސަންދައިން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ، ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް އެއްކޮށް ކަވަރ ނުކުރާކަމީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. "ކުރިން އާސަންދައިން އެއްކޮށް ފަންސާނީ ބަލީގެ ފަރުވާ ކަވަރ ނުކުރޭ. މިއަދާ ހަމައަށްވެސް އެއްކޮށް ނުލިބޭ. އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މިތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް 1 ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނަފްސާނީ ފަރުވާއަކީ އަމިއްލަ ކްލިނިކްތަކުގައި އަގު ބޮޑު ޚިދުމަތަކަށްވާއިރު، އާސަންދައިގެ ތެރެއިން މިވޭ މުއްދަތުގެ ތެރޭގައި މިޚިދުމަތް އެއްކޮށް ނުލިބޭތީ ގިނަ ފަރާތްތަކަކުން ވަނީ އެކި ފަންޑުތަކުގެ އެހީގައި ނަފްސާނީ ބަލީގެ ފަރުވާ ހަމަޖައްސާފައެވެ. ފަރުވާގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މިޚިދުމަތް ނުހޯދާ ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާކުޑަކުރާކަން ފާހަގަކުރެވެއެވެ. ރައީސްގެ މި ނިންމެވުމާއެކު، އަންނަ އަހަރުގެ ފެށުމާއެކު މި ޚިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފުޅާވެގެންދާނެއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ގުރައިދޫގައި ހުންނަ ނަފްސާނީ ބަލިތަކުގެ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފުރަތަމަ ފަހަރަށް ކުރިއަށްގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ޤާއިމުކޮށްފައިވާ ނަފްސާނީ ބަލީގެ ޚާއްސަ ހޮޓްލައިނަށް މިހާތަނަށް މިވީ 2 އަހަރުގެ ތެރޭގައި 10000 އެއްހާ މީހުން ގުޅައިގެން ޚިދުމަތް ހޯދާފައިވާކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ހިމެނެއެވެ.
ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ