ސަމާލުވާށެވެ! މީހަކަށް ގެއްލުމެއް ނުދިނަސް މީހަކަށް އެއްވެސް ގެއްލުމެއް ލިބެން އެދެވިފަ އޮތުމަކީވެސް އޭނާގެ ކިބައިން ޙަލާލް ހޯދަންޖެހޭނެ ކަމެއް!

އަހުރެން މިވާހަކަ މިދައްކަނީ ކިތަންމެ އެކުގައި އުޅުނަސް އަނެކާއަށް ހިތްހެޔޮކުރެވޭ މީހުން މަދުވަމުން އަންނާތީއެވެ. އަނެކާއަށް ރަނގަޅު ގޮތެއް މެދުވެރިވުމަށް އެދޭމީހުން މިހާރު ވަރަށް މަދެވެ. އަނެކާއަށް ރަނގަޅު ގޮތެއް މެދުވެރިބވުމުން، "އަހުރެން ވަރަށ އުފާވެއްޖެ! އަހުރެން ތިބާއަށްޓަކައި ހެޔޮދުޢާކުރަން" ކަމަށްބުނިނަމަވެސް ގިނަ ބައެއްގެ ޙަޤީޤަތަކީ އެއީކަމަށް މިހާރު ޤަބޫލުކުރެވޭކަށް ނެތެވެ.  
ވިސްނާށެވެ! ހިތަށް އަރާ ކަންކަން އެނގޭނީ އެމީހަކަށެވެ. ދެން އެކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ މީހަކަށް ދެރައެއް ލިބުމަށް އެދެވުނަސް އެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މުސްލިމުން ވާންޖެހޭނީ އެހެން މީހުންނަށް ދެރަ ލިބެން އެދޭ ބައަކަށް ނޫނެވެ. އެހެން މީހުންނަށް ރަނގަޅު ގޮތްމެދުވެރިވުމަށް އެދޭ ބައަކަށެވެ.  
މީހަކަށް ދެރައެއް ލިބުމަށް އެދެވިފައިވީނަމަވެސް، އެފަދަ ކަމެއް ހިތަށް އެރިނަމަވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! އަދި ތިމާއަށް ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ!  
ހަމައެއާއިއެކު އެކަމުން އެމީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އަދި ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެމީހާގެ ކިބައިން މާފަށް އެދޭށެވެ! ނޫން ނަމަ ޤިޔާމަތް ދުވަހުން ބަދަލުދޭންޖެހޭނެއެވެ!  
މުސްލިމުން ވާންޖެހޭނީ އެހެން މީހުންނަށް ހެޔޮއެދޭބައަކަށެވެ. ގެއްލުމާއި އަނިޔާ ލިބެން އެދުމެއް ނެތެވެ. މިއީ އެންމެންވެސް އަދި ކޮންމެ ޙާލަތެއްގައިވެސް ވިސްނަން ޖެހޭނެ ކަންކަމެވެ.  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިނުމަކީ ކުރެވޭ އެންމެ ބޮޑު އެއްފާފައެވެ. އަދި މީހަކަށް ދެރައެއް ލިބުމަށް އެދުމަކީވެސް ކުރެވޭ ބޮޑު ފާފައެކެވެ. ވީމާ އެއްވެސް މީހަކަށް ދެރައެއް ލިބުމަށް އެދެންވެސް ހެޔޮނބުވާނެއެވެ.  
މީހަކު ތިބާއަށް ދެރައެއް ދިން ނަމަވެސްމެއެވެ. އެމީހަކު ކުރި ކަންތައް އެމީހަކަށް ދޫކޮށްލާށެވެ. އެކަމުގެ ސަބަބުން ތިމާއަށް ދެރަގޮތެއް މިންވަރު ނުކުރެއްވެވުން އެދި ދުޢާކުރާށެވެ! ދެރަ ދިން މީހާގެ ކިބައިން ބަދަލުހިފަން މަސައްކަތް ނުކުރާށެވެ. އެއިރުން އެމީހަކަށް ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 
އަބަދުވެސް ޔަޤީންކުރަންވީ ތިމާއަށް ދެރައެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް މެނުވީ ތިމާއަށް މެދުވެރިނުވާނެ ކަމެވެ.  
ތިމާގެ ހިތް އެންމެންގެ މައްޗަށް ޠޯހިރުކުރާށެވެ! އެއްވެސް މީހަކަށް ބުރަކަމެއް ނުބާއްވާށެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް އުފާވެރިކަން ލިބޭނީނ އެއިރުންނެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ