ސިއްހީ ދާއިރާއަށް 831 މިލިއަނުގެ ބަޖެޓަކާއެކު، ފަރުވާއަށް ބޭރަށް ދާން ޖެހުން މަދުކުރުމުގެ އަމާޒެއް

އަންނަ އަހަރު ސިއްހީ ދާއިރާއަށް 831 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ބޭސް ފަރުވާއަށް ބޭރު ގައުމުތަކަށް ދާން ޖެހޭ މިންވަރު ވަރަށް ބޮޑަށް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މި އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހެޅުމުގެ ކުރިން އެ މަނިކުފާނު ވަނީ، އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަންދޭނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ، ރައީސް ބައިވެރިވެވަޑައިގަތް ރަސްމިއްޔާތެއްގައި އެ މަނިކުފާނު ވަނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރައްވާ މަަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ، މާލެއަށް އިންސާނީ ވަސީލަތުގެ ގޮތުން އެތައް މުވައްޒަފުންނެއް ހޯދައިދީފައިވާނެ ކަމަށެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި އެތައް މަސައްކަތެއް ކުރެވިފައިވާ ކަމަށާއި އެއީ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ސްޕެޝަލިޓީ ވަރަށް ގިނަ ޚިދުމަތްތައް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އެ ކަންކަން ނިމިގެން ދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދު ކަމެއްގައި ނޫނީ ރާއްޖޭން ބޭރަށް ޚިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެރައީސް ޑރ. މުޙައްމަދު މުއިއްޒު އެ އަމާޒަށް ވާސިލުވުމަށް ބަޖެޓުގައި ސިއްހީ ދާއިރާގެ ޕްރޮޖެކްޓުތަކަށް 500 މިލިއަން ރުފިޔާއާއި އެކްޓިވިޓީތަކަށް 331 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ޖުމުލަ 831 މިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ދާއިރާގެ މަޝްރޫއުތައް ވަރަށް ބާރަށް ހިނގައި، ޖެހިގެން އަންނަ 2027 ވަނަ އަހަރަށް ދާއިރު އެއްކޮށް ނިމޭނެ ކަމަށެވެ. އޭރަށް ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް މަތީ ފެންވަރަކަށް ދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އަންނަ އަހަރު އެންމެ އިސްކަން ދޭނީ ސިއްހީ ދާއިރާއަށް ކަމަށް ބުނެފައިވާއިރު، މި ހިނގަމުންދާ އަހަރުގެ ބަޖެޓު ޚާއްސަކުރީ ބޯހިޔާވަހިކަމަށެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމަށް ބަޖެޓުން ޚަރަދު ކޮށްފައިވަނީ ކަނޑައަޅައިފައިވާ މިންވަރަށްވުރެ މާ މަދުންކަން ފާހަގަކޮށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދިވެހީން ގިނަ އަދަދަކަށް އަވަށްޓެރި ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކަށް ގޮސް އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ