މީރާއަށް ސެޕްޓެމްބަރުގައި 3 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް

މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މިއީ މީރާއިން ސެޕްޓެމްބަރުގައި ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ %33.7 އިތުރަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރާ އަޅާބަލާއިރު %30.7 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި ސެޕްޓެމްބަރަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެޕްޓެމްބަރެވެ.
ތަފްސީލު - މީރާއިން ސެޕްޓެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނީ، އެ އިދާރާއިން ބުނި ގޮތުގައި ޖީއެސްޓީ، ޓޫރިޒަމްގެ ބިމު ކުލި، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސްތަކާއި ފީތަކުގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމުންނެވެ.
އޭގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބުމަކީ ވެސް އެ އަދަދު އިތުރުވި ކަމެކެވެ. މިއީ މީރާއިން އާމްދަނީ އަންދާޒާ ކުރާއިރު ހިމަނާ ބައެއް ނޫނެވެ.
ސެޕްޓެމްބަރުގައި އެންމެ ގިނައިން އާމްދަނީ ލިބުނު ބައިތަކަކީ:
ޖީއެސްޓީ -1.2 ބިލިއަން ރުފިޔާ (%40.5)
ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 507 މިލިއަން ރުފިޔާ (%16.9)
ޓޫރިޒަމް ބިމު ކުލި - 404 މިލިއަން ރުފިޔާ (%13.4)
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 204 މިލިއަން ރުފިޔާ (%6.8)
ޑިޕާޗާ ޓެކްސް - 199 މިލިއަން ރުފިޔާ (%6.6)
ގްރީން ޓެކްސް - 195.7 މިލިއަން ރުފިޔާ (%6.5)
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 150 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 47 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ