ހަަމައެކަނި އުމުރަށް ނުބަަލައި ވިރާތާއި ރޯހިތާ މެދު ގޮތެއް ނިންމަންޖެހޭ ހަަމައެކަނި އުމުރަށް ނުބަަލައި ވިރާތާއި ރޯހިތާ މެދު ގޮތެއް ނިންމަންޖެހޭ

މުމްބާއި، އިންޑިއާ (އޮކްޓޫބަރު 28) - އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާ އަށް ކުރިއަށް އޮތްތަނުގައި ގައުމީ ޓީމުން ފުރުސަތު ދޭއިރު، ހަމައެކަނި އުމުރަށް ބަލައިގެން ގޮތެއް ނުނިންމުމަށް އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ކްރިސް ސްރިކާންތު ބުނެފި އެވެ.
ދާދި ފަހުން، އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ޓުއާގައި 2-1 އިން އިންޑިއާ ބަލިވި ނަަމަވެސް ފަހު މެޗުން މޮޅުވީ ވިރާތު އާއި ރޯހިތުގެ ޕާޓްނާޝިޕުންނެވެ. ފުރަތަމަ ދެ މެޗުން ލަނޑެއް ވެސް ނުހެދި ފާޑުކިޔުން އާމާޒުވި ވިރާތު ވަނީ ފަހު މެޗުގައި، ނުބައިނުވެ 74 ލަނޑު ހަދައިފަ އެވެ. އަދި، ރޯހިތު ވަނީ 121 ލަނޑު ހަދައިފަ އެވެ. މި ދެ ކުޅުންތެރިންގެ ޕާޓްނާޝިޕްގެ ޖުމްލަ އަކީ، 168 ލަނޑެވެ.
އުމުރުން 36 އަހަރުގެ ވިރާތު އާއި 38 އަހަރުގެ ރޯހިތު ވަނީ އިންޑިއާގެ ޓީ20 ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ އަށް ފަހު އޯޑީއައި ޓީމުން ވެސް ވިރާތު އާއި ރޯހިތު ކުޅުން ހުއްޓާލާނެކަން ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެކަަމަކު، އެ ދެ ކުޅުންތެރިން ނިންމީ އަދި އޯޑީއައި ކެރިއަރު ކުރިއަށްގެންދިއުމަށެވެ.
ދެން އެންމެ އަވަހަށް، 2027 ވަނަ އަހަރު އޮންނަ އޯޑީއައި ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ވިރާތު އާއި ރޯހިތު އަދިވެސް ދީފައިނުވާ ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެެވެ. ވިރާތު އާއި ރޯހިތު އަށް 2027 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭނީ، ޑޮމެސްޓިކް މުބާރާތްތަކުގައި ރަނގަޅުވާދައެއް ކޮށްގެން ކަމަށް އިންޑިއާގެ ކުރީގެ އޯލްރައުންޑަރު، އިރްފާން ޕަޓަން ވަނީ ބުނެފަ އެެވެ.
އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އިންޑިއާގެ ސިލެކްޝަން ކޮމިޓީގެ ކުރީގެ ޗެއާމަން، ސްރިކާންތު ބުނީ، ހަމައެކަނި އުުމުރަށް ބަލައިގެން، ވިރާތު އާއި ރޯހިތަށް، 2027 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުދިނުމަކީ ހެދޭނެ ގޯހެއް ކަމަށެވެ. އޭގެ ބަދަލުގައި، އެ ދެ ކުޅުންތެރިންގެ ފިޓްނަސް އާއި ފޯމު ދަމަހައްޓާ މިންވަރަށް ބަލައިގެން ގޮތެއް ނިންމަން ސްރިކާންތު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ