ފެނަކައިގައި އިހުމާލުވާ މުވައްޒަފުންގެ ޑިޕާޓްމަންޓް ބަދަލުކުރުމަކީ ހައްލެއް ނޫން، ވަކިކުރަން ޖެހޭ: އަބްދުލްޣަފޫރު

ފެނަކަ ކޯޕަރޭޝަންގެ ތެރޭ މިހާރު ވެސް މަސައްކަތަށް ފަރުވާ ކުޑަކޮށް، މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކުރާ މީހުން ތިބިއިރު އެ މީހުން މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށާއި، އެ މީހުން މަގާމުގައި ތިބެން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ. ކޮރަޕްޝަންގެ އިތުރުން ބޮޑެތި މައްސަލަތަކުގެ ސަބަބުން ބޮއްސުންލާފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި، އެ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައްވައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު މި މަހުގެ ފުރަތަމަ ދުވަހު ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަންގައި ޝާމިލުވާ މުވައްޒަފުން މިހާރު ވެސް އެ ކޯޕަރޭޝަންގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. "އެހެންވީމާ މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުކުރުން އުޒުރެއް ނޫން އެއީކީއެއް، މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުވުމަކީ އުޒުރެއް ނޫން. މަގާމުތަކުގައި އެތާ ތެރޭގައި އެ މީހުން ތިބެގެން ނުވާނެ،" އަބްދުލްޣަފޫރު ވިދާޅުވިއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ/ މަޖިލިސް އޭނާ ވިދާޅުވީ، އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެފަދަ މުވައްޒަފުން ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށާއި، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ. އަބްދުލްޣަފޫރުގެ ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، މިކަމުގައި ބައިވެރިވާ މުވައްޒަފުންގެ ލިސްޓެއް ހޯދުމަށް އެދިފައިވާ ކަމަށާއި މިއަދު އެ ލިބޭނެ ކަމަށެވެ. "މި ރިޕޯޓުން އެނގޭ މިއީ އެމްޑީ އެކަނި ކޮށްފައި އޮތް ކަމެއް ނޫންކަން، ވަރަށް ބައިވަރު މީހުންގެ އިހުމާލުންކަން މި ހިސާބަށް ކަންކަން ގޮސްފައި އޮތީ. އަޅުގަނޑުމެން ކޮމިޓީން އެދިގެން ހަތަރު އަހަރު ވަރު ނެގި އޮޑިޓުކުރަން، ކަނޑައެޅިގެން އޮޑިޓަރު ޖެނެރަލް ބުނެފައި އެބައޮތް މައުލޫމާތު ނުދެޔޭ އެވެނިކަމެއް ނުވެޔޭ،" އަބްދުލްޣަފޫރު ވިދާޅުވިއެވެ. އަބްދުލްޣަފޫރު މިފަދައިން ވިދާޅުވީ، ފެނަކައިގެ ވަކިވަކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވައިގެން ގޯހެއް ހެއްދެވިކަމުގެ ތުހުމަތުވާ ބޭފުޅުން ބަދަލުކޮށްފައިވާ ކަމަށާއި، ޕްރޮކިއުމަންޓާއި ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ އިސްވެރިން ބަދަލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެފައި ވަނިކޮށެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް -- ފޮޓޯ/ މަޖިލީސް އޭނާ ވިދާޅުވީ، ފެނަކައިގައި ހުރީ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މިހާރު އެ ކުންފުންޏަށް އިއުލާނު ނުކޮށް ވެސް މުވައްޒަފުން ނެގުމުގެ ބާރު އެބައޮތް ކަމަށެވެ. އެކަމަކު، އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތަށް އެކަން ވެސް އިސްލާހުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/213039 "އަޅުގަނޑުމެންގެ ގަވާއިދުތަކާއި އުސޫލުތައް ހެދިފައި އޮންނަ ގޮތުން އަޅުގަނޑުމެންނަށް މިހާރުން މިހާރަށް ތަންދޭ، އިއުލާނު ނުކޮށް މީހުން ނެގުން. އެހެންނަމަވެސް އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވަނީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް،" އޭނާ ވިދާޅުވިއެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، އެހެންވެ އެ މައްސަލަ ހައްލުކުރަން ގަވާއިދަށް އިސްލާހު ގެންނާނެ ކަމަށެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި މުވައްޒަފުން ގިނަ ކަމަށް އޭނާ ވެސް ވަނީ އެއްބަސްވެލައްވާފައެވެ. އެކަމަކު، އެ މުވައްޒަފުންގެ އިތުރަށް ވެސް ޓެކްނިކަލް މުވައްޒަފުން ބޭނުންވެއްޖެ ހާލަތެއްގައި ނަގަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރަން ވެސް މުވައްޒަފުންގެ އަދަދު ލިމިޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފެނަކައަކީ އަބަދު ވެސް ސިޔާސީ ބޭނުމަށް ބޭނުންކުރާކަމުގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވާ ކުންފުންޏެވެ. ކޮރަޕްޝަންގެ ދައުވާއެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ކްރިމިނަލް ކޯޓުން ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް މި ފަހުން ވަނީ އިއްވާފައެވެ. އޭނާއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު، ތުހުމަތުތަކަށް އޭނާ އިންކާރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ