ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ، ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ފަސްޓް - ހާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދޭދޭ ގައުމުތަކާއެކު ވިޔަފާރި އާއި، އިގްތިސާދުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އިގްތިސާދީ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް އިސްކަން ދެއްވާފައިވާ ކަަމަށް ވިދާޅުވެފަ އެވެ.
އިސްތިރާޖީގޮތުން މުހިންމު ބައެއް ގައުމުތަކުގައި ދިވެހީންގެ މަސްލަހަތު ތަމްސީލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ގަތަރާއި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީތައް ގާއިމުކުރައްވައި، 27 ގައުމަކަށް، ނޮން-ރެޒިޑަންޓް ސަފީރުން ޢައްޔަންކުރައްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ބޮޑެތި ޖަމިއްޔާތަކަށް ރާއްޖެއިން މަންދޫބުން ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ، އަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށްކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނި، ދިވެހި ހައްޖާޖީންނަށް ބޮޑެތި ލުއިތަކެއް ލިބެންފެށުން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި، ސަޢުދީ ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިގެ އިތުރުން، ދިވެހީންނަށް ވިސާއާ ނުލާ ދަތުރުކުރުމަށް، ތަޖިކިސްތާން، އަޒަބައިޖާން، މޮންގޯލިއާ އަދި ޑޮމިނިކާ ފަދަ ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ތައިލެންޑާއި ޔޫއޭއީ އަށް ދަތުރުކުރާ ދިވެހީންނަށް، އާސަންދަ މެދުވެރިކޮށް ސިއްހީ ހިދުމަތް ލިބޭނޭ އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާކަން ރައީސް ވިދާޅުވި އެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކުޑަދުވަސްކޮޅެއްގެ ތެރޭ ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދެއްވަނީ އިސްލާމީ ގައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ