'ޑްރީމް ބިޔޯންޑް ބޯޑާސް' ކޮންސަޓާއެކު ޓޫއޮފްއަސް ތާރީޚުގެ ތެރެއަށް
ދިވެހީންގެ އެއްބައިވަންތަކަމާއި, ފަންނުވެރިކަމާއި, ސަގާފަތް ގުޅުވާލަދީ, އުފާވެރި އިހުސާސްތަކެއް ގެނެސްދިން ކާމިޔާބު މިއުޒިކް ކޮންސަޓް "ޑްރީމް ބިޔޯންޑް ބޯޑާސް" ރޭ މެލޭޝިއާގެ ކުއާލާ ލަމްޕޫރުގައި ބާއްވައިފިއެވެ. މި ކޮންސަޓަކީ ދިވެހި ބޭންޑަކުން އިންތިޒާމްކޮށްގެން, ގިނަ ފަންނާނުންތަކަކަށް ފުރުސަތު ދީގެން ރާއްޖެއިން ބޭރުގައި ބޭއްވި ފުރަތަމަ ރަސްމީ ދިވެހި ކޮންސަޓެވެ. މީގެ އިތުރުން މި ކޮންސަޓަކީ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު ކޮންސަޓެއްކަމުގައި ކޮންސަޓް އިންތިޒާމްކުރި ޓޫއޮފްއަސް ބޭންޑުން ބުނެފައިވެއެވެ. ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ މި ކޮންސަޓް ބަލައިލުމަށްޓަކައި މެލޭޝިއާގައި ދިރިއުޅޭ ވަރަށް ގިނަ ދިވެހީން ހާޒިރުވިއެވެ. މެލޭޝިއާގެ ރޭ ބޭއްވި މިއުޒިކް ކޮންސަޓް "ޑްރީމް ބިޔޯންޑް ބޯޑާސް"ގެ ތެރެއިން: ޓޫއޮފްއަސްގެ އިތުރުން ދިވެހި ގިނަ ފަންނާނުން ޕާފޯމްކުރި -- ފޮޓޯ/ ސަން ޓޫއޮފްއަސް ބޭންޑުގެ އިތުރުން ދެން ކޮންސަޓުގައި ޕާފޯމްކޮށްފައި ވަނީ ސޯލޯ އާޓިސްޓް ޔޫސުފް, މެލޭޝިއާގެ ބޭންޑް - ޓޯން ކޮންސްޕިރޭޓާސް, ފަސީގެ ދަރިފުޅު ޖާ ހިމެނޭ ޒުވާން ދިވެހި ބޭންޑް ސްޕިޓްބޯލް, ހޭވައްލާ ބޮޑުބެރު, އިންޑިއާގެ ލަވަކިޔުންތެރީން ކަމަށްވާ ސުނިޝްތާއާއި އާރޫޝް އަދި މަޝްހޫރު ފަންނާނު ފަސީ ހިމެނޭ ބޭންޑް، ފަސީ ލައިވްއެވެ. ގިނަ ފަންނާނުންގެ ވަރުގަދަ ހުށަހެޅުންތައް ފެނިގެންދިޔަ މި ކޮންސަޓް ހުށަހަޅައިދިނީ މަޝްހޫރު ފަންނާނު އިސްމާއީލް ވަޖީހުއާއި ލަމްހާ ލަތީފެވެ. މެލޭޝިއާގެ ރޭ ބޭއްވި މިއުޒިކް ކޮންސަޓް "ޑްރީމް ބިޔޯންޑް ބޯޑާސް"ގެ ތެރެއިން: ޓޫއޮފްއަސްގެ ލީޑަރު، އަދުހަމް ރޭގެ ކޮންސަޓުގައި ޕާފޯމްކުރަނީ -- ފޮޓޯ/ ސަން ޓޫއޮފްއަސްގެ ހުށަހެޅުންތައް ފެނިގެންދިޔައީ ކޮންސަޓްގެ ފަހުބައިގައެވެ. ބަލަންތިބި ގިނަބަޔަކު ކޮޅަށް ތެދުވެ ޓޫއޮފްއަސް ބޭންޑުގެ އަދުހަމްގެ ލަވަތަކުގެ ފޯރީގައި ބައިވެރިވެ މުޅި ކޮންސަޓަށް އިތުރު ދިރުމާއި ފޯރި ގެނެސްދިނެވެ. ކޮންސަޓް ނިމުމަށްފަހު 'ސަން' އޮންލައިންއާ ވާހަކަދައްކަމުން އަދުހަމް ބުނިގޮތުގައި ހުވަފެންތަކުގައި އިމެއް ކަނޑައެޅިފައި ނުވާކަން ރޭ އެނގިގެން ހިނގައްޖެއެވެ. ދިވެހި މިޔުޒިކް އިތުރު ބޯޑަރުތައް ހުރަސްކުރާނެކަމަށާއި މިއީ އަދި ފެށުމެއްކަމުގައިވެސް އަދުހަމް ބުންޏެވެ. އަދުހަމް ބުނިގޮތުގައި މި ކޮންސަޓަކީ ހަމައެކަނި މިޔުޒިކް ޝޯއެއް ނޫނެވެ. މި ކޮންސަޓަކީ ދިވެހި ހުނަރުވެރިންނަށާއި ފަންނުވެރީންނަށް ދުނިޔޭގެ އުސް ސްޓޭޖްތަކަށް ކާމިޔާބުކަމާއެކު އެރިއްޖެކަމުގެ ހެއްކެކެވެ. ހުވެފެނެއް ހަގީގަތަކަށްވެ, އުއްމީދު އާވެގެންދިޔަ ހަރަކާތެކެވެ. ދިވެހީންނަށް ހުޅުވިފައިވާ ފުރުސަތުތަކުގެ ތަނަވަސްކަން ފެނިގެންދިޔަ އަލިގަދަ ހެއްކެއް ކަމަށް އަދުހަމް ބުންޏެވެ. މެލޭޝިއާގެ ރޭ ބޭއްވި މިއުޒިކް ކޮންސަޓް "ޑްރީމް ބިޔޯންޑް ބޯޑާސް"ގެ ތެރެއިން: ހޭވައްލާ ބޮޑުބެރު ރޭގެ ކޮންސަޓުގައި ޕާފޯމްކުރަނީ -- ފޮޓޯ/ ސަން ޓޫއޮފްއަސް ބޭންޑުން އިންތިޒާމްކުރި މި ކޮންސަޓުގެ މައި ސްޕޮންސަރަކީ ބަޓިކް އެއާގެ ރާއްޖޭގެ ޖީއެސްއޭ– ކޮންސިއޭޖް ގްރޫޕެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ އިތުރުން އެހެން ބައިވެރިންގެ އެހީތެރިކަންވެސް ލިބިފައިވެއެވެ. ކޮންސަޓްގެ ޕްރޮޑަކްޝަން ޕާޓްނަރަކީ މެލޭޝިއާގެ ފެޓްކެޓްޒްއެވެ. އިވެންޓްގެ ލައިވްކަވަރޭޖް ހަދައި ބްރޯޑްކާސްކުރީ ސަންސިޔާމް މީޑިއާގެ އެސްއެސްޓީވީންނެވެ. "ޑްރީމް ބިޔޯންޑް ބޯޑާސް" ކޮންސަޓް މިހާރު އެސްއެސްޓީވީގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ