ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވައި، އޭގެ ފޮނިމީރުކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި، ހުރިހާ ސިޔާސަތެއް ބިނާވެގެންވާ މަދަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ، ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ހުރިހާ މަޝްރޫޢެއްވެސް ބިނާކުރައްވަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މައްޗަށްކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ފަޚުރުވެރި އިސްލާމީ ހަޟާރަތެއް ޤާއިމުކުރެއްވުމުށް، މި ވޭތުވި ދެ އަހަރު ދުވަހު، ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވަޤުފު އިމާރާތް އެޅުމުގެ މަސައްކަތް ފެށިފައިވާކަމަށާއި، ކުރިއަށް އޮތް 18 މަސްދުވަހުގެތެރޭގައި އެތަންތަނުގެ މަސައްކަތް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައި، ބިމާއި ވަސީލަތަށް ބަލައި، ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރެވޭނެ ކަމަގު ޔަޤީންކަން ދެއްވައި، ކީރިތި ޤުރްއާނަށް އިސްކަންދީ، ތިލާވަތުކޮށް، ވަގުތު ހޭދަކުރާނެ ބިނާތަކެއް ޤާއިމުކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް އަދި އުފާފުޅެއްކަމުގައި ވިދާޅުވިއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެމަނިކުފާނު ނިންމެވިގޮތަށް ރަސްމީކޮށް ސަރުކާރުން ހިންގާ އެންމެ އަގުބޮޑު އިނާމު ދެވޭ މުބާރާތުގެ ގޮތުގައި ކަނޑައެޅިފައިވާކަމަށާއި، މިގޮތުން މުޅި މުބާރާތުން ކޮންމެ ގޮތްފަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީ އާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ތަޢާރަފުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2025 ޖުލައި 1 އިން ފެށިގެން ޙާފިޡުންނަށް ދެމުން އައި އެލަވަންސް ދެގުނައަށް އިތުރުކުރެވިފައިވާކަމަށާއި، މިއަހަރުގެ މިހާ ހިސާބަށް 26 ދަރިވަރުން ޙާފިޡުކަމުގެ ސަނަދު ޙާޞިލްކޮށްފިކަމަށާއި މި ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން ތަމްރީންކޮށް، ހުއްދަދެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަސީލަތްތައް ފުރިހަމަ މިސްކިތްތައް ބިނާކުރެއްވުމަށް ސަރުކާރުން ދެއްވާ އަހުމިއްޔަތުކަމާއެކު މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން އޭސީ ނުކޮށްހުރި 800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތަކުގެ ތެރެއިން، މަދުވެގެން ފަސް މިސްކިތެއްގެ މަސައްކަތް، ރަމަޟާންމަހުގެ ކުރިން ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޓީތަކާއި، އަރބަން ސެންޓަރުތަކާއި، އާބާދީ ބޮޑެތި ރަށްތަކުގައި އިސްލާމިކް ސެންޓަރުތައް ޤާއިމުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމިއްޔަތު ދިރުވައި އާލާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ދިވެހި ޤައުމިއްޔަތު ކުރިއެރުވުމަށްޓަކައި އެހެން ސަރުކާރުތަކާ ނުބައްދަލު މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަމަލީ ގޮތުން ދިވެހީންގެ ބަހާއި ދީނާ މެދު ވިސްނައި، އެއަށް ވުނަކޮށް، ބަޔަކު އެއާއިމެދު ފިކުރުކުރާނެ ގޮތް ހަދައި، އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް އަމިއްލަވަންތަކަމާއި ޤައުމިއްޔަތު އަމާނާތްތެރިކަމާއެކު ވާރުތަކޮށްދެވޭނޭ މިންވަރަށް މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދެވީ މިސަބަބަށްޓަކައި ކަމަށާއި، ދިވެހި ތަރިކައިގެ އަސްލު ސިފަތައް ހޯދުމުގެ މަސައްކަތް، 50 ރިސަރޗަރުންނާއެކު ފަށައި، މާސްޓަރސް ޑިގްރީއާ ހަމައަށް ކިޔެވުމަށް 50 ސްކޮލަރޝިޕް އެޥޯޑުކޮށް 2025 ނޮވެމްބަރ 16ގައި އެމަސައްކަތް ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޯރަލް ހިސްޓްރީ މަޝްރޫޢު 94 ރަށުގެ ކައުންސިލަށް ތަޢާރަފުކޮށް، މި ވަގުތު 30 އިސްރަށްވެހިންނާ އިންޓަރވިއުކުރެވި އެ ބޭފުޅުންގެ ހަނދާންތައް އެއްކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާވެގެންވާ މަދަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ